"ތިބާގެ އެކަނިވެރިކަމާއިމެދު ދެރަނުވާށެވެ. އެކަނިވެރިކަން ހެޔޮގޮތުގައި ބޭނުންކޮށް އެކަމުގެ ފައިދާ ލިބިގަންނާށެވެ. ނަމާދު ގާއިމުކޮށް ސުންނަތްކޮށް ގުރުއާން ކިޔަވާ ޒިކުރުކުރުން މަތީގައި ދެމި ހުންނާށެވެ."

***

އަސަލް...ދަރިފުޅާ..." އަންހެންމީހާ ގޮވައިލުމުން ޒުވާނާގެ ނަން އާޔާއަށް އެނގުނެވެ. ނަމާއި އެއްވަރަށް އަޚުލާގު ރީތި ޒުވާނެކެވެ. އެލޮލުން ފާޅުވަނީ އަޖައިބެއްފަދަ އޯގާތެރިކަމެކެވެ. ފަނޑު ހިނިތުންވުމެއް ތުންފަތުގައިވިއެވެ. އަސަލް އޭނަގެ މަންމައަށް ސަމާލުކަން ދޭވަރު އާޔާއަށް ފެނުނެވެ. ހަޔާތުގެ ބައިވެރިޔެއްގައި ހުންނަން އޭނަ އެންމެ ހިތްއެދުނުފަދަ ސިފަތައް ހުރި މީހަކީ މިއީއެވެ. މަންމައަށް އޯގާތެރި ފިރިހެނެއްވިއްޔާ އަނބިމީހާއަށް ކަމޭހިތާނެކަމުގައި އޭނަގެ ހިތް ބުނަނީއެވެ.

އަސަލްއާއި އޭނަގެ މަންމަ އެތަނުގައި ތިބި ވަގުތުކޮޅު އަސަލް ގެ ހުރިހާ ސަމާލުކަމެއް މަންމައަށް ހުސްވެފައިވިއެވެ. އެންމެ ފަހަރަކުވެސް ފޯނުގައި އަތް ނުލައެވެ.ބިލް ދައްކާލާފައި އަސަލްމެން ނިކުންނަން ދިޔަ ވަގުތަކީ އާޔާގެ ދެބެންގެ ދެދަރި ލައިކާވެސް އެ ރެސްޓޯރެންޓަށް ވަންނަން އައި ގަޑިއެވެ.

"ދެންމެ ނުކުމެގެން އެދިޔައީނު ބޯއިއެއް. އެއީ މަ ބުނާ އެރީތި ފިރިހެންކުއްޖާ. ކައުނު ނޫހުގެ ސީއީއޯ....."

"އެހެންތަ؟"

"އެއީ ކާއިނާތުގެ ލޯބިވެރިޔާ....."

އާޔާގެ ހިތުގައި މީހަކު ހިފާ ލުއްކިއެއް ޖެހިފަދައެވެ. ބުނަންނޭގޭފަދަ ވޭނެއް ހިތުގައި އެޅިއެވެ.

"އާޔާ ދެކުނިންތަ؟ ކައުނު ނޫހުގައި ޖަހާފައި އިން އާޓިކަލްއެއްގައި އެބައިން މި މަންތުގައި ގިޔާމަތްވަނީއޭ. އެ ކާއިނާތު ކިޔާ ނޫސްވެރިޔާގެ ހެޑްލައިންތައް ކިޔާފައިވެސް މީހަކު ބޮލަށް އެނބުރުން އަރާނެ..އޭނަ ގަސްތުގައި ފޭމަސްވާންވެގެން ނޫސްތަކުގައި ދޮގު ޚަބަރުލިޔަނީ ކަން ނޭގޭ....." ލައިކާ ގެ މޫނުގައި އެއްވެސް މޭކަޕެއްނެތެވެ. ސާދާ އަންހެންކުއްޖަކަށްވިޔަސް މަޖާވެސް ކުއްޖެކެވެ. ޗަބީވިޔަސް އޭނަ ބުނާގޮތުން ގުރުބާންކޮށްލަން ނުކެރޭނެ އެއްޗަކީ ކެއުމެވެ.

"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސްގައިވާހާ ގިޔާމާތުގެ އެންމެ ބޮޑެތި އަލާމާތްތައް މަހެއްގެ ތެރޭ ވާނެތަ؟ މިސާލަކަށް މަހުދީ ފައުޅުވުން އީސާ އަލައިހިއްސަލާމް ދުނިޔެއަށް ފައިބާވަޑައިގަތުން ދައްޖާލު އާއި ޔައުޖޫޖު މައުޖޫޖު އައުން. ބިމުގެ ދާއްބަ އެރުމާއި ހުޅަގުން އިރުއެރުން އެހެންގޮސް ބައިވަރުކަންތައް އެބަހުރި. ތިއީ ސައިންޓިސްޓުން ދައްކާ ބޯގޯސް ވާހަކަ. އެމީހުން ކިޔާ އެއްޗެއް ދުވަހަކު ދިމަލެއްނުވޭ.. ގިޔާމަތްވުމުގެ ކުރިން ފައުޅުވާ ބޮޑެތި އަލާމާތްތައް އަދި ނުފެނެނީސް ގިޔާމަތްވާނެކަމަށް ކާއިނާތު ގަބޫލުކުރީތީ ހައިރާންވެއްޖެ. " އާޔާ ބޯ ހޫރައިލިއެވެ.

"ނޫނޭ އާޔާ. މިހާރުވެސް ދޭތެރެއަކުން މަހުދީކަމަށް ދައުވާ ކުރާ މީހުން އަރަބިކަރައިން ފެނޭ. ވެޓިކަން ސިޓީއިންވެސް ޖީސަސްއޭ ކިޔާފައި ނަސާރާއަކު ގެނެސް އަރުވާފައި ބުނެފާނެ އެންމެން އީސާއީދީނަށް ވަންނާށޭ. ދައްޖާލުވެސް އެގޮތަށް ގެނެސްފާނެ......................"

އާޔާ ކާއިނާތު ލިޔެފައި އިން ޚަބަރުކިޔަމުން ދިޔައެވެ. ކާއިނާތުގެ ކުޑަ ފޮޓޯއެއް އޭނަގެ ނަމުގެ ކައިރީގައި ހުއްޓެވެ. އާޔާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ރީތި އަންހެންކުއްޖެކެވެ. ޖެހިލުންކުޑަކަމާއި އަމިއްލަ ނަފުސަށް އިތުބާރުކުރާ ފާޑު މޫނުމަތީގައި ޖަހައެވެ.ވީއިރު އޭނަގެ ހުވަފެންތަކުގެ ވެރިޔާއަކީ އެހެން މީހެއްގެ މިލްކެއްތާއެވެ. އެއް މަސައްކަތެއްގައި އުޅޭ މީހުންނަށް އެކީ އުޅެން ފަސޭހަވެސްވާނެއެވެ. އެއްފަރާތުން ވެވޭ ލޯތްބެއްކަން އެނގުނު ވަގުތުން ފެށިގެން ހިތުގައި ރޯވެފައިވި ލޯބީގެ ހުޅުކޮޅު ކަނިކަނިލާފައި ނިވުމުގެ އިންޒާރު ދިނެވެ. ހަޔާތަށް އަނދިރިކަން ވެރިވެ މާޔޫސްވާގޮތްވިއެވެ. އަނދިރިކަން ދުނިޔޭގައި ރަސްކަންކުރަން ފެށިއެވެ.

"ވަރަށް ހޫނުވެެފައި މިހިރީ. އޮރިޖިނަލް ރެއިންބޯ އައިސްކްރީމް ބޮޑު ތަށްޓެއް ދީބަލަ............" ލައިކާ ފްރިޖްގެ މަތިގަނޑު ހިއްލާލާފައި އައިސްކްރީމް ބޮޑު ބޯތަށްޓެއް ހިފައިގެން އައިސް ކައުންޓަރާއި އެންމެ ގާތުގައި ހުރި މޭޒުގައި އިށީދެ ފަހަރަކު ސަމުސަލެއް އަނގަޔަށް ލާންފެށިއެވެ. އެގަޑީގައި އެހެން ޒުވާނަކު ވަދެ އެސްޕްރެސޯއަކަށް އޯޑަރުދިނެވެ. އޭނަގޮސް އެންމެ ކަނުގައި ހުރި މޭޒުގައި އިށީންގޮތަށް އަމިއްލަ ދުނިޔެއެއްގައި އަމިއްލަ ޚިޔާލެއްގައި އިންފަދައެވެ. އެޒުވާނާއާއި އަސަލް ވައްތަރުގޮތެއް ހުރިކަން ފާހަގަކުރެވުނެވެ. ތިމާގެއީކަމަށްވެސް ވެދާނެއެވެ.

"ވަރަށް ލޯބި..."ލައިކާ އަނގަ ހަރަކާތްކޮށްލިއެވެ."އަސަލްގެ ޓްވިން...."

"ވަޓް؟" އާޔާ ދިޔައީ ސިއްސައިގެންނެވެ.

***

ކައުނު ނޫހުގެ ބައެއް މުވައްޒަފުން ކޮންފެރެންސްރޫމްގައި ބައްދަލުވުމެއްގައި ތިބިއިރު ކާއިނާތުގެ ޚަބަރާއި ގުޅިގެން ދިމާވި މައްސަލަތަކަށް ބަހުސްކުރެވުނެވެ. އެކަމާއި ހިތްހަމަނުޖެހިފައި ހުރި ޖީލާންގެ ނިތްކުރިއަށް އަރާފައިވާ ރޫތައް އެއްފަހަރުވެސް ނުފިލައެވެ. ކާއިނާތު އެތައްފަހަރު އެގޮތަށް ނުބައި ޚަބަރުތައް ގެނެސްދީފައިވާތީ އެކަމާއި ޖީލަން މައްސަލަ ޖެއްސިއެވެ.

"ޖާނަލިސްޓެއްވިއްޔާ އެމީހެއްގެ މަަސައްކަތުގެ އެކިއުރެސީއާއިމެދު ޒިންމާވާން ޖެހޭނެ. އެހެންވެ މައުލޫމާތު ވެރިފައިކޮށްފައި ޚަބަރުލިޔަންވީ. އަދި މުޅި ޚަބަރުގައިވެސް ރަގަޅު މައުލޫމާތު ހޯދާ އަޕްޑޭޓްވެސްކުރަން ޖެހެނީ. ކާއިނާތު ހިތަށް އެރި އެއްޗެއް ލިޔެ ކުރީފަހަރުވެސް ހޫނު ފެނަށް ވެއްޓުނީ. މީހަކު މަރުނުވަނީސް މަރުވެއްޖެއްޔޭ ކިޔާފައި. މިހާރު ގިޔާމަތްވާނެ ވަގުތު ކާއިނާތުއަށް އެނގުނުގޮތެއްވެސް ނޭގޭ..............." އެޑިޓަރ ޖީލާންގެ ވާހަކަތައް އަހަން ކާއިނާތު އިނީ ނިކަން ހަމަޖެހިފައެވެ.

"ކާއިނާތުތަ ނޫނީ ގިޔާމަތުތަ މިއިނީ؟"މިސްބާހު ސަމާސާކޮށްލިއެވެ. މީހަކު އަންދާފަދަ ހޫނު ނަޒަރަކުން ކާއިނާތު ބަލައިލިއެވެ.

"އެއްމަސްތެރޭ ގިޔާމަތް ނުވާނެކަމުގެ ޔަގީންކަމެއް ޖީލާންއަށް އެބައޮތްތަ؟ އެއްވެސް މީހަކަށް އެކަން އެނގޭނެގޮތެއްނެތް. ފަލަކީ އިލްމުވެރިން އެބަ ޔަގީންކޮށްދޭ ފަނާކުރުވަނިވި ގިނިހިލައެއް ބިމުގައި ޖެހިދާނެކަން.އަދި އެމީހުން ލަފާކުރަނީ ތިރީސްހާސް އަހަރުން އެއްފަހަރުވިޔަސް އެފަދަ ފަނާކުރުވަނިވި ހިލައެއް ދުނިޔޭގައި ޖެހުމުގެ ފުރުސަތުއޮތްކަން.. އެކަމަކު އެމީހުންނަށް ގިޔާމަތްވާނެ އިރެއް ކިހިނެއް އެނގޭނީ؟ދެނެވޮޑިގެންވަނީ ގިޔާމަތްވަނީ ކޮންއިރަކުކަމާއި،ދުންތަރިއެއް ނޫނީ ގިނިހިލައެއް ދުނިޔޭގައި ޖެހިގެން ނުވަތަ ނޫންކަމަކީ ޣައިބުގައިވާ އިލްމު. އެކަންތައް ދެނެވޮޑިގެންވަނީ އެންމެ ފަރާތަކުން. އެކަމަކު މިދައްކަނީ ދުނިޔެއަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތްތައް. އެނގޭތަ؟ އެހާ ބޮޑު ގިނިހިލައެއް ފަސްދޮޅަސްފަސް މިލިއަން އަހަރުކުރިން ދުނިޔޭގައި ޖެހި ހުރިހާ ސާރުތައް ދުނިޔެއިން ނެތިގެން ދިޔައީ. ސޯ ކާމް ޑައުން ޖީލާން........" ކާއިނާތު ނޯޓްފޮތް މޭޒުމަތީގައި ބާއްވައިގެން ހިނިތުންވުމާއެކު ޖީލާންއަށް ބަލަން އިނެވެ."އަހަރެން އެ ޚަބަރު އެޑިޓްކޮށްލައިފިން. މިހާރު ޝޮކިން ޚަބަރަކަށްނުވާނެ..."

"ސާރުއަކީ ރާމާމަކުނުތަ؟" ބިލާލް ސުވާލުކުރިއެވެ. މިސްބާހު އެދުނީ ދިވެހި ރަދީފު ހުޅުވައިގެން ދަސްކުރުމަށެވެ.

"ކޮންމެވެސް މީހަކު މިއަދު ހޮސްޕިޓަލަށް ގެންދިޔަ.."

"ކިހިނެއްވީ އަނެއްކާ؟"

"ކާއިނާތުގެ ޚަބަރު ކިޔާފައި ހާޓްއެޓޭކެއް ޖެހުނީއޯ...."މިސްބާހު އިނީ ހިނިތުންވެލައިގެންނެވެ. އޭނަ ސީރިޔަސްވެގެން އިންނަތަނެއް ކާއިނާތު ދުވަހަކު ނުދެކެއެވެ. ޖަނާޒާއަކަށް ދާއިރު އަނގަމަތީ މާސްކު އަޅައިގެން ހުންނަން ކާއިނާތު ވަނީ އޭނައަށް އިންޒާރުކޮށްފައެވެ.

"އަސްތަޣުފިރުﷲ..."ޖީލާން ސީރިޔަސްވިއެވެ.

"ހާޓްއެޓޭކް ޖެހުނު މީހާ އެހާ ބިރުގަތީ އެންމެން އެކީ ފަނާވެދާނެތީތަ؟ މީހެއްގެ މަރުގެ ވަގުތުޖެހުނީމަ އޭނައަށް ގިޔާމަތްވީނު. ވީމަ ޚަބަރެއް ކިޔާފައި ހާޓްއެޓޭކް ނުޖެހި އެ ޚަބަރުން އެންމެން ހޭލަންވެއްޖެއެއްނު. ކޮންމެ މީހަކަށް ކޮންމެ ވަގުތެއްގައި އެންޑް އައިސްދާނެކަމާއި ރަގަޅަށް އުޅެން....." ކާއިނާތު ބުމަ ކައިރިކޮށްލިއެވެ." ޖީލާން ހާދަ ސްޓްރެސް ބޮޑުވެގެން ތިއުޅެނީ. ނަމާދުކުރިންތަ؟ ގިނައިން ސަޖިދައިގާ އޮތީމަ މޫޑު ރަގަޅުވާނެ.ނަމާދުކުރާ މީހުން ތިހާ ކަންތައްތަކާއި ބޯ ގާނައިގެން ނޫޅޭނެ....."

މިސްބާހު ހިނިގަނޑު ފަޅައިގެން ދިޔައެވެ.

އަސަލް ފެނުމާއެކު އެންމެން މައިތިރިވެ ހުރިހާ ސަމާލުކަމެއް އޭނައަށް ދިނެވެ. އަސަލް ދިނީ އުފާވެރި ޚަބަރެކެވެ. ނާސާގެ އެސްޓްރޮނޯޓެއްކަމަށްވާ ސައިރަސް ރިޒޯޓުގައި ޗުއްޓީހޭދަކޮށްލަން ރާއްޖެ އަންނަނީއެވެ. އޭނަ އަންނަނީވެސް އަމިއްލަ ޖެޓެއްގައެވެ. ސައިރަސްއާއި އިންޓަވިއުކުރުމުގެ ފުރުސަތު ކައުނު ނޫހުގެ ކޮންމެވެސް ކުއްޖަކަށް ދޭން އޭނަވަނީ ނިންމާފައެވެ. ސައިރަސް މާލެ އަންނާނެކަން އިތުރު އެއްވެސް ބަޔަކަށް ނޭގޭނެ ކަމަށާއި އެއީ އަމިއްލަ ދަތުރެއްކަމުގައި ބުނެ އެކަން ސިއްރުކޮށްދޭން އަސަލް އެދުނެވެ.

"އަޅުގަނޑު ދާން ބޭނުން...." ކާއިނާތު އަވަސްވެފައިވާ ހިތަކާއިއެކު ތެދުވުނެވެ.

"އެންމެނަށް ހަމަހަމަޔަށް ފުރުސަތު އޮންނަންވާނެ. ސައިރަސްއަކީ ނާސާގެ މަޝްހޫރު ނަމެއް. އަނެއްކާ ސްޕޭސް ކޮމާންޑަރެއްގެ ގޮތުގައިވެސް މަސައްކަތްކުރި ހަދާނެއްވޭ..............."ބިލާލް އެދުނެވެ.

"އޭނަ ފުރަތަމަ ވޯމް ހޯލް ހޯދީ. ސައިރަސްގެ ސްޕޭސްކްރާފްޓް ވޯމް ހޯލްއަކުން ގޮސް އެެހެން ގެލެކްސީއަކަށް ދިޔައެއްނު.. ސްޕޭސް ކޮމާންޑަރެއްގެ ގޮތުގައި ސައިރަސްގެ ބައްޕަ ދެފަހަރު ޖައްވަށް ދުރުވި.........."ކާއިނާތު ފަންސުރުގެ ރަބަރުކޮޅުގައި ދަތްއެޅިއެވެ. ސައިރަސް ރިޒޯޓަކަށް އަންނަ ޚަބަރު ލިބުނީއްސުރެ ހިތުގެ ތެޅުން މަޑެއްނުވެއެވެ. އެއީ އޭނަ ދުނިޔެއިން އެންމެ ގަދަރުކުރާ ލޯބިވާ ފަރާތެވެ. އޭނަގެ ތަރިއެވެ.

"ތިއީ ހަމަ ތެދެއްތަ؟" ޖީލާން ލޯ ކުޑަކޮށްލިއެވެ.

"ކާއިނާތުއަށް އޮޅިގެންވެސް ދޮގެއް ހަދާކަށް ނޭގޭނެ...ކާއިނާތުގެ މާނައަކީ ޔުނިވާސް. އެހެންވީމަ އެހާ ބޮޑަށް އެނގެނީ. ކާއިނާތު. ސީރިޔަސްކޮށް ތިހާވަރުން ފަލަކުގެ ކަންތަކާއި އުޅެނީ ކީއްވެ؟" ބިލާލް ސުވާލުކުރިއެވެ.

"ކާއިނާތުއަކީ ހަމައެކަނި ޖާނަލިސްޓެއްނޫން. ފަލަކީ އިލްމުވެރިއެއް. ދުވަސްކޮޅެއްފަހުން ނާސާއިން ފެންނާނީ..." މިސްބާހު ހިނިގަނޑެއް ޖަހައިލިއެވެ."އެގޮތަށް ހުވަފެން ދެކެމުންގޮސް ހުވަފެންތަކުން ކާއިނާތު ޚަބަރުވެސް ލިޔަނީ ދޯ...."

"އެސްޓްރޮނޯޓްއަކާއި އިންޓަވިއުކުރަން ކާއިނާތު ފޮނުވުން އެންމެ ރަގަޅީ. ސަބަބަކީ ފަލަކުގެ ޚަބަރުތައް ހޯދާ އެ ސެކްޝަން ކާއިނާތު ރަގަޅަށް ބަލަހައްޓާތީ. ޔުނިވާސްއާއިހެދި އެހާވަރުން އުޅޭ ކުއްޖަަކަށް އެކަހަލަ ފުރުސަތެއް ލިބުނީމަ ދޭން ޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަން........"

އަސަލްގެ ލޯބިވެރިޔާއަށް ވުމުން ކާއިނާތުއަށް އެ ފުރުސަތު ލިބޭނެކަން އެންމެނަށްވެސް އެނގުނެވެ. އަސަލް އެހާވަރުން ދީވާނާވަނީ ކާއިނާތުގެ ކޮން ސިފައެއް ހުރެގެންތޯ ޖީލާން ހިތާހިތުން ސުވާލުކުރިއެވެ. ލޯތްބަކީ އަޖައިބެއްފަދަ އެއްޗެކެވެ. އޭނަ ކާއިނާތު ފެނުނަސް ރުޅިއާދެއެވެ. އެކުއްޖާ އުޅޭގޮތުން ބޮލުގައި ރިއްސައިލައެވެ. ކާއިނާތު ބަލިވެގެން ނާދެވޭނެ ދުވަހަކަށް ސިއްރުން އިންތިޒާރުކުރެވެއެވެ. އެކަމަކު ގަދަޔަށް ރޯނގާ ޖެހިފައި ހުއްޓަސް ގަވައިދުން އޮފީހަށް ހާޟިރުވާނެއެވެ. ނުވީތާކަށް ކޮންމެފަދަ ހާދިސާއެއް ހިނގާއިރަށް ބޯވާރޭގައިވެސް ރަތްދަކަ އަވީގައިވެސް އެކުއްޖާ އެތާކު ހުންނާނެއެވެ. މުޒާހިރާއެއް ހޫނުވާއިރުވެސް އޭނަ ނެތިއެއްނުދާނެއެވެ. ކާއިނާތު ބޭނުންވަނީވެސް އޭނަގެ ނަން މަޝްހޫރުވެ އެންމެން ދަންނަ މޫނަކަށް އޭނަ ވުމެވެ.

***

ކާއިނާތު ބައްދަލުވުން ނިންމާލުމަށްފަހު އޮފީހުގައި އިންއިރުވެސް ވިސްނެމުން ދިޔައީ ސައިރަސްއާއި ބައްދަލުވެގެން ކުރާނެ ސުވާލަކާއިމެދުގައެވެ. މިފަދަ ބޮޑު ނިއުމަތެއް އޭނައަށް ލިބެނީ ކުރެވުނު ކޮންފަދަ ރަގަޅުކަމަކުންބާވައޭ ހިތަށް އެރިއެވެ. ކޮންފަދަ ބޮޑު އިއްތިފާގެއްހެއްޔެވެ؟ އޭނަގެ ހިތުގެ ވެރިޔާ ކައިރިއަށް މިހާ ފަސޭހައިން ދެވިދާނެކަމަށް އޭނަ އުއްމީދުކޮށްފައެއް ނެތެވެ. އެންމެ ބިރުގަންނަނީ އޭނަގެ ބޭވަފާތެރިކަން އަސަލްއަށް ފަޅާ އަރާފާނެތީއެވެ. އަސަލްއާއި ރައްޓެހިވެގެން އުޅުނަސް އޭނަގެ ހިތުގެ މިލްކުވެރިޔަކީ ސައިރަސްއެވެ. އުމުރުން ބާރަ އަހަރުން ފެށިގެން އެހިތުގައި ސައިރަސްގެ ނަން ލިޔެވިއްޖެއެވެ. ސައިރަސް އޭނަގެ ބައްޕަ ޖައްވަށް ކުރި ދަތުރެއްގައި އެކީ ދިޔައިރު އުމުރުން އެންމެ އަށާރަ އަހަރެވެ. އޭރު ނޫސްތަކުގައި ސައިރަސްގެ ފޮޓޯތައް ޖަހާފައި އޭނަގެ ތަޖުރިބާތަކާއި އެއްޗެހި ލިޔެފައި ހުރެއެވެ. އޭރުން ފެށިގެން ކޮންމެ ދުވަހަކު އޭނަ ސައިރަސްއަށް ސިޓީއެއް ލިޔަންފެށިގޮތަށް އަދިވެސް އެކަން ދޫނުކޮށް ކުރިއަށް ގެންދެއެވެ. ނޫސްތަކުން ސައިރަސްގެ ފޮޓޯތައް ފެނުމުން އެ ފޮޮޓޯތައް ކަފާ ފޮތެއްގައި ތަތްކޮށްފައި ކޮންމެ ރެއަކުހެން އެއަށް ބަލަން އޮވެއެވެ.

އޭނަ ގެއާއި އަރާ ހަމަވީއިރު މަންމަ ހާޖަރު އަވަށްޓެރިއަކާއި ވާހަކަދައްކަން މަގުމަތީގައި ހުރެފައި އޭނައަށް ގޮވިއެވެ.

"ކާއިނާތު. އިބްރާހިމްބެ ބިރުން ހިތް ހުއްޓިގެން ހޮސްޕިޓަލަށް ގެންގޮސްފި..."

"ހާސްނުވޭ މަންމާ. އަދި އިބްރާހިމްބެގެ އަޖަލު ނުޖެހެންޏާ ޝިފާ ދެއްވާނެ........"ކާއިނާތު ޖަވާބުދިނެވެ.

"ކާއިނާތުގެ ނޫސް ބަޔާން ކިޔާފައި ހިތްހުއްޓުނީ..." އަވަށްޓެރިޔާ ވައިއަޑަކުން ކިޔައިލިއެވެ." ގިޔާމަތްވަނީއޭ ބުނީމަ ކުފުރުވެފައެއްނު ހުންނާނީ. އެކަހަލަ ވާހަކަ ދައްކަން ހެޔޮވާނެތަ؟ ކާފަރުން ދައްކާ ޒާތުގެ ވާހަކަ ކާއިނާތު ތިދައްކަނީ. ގިޔާމަތްވާނެ އިރެއް އެކަކަށްވެސް ނޭގޭނެ....."

"ތައުބާވާން މިދަނީ. ދައްތަ ތި ވާހަކަ ބުނެދިނީތީ ޝުކުރިއްޔާ.."ކާއިނާތު ހިތްހަމަނުޖެހުނަސް ހިނިތުންވުން ދައްކާލައިގެން ހުރެ ފަސްދިނުމާއެކު މޫނު ކުނިކޮށްލައިފިއެވެ. މީހުންގެ މޮޔަކަމާއި ބުއްދީގެ އުނިކަމާއެވެ. މިހާރު އޭނަ ކާފަރަކަށް ހަދައިފިއެވެ. ހަގީގަތުގައިވެސް އެބުނެވުނު ބަހުން އޭނަ ކާފަރަކަށް ވެދާނެހެއްޔެވެ؟ އެންމެ ރަގަޅެވެ. އޭނަ ތައުބާވާނީއެވެ. މަރުދެކެ އޭނަވެސް ބިރުގަނެއެވެ. މަރަށް ތައްޔާރުނުވެ ހުރެ ދުނިޔެ ދޫކޮށްދާން ބޭނުންނުވަނީއެވެ. އަވަދިނެތި އުޅެމުން ނަމާދުތައް ދޫކޮށްލެވުނަސް ﷲގެ ރަހުމަތްފުޅުން ފާފަ ފުއްސަވާނެކަމަށް ގަބޫލުކޮށްގެން ހުރެވެނީއެވެ. ނަމަވެސް އެއީ ކާއިނާތުއަށް އިސްލާމީ ތައުލީމު ލިބިފައިވާލެއް މަދުކަމުން ވިސްނާ ގޮތަކީއެވެ. ހަގީގަތް އެނގޭނަމަ އެންމެ ނަމާދެއްވެސް ވައްޓާނުލާ ކުރީހެވެ.

ކާއިނާތު ބާރުބާރަށް ހިނގާފައިގޮސް ކޮޓަރިއަށް ވަނުމާއެކު ހުރިހާ އުދާސްތަކާއި އުދަގޫތަކެއް ފިލާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކޮޓަރި އެހާ ބޮޑުތަނެއ ްކަމުގައިނުވިޔަސް އަމިއްލަ ބާރު ހިނގާ އަމިއްލަ ތަންކޮޅެއް ދުނިޔޭގައި ހުރުމަކީ ނިއުމަތެކެވެ. އަދި އެތާ ތެރޭ އޭނަ ކުރާ އެއްވެސް ކަމެއް ތަނުން ބޭރަށްނުގޮސް ސިއްރެއްގެ ގޮތުގައިވުމަކީވެސް އުފަލެކެވެ. އެއީ އޭނަގެ ލޯބީގެ ހުރިހާ ސިއްރުތަކާއި އެންމެ އަގުބޮޑު އެއްޗެހި ރައްކާކޮށްފައިވާ އޭނަގެ ޚަަޒާނާއެވެ.

ކާއިނާތު އެނދުގައި ބަންޑުން އޮށޯވެލައިގެން އޮވެ ލިޔަމުން ދިޔައެވެ.

"ޑިއަރ ސައިރަސް..އެނގޭތަ؟ ނަމާދުކޮށްގެން އަބަދު ކުރެވޭ ދުޢާއަކީ މަރުވުމުގެ ކުރިން އެންމެ ފަހަރަކުވެސް ފެނިލުން. އެވަރުންވެސް މިހިތަށް ހަމަޖެހުމެއް ލިބޭނެ. ނަމަވެސް މިހާރު އެނގުނީ ދުއާއަކީ އެންމެ ވަރުގަދަ ހަތިޔާރުކަމާއި އިމްޕޮޒިބަލްއަކީ އަހަރެންގެ ޑިކްޝްނަރީގައި އޮވެގެންވާނެ އެއްޗެއްނޫންކަން. މިހާރު ބޭނުންވަނީ ކޮންކަމެއްކަން އެނގޭތަ؟ދެމީހުން އެކަނި ސްޕޭސްކްރާފްޓްގައި ދަތުރުކޮށް ވޯމްހޯލް އަކުން އެހެން ގެލެކްސީއަކަށް ދިޔުން. އެއީ ހުވަފެނެއް. މިކަން ނުވާނެތަ؟ ﷲ އިރާދަކުރައްވައިފިއްޔާ ނުވާނެކަމެއް ނެތް. ސައިރަސްވެސް ދުނިޔޭގެ މަދު އިންސާނުންނަށް ނޫނޫ ނުދެވޭފަދަ ދުރަށް ދަތުރުކޮށްފިން...ހާދަ މޮޅޭ......"

ކާއިނާތު އާދައިގެ މަތިން ޓެރެސްއަށް އެރިއެވެ. އޭނަގެ ސައިރަސް އެއިން ކޮންމެވެސް ތަރިއެއްގައި އޭނައަށް ބަލަހައްޓައިގެން ހުންނާނެބާވައެވެ. އެއީ ހަމަ ވެދާނެކަމެއް ކަމުގައި އޭނަ ގަބޫލުކުރަން ބޭނުމެވެ. އެކި ޚިޔާލުގައި ހުރެ ސިކުނޑީގައި ކުރެހެން ފެށީ ސައިރަސް ޖެޓުން ފައިބައިގެން އަންނާ ވަގުތުކޮޅެވެ. ހާދަ ސްމާޓްވާނެއެވެ. ޖައްވީ ހެދުމުގެ ބަދަލުގައި އޭނަ ހުންނާނީ ކޯޓުފަޓުލޫނުގައެވެ.

އަސަލް އެކަން ސިއްރުކުރަން ބޭނުންވީ ކީއްވެހެއްޔެވެ؟ސައިރަސްފަދަ ކުޅަދާނަ ތަރިއެއް އެމީހުންނަށް ޒިޔާރަތްކުރުމަކީ ލިބޭ ޝަރަފަކާއި އިއްޒަތެކެވެ. ދުނިޔެއަށްވެސް އެކަން އެނގެން ޖެހޭނެއެވެ. އޭނަގެ އިންޓަވިއު ޑެއިލީމެއިލްފަދަ ތަންތަނުގައިވެސް ޝާއިއުކުރެވެން ޖެހޭނެއެވެ. އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ދާން ފެށުމުން ވަގުތުން ގުޅައިލެވުނީ ކައުނު ނޫހާއި އެންމެ ވާދަވެރި ނޫހަށެވެ. އެތަނުގައި މަސައްކަތްކުރާ އެކުވެރިއެއްގެ ގާތުގައި ސައިރަސް މާދަން ޕްރައިވެޓްޖެޓެއްގައި އަންނާނެކަމަށާއި އޭނަ ހުންނާނީ ކޮން ރިޒޯޓެއްގައިކަމުގެ މައުލޫމާތު ދިނެވެ. ހުރިހާ ނޫސްވެރިން ކޮންމެހެންވެސް އިސްތިގުބާލްކުރަން ދާންޖެހޭނެކަމުގައި ބުނެލިއެވެ. އަދި ހުޅުވާލެވިފައިވާ ނޫސް ކޮންފެރެންސެއް އޮންނާނެކަމުގައިވެސް އެކުއްޖާ ގާތު ބުނެފައި ފޯނު ކަނޑާލައިފިއެވެ.

އަސަލްއަށް އޭނަދެކެ ރުޅި އަންނަން ނޭގޭނެއެވެ. އެއަށްވުރެ ބޮޑުހިތެއް ލިބިފައިވާ ޒުވާނެކެވެ.

***

ރޭގަނޑުގެ ހިމޭން ވަގުތެވެ. ދިހައެއް ޖަހާ ބޮޑުވުމުން ރެސްޓޯރެންޓްވެސް އޮތީ ކޮންމެވެސް ވަރަކަށް ހުސްވެފައެވެ. އާޔާ ރެސްޓޯރެންޓަށް ވަނީ ބިސްމި ކިޔާފައި ދުޢާކޮށްލަމުންނެވެ. އޭނަ ކޮފީއަކާއި ޑޯނަޓެއް ހިފައިގެން ދިޔައީ މަތީ ބަޔަށެވެ. ހާމަޔަށްވާ އެތަނުގައި ތިބޭއިރު އިންއިރު މޫދުގެ މަންޒަރުން ހިތަށް ފިނިކަމެއް ލިބުނެވެ. ފަލަކުގައި ހަނދު އުޖާލާ ބައްތިއެއްހެން ދިއްލާލާފައިވާއިރު އެދަރުބާރުގައި ކުރުނީސްކުރާ ތަރިތައް މަދެއް ނޫނެވެ.އާޔާ ފޯނު ހުޅުވާލައިގެން އިނދެ ބަލަމުން ދިޔައީ ލެކްޗާއެކެވެ. ގިޔާމަތުގެ އަލާމާތްތައް އަޑުއަހަމުން ދިޔައީ ޝައުގުވެރިކަމާއެކުގައެވެ. ކުއްލިއަކަށް ދަންނަ ރީތި އަޑެއް ކަންފަތުގައި ޖެހުމުން ބަލައިލިއިރު އަސަލްއާއި ކާއިނާތުއެވެ. ދެމީހުން އައިސް އިށީނީ އޭނައާއި ޖެހިގެން ހުރި މޭޒުގައެވެ.

"އަސަލްއަށް އެގޭތަ؟ އެންމެ ބާރަށް ދަތުރުކުރަނީ ކޯނޗެއްކަން؟"

"ކޮންކޯޑް....."

"މަޖަލެއްނޫން. ލައިޓް. އެންމެ ބާރަށް ދަތުރުކުރަނީ އަލި......"

"އޯ......"

"ގަމާރުކަމަށް ހެދޭނެކަމެއްނެތް އިނގޭ އަސަލް. އަސަލްއަށް އެވަރު ކަމެއްނޭގި ނުހުންނާނެ......"ކާއިނާތުގެ ނަޒަރު ހުއްޓުނީ ހާމަ އުޑަށެވެ.އޭނަވެސް ތެދުވެރި ވަފާތެރި މީހަކަށް ނުވެވުނޭ ހިތަށް އެރުމުން ދެރަވެސްވިއެވެ. އަސަލްއަށް އޭނަގެ ހިތުގައިވާ އެއްޗެއް އެނގިއްޖެއްޔާ ދެރަވެ ހިތާމަކުރާނެއެވެ. ވަގުތު ބޭކާރުކުރެވެނީކަން އެނގޭއިރުވެސް ބޭކާރު ގުޅުމެއްކުރިއަށް ގެންދެވެނީއެވެ. ހަގީގަތުގައި އޭނައަށް އަސަލްވެދީފައިވާ އިހުސާންތެރިކަން ބޮޑުކަމުން ދުރަށް ދާން ނުކެރެނީއެވެ.ލޯބިވަނީ އެހެން މީހަކު ދެކެކަމަށް އިއުތިރާފްވާންވެސް ނުކުޅެދުނީއެވެ. އެންމެ ބޮޑު އަޖައިބަކީ މިހާ ލޯބިވާއިރުވެސް އަސަލް ދުރުން އުޅޭކަމެވެ.

އާޔާ ކަންފަތުގައި ހެޑްސެޓް އަޅައިގެން ފޯނަށް ގެއްލިފައި އިންކަމަށް ހެދުނަސް ކަންފަތްވީ އެހެން ދިމާލެއްގައެވެ. އެދެމީހުންގެ ވާހަކަ އަޑުއެހުމުން ކުށްވެރި އިހުސާސްކުރެވުނެވެ. އެކަމަކު އެމީހުން އެދައްކަނީ ކޮންމެހެން މީހުންނަށް ނީއްވަން ދައްކާ ސިއްރު ވާހަކަތަކެއް ނޫނެވެ.

ނުނިމޭ