ޓެލްއަވީވް (އޭޕްރިލް 5) : އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުންވެސް އެޤައުމުގެ ނިއުކްލިޔަރ ޕްރޮގްރާމް ނުހުއްޓުވޭނެކަން މިހާރު ކަށަވަރުވެއްޖެ ކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވެއްޖެވެ.

ހިފާފައިވާ ޤުދްސުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަތަނިޔާހޫ ވިދާޅުވީ އެމެރިކާއާއި ޔޫރަޕް ގުޅިގެން އީރާނާ ދެކޮޅަށް މިހާރު އަޅާފައިވަނީ ޤައުމަކާ ދެކޮޅަށް އެޅޭނެ އެންމެ ހަރުކަށި އަދި އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް ކަމަށްވާތީ އެފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އީރާނުގެ އިޤްތިސާދަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމުގައެވެ.

ނަމަވެސް އީރާންފަދަ ވަސީލަތްތައް ލިބިފައިވާ ބޮޑު ޤައުމެއް މިފަދަ ފިޔަވަޅުތަކުން އިނދަޖައްސާލެވޭނެ ކަމަށް ޤަބޫލުނުކުރައްވާކަމަށް ނަތަނިޔާހޫ ވިދާޅުވިއެވެ. ފަލަސްތީނުގެ ހުރިހާ ބިންތަކެއް ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް އެމީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންގެންދާ ނުރައްކާތެރި އިސްތިޢްމާރީ ބާރެއް ކަމަށްވާ އިސްރާއީލަކީ ބައިނަލްއަޤްވާމީ މުޖްތަމަޢަށް ނުކިޔަމަންތެރި އަދި އދ.ގެ ޤަރާރުތަކަށާއި ބައިނަލްއަޤްވާމީ ޤާނޫނަށް ގޮންޖަހަމުން ގެންދާ ޤައުމެކެވެ.

މީގެއިތުރުން އިސްރާއީލުވަނީ ސިއްރިޔާތުގައި ނިއުކްލިޔަރ ހަތިޔާރު އުފައްދައި އެއިން އަވަށްޓެރި ޢަރަބި އިސްލާމީ ޤައުމުތަކަށް ބިރުދައްކަމުން ގެންދާ ހަރުކަށި ޤައުމެއްވެސް މެއެވެ. ނަތަނިޔާހޫ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނަށް ކުރިމަތިވެފައިވާ ބޮޑެތި މުސީބާތްތަކާއެކުވެސް ނިއުކްލިޔަރ މައްސަލާގައި އެންމެ އިންޗިއެއްވެސް އީރާން ފަހަތައް ނުޖެހޭ ކަމަށާ އަދި ނުވެސްޖެހޭނެކަން ކަށަވަރުވާ ކަމުގައެވެ.

ނަތަނިޔާހޫ މިމޭރުމުން ވާހަކަ ދެއްކެވިއިރު އީރާނުގެ ޢަސްކަރީ ޖެނެރަލަކު އިއްޔެ ވަނީ އެމެރިކާއަށާއި އިސްރާއީލަށް އިންޒާރެއް ދެއްވާފައެވެ. އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުގެ ކޮމާންޑަރެއް ކަމަށްވާ ޖެނެރަލް މަސްޢޫދު ޖަޒާއިރީ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދީފައި އެމެރިކާއަށްވެސް އަދި އިސްރާއީލަށްވެސް ސަލާމަތުން ނޯވެވޭނެ ކަމުގައެވެ.

އިސްރާއީލުން އީރާނަށް ޙަމަލާދިނުމުގެ މާނައަކީ އިސްރާއީލުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އީރާނުން ޙަމަލާދިނުމަށް ހުޅުވާލުން ކަމަށްވެސް އީރާނުގެ ޖެނެރަލް ވިދާޅުވިއެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ނުހުއްޓައިފިނަމަ އެޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާއާއި އިސްރާއީލުން ތަކުރާރުކޮށް ދެމުން ގެންދާތާވަނީ 10 ވަރަކަށް އަހަރުވެފައެވެ.

އީރާނަށް ޙަމަލާދިނުމަށް އެމެރިކާއާއި އިސްރާއީލު ބޭނުންވާ މައިގަނޑު ސަބަބުތަކަކީ ނިއުކްލިޔަރ ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީފަދަ ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުގައި އީރާން ކުރިޔަށްދާދިޔުން ހުއްޓުވައި ބާރެއްނެތް ނިކަމެތި ޤައުމަކަށް އީރާން ހެދުމުގެ އިތުރުން އީރާނުގައި ވެރިކަންކުރާ އިސްލާމީ ނިޒާމް ވައްޓާލައި ހުޅަނގަށް ތަބާވާ ލާދީނީ ނިޒާމެއް އީރާނުގެ ވެރިކަމަށް ގެނައުމަށް މަގުފަހިކުރުން ކަމަށް އީރާނުން ބުނެއެވެ. -- އަލްޖަޒީރާ