30 Oct 2022, 08:40
އަހަރެން ވާހަކަ ދައްކަދައްކާ ހުރެފައި، ބަލައިލިއިރު، އެމީހާ ހުރީ ދާދި ކައިރީގައެވެ. އަހަރެންގެ މޭގަނޑު ހީވީ އަނގަޔަށް އައި ހެންނެވެ. އޭނާ އަހަންނަށް ބަލަން ހުރީ ނުރައްކާތެރި ގޮތަކަށެވެ. އަހަރެން ދެއްކީ، އޭނާގެ ވާހަކަ ކަން އެނގިގެން ބަލާ ކަހަލަ ގޮތަކަށެވެ. ބިރުންގޮސް ހަތަރެސްފައި ތުރުތުރު އަޅައިގަތެވެ. އެހާ ކެރޭ މީހަކަށްވެގެން އަހަރެން އެތަނަށް އައީ ކީއްވެ ހެއްޔެވެ؟ އަހަރެން ހުރީ އޭނާގެ އިމުގެ ތެރޭގައެވެ. ދުވަސް ދުއްވައިލަން އޭނާއަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް، އަޑު އިވޭނީ ކާކަށް ހެއްޔެވެ؟ ގޭގައިވެސް މީހަކު އުޅޭ ވަގުތެއް ނޫނެވެ. ބިރުން ހިންދިރުވައިލެވުނީ އުނދަގުލުންނެވެ. މުސްހަފުގައި ބާރަށް ހިފަހައްޓައިލެވުނެވެ.
********
"އާނ، އާނ... މި ނުކުންނަނީއޭ... ތިތާ ހުންނައްޗޭ..." ފޯނު ކަންފަތުގައި ޖަހައިގެން ހުރެ، ހަލުވި ފިޔަވަޅުތަކެއްގައި ދޮރާއި ދިމާއަށް ހިނގައިގަތީމެވެ.
ގެއަށް ވަދެވުނު އިރުވެސް އަހަރެންގެ ނޭވާ ހަމައަކަށް ނޭޅެއެވެ. ގޭގެ ބޮޑު ދޮރު ތަޅުލާފައި، ބާރުބާރަށް ހިނގާފައި ސިޑިއާއި ދިމާއަށް ދިޔައީމެވެ. ކޮންމެވެސް މީހަކު ފަހަތުން އައިހެން ހީވިއެވެ. ސިޑިން މައްޗަށް އެރުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. ކޮޓަރިއަށް ވަދެ، ދޮރު ތަޅުލިއިރުވެސް އަހަރެންގެ ދެއަތް ތުރުތުރު އަޅައެވެ.
"ތިއްތާ..." ދޮރުގައި ޓަކި ޖަހާފައި، ފިޒާ ގޮވާލި އަޑު އިވުނެވެ.
އަހަރެން ދޮރު ހުޅުވީ، ހަމަޖެހިލަން މަސައްކަތް ކުރަމުންނެވެ.
"ތިއްތާ..." ފިޒާ ހުރީ ތުންފިއްތާލައިގެންނެވެ. "މިރާން ގޮއްސި..."
ހިދާޔާގެ މަންމަގެ ގެއަށް ދިޔަ ވާހަކައާއި، މިރާންގެ ފަރާތުން އެންމެންނަށް ހަގީގަތް އެނގުނު ވާހަކަ ކިޔައިދީ ނިމުނުއިރު ފިޒާއަށް އިނީ ރަނގަޅަށްވެސް ރޮވިފައެވެ.
"މިރާންއަށް ނުވިސްނެނީ ކީއްވެތަ؟..." ޝަކުވާގެ ނަޒަރަކުން ފިޒާ އަހަންނަށް ބަލައިލިއެވެ.
އެ ދެލޮލުގައި ވިދަމުންދިޔަ ސާފު ކަރުނަތައް މުތީތަކެއް ފަދައިން ބަބުޅަމުން ދިޔައެވެ. މިރާންއަށްޓަކައި ފިޒާގެ ހިތުގައިވި ސާފު ލޯބި، އެ ދެ ލޮލުން އަހަންނަށް ރީތިކޮށް ފެނުނެވެ.
"އެއްވެސް މީހަކު މިރާން ކުށްވެރިއެއް ނުކުރޭ.... ހުރިހާ ކަމެއްގެ މައްސަލަ ހައްލުވެ އެންމެން ހިތްހެޔޮކުރީމަ، މިރާން އެދިޔައީ އެންމެންނާ ދުރަށް... ފެއާއެއް ނޫނެއްނު؟..." އަހަރެންގެ ޖަވާބަކަށް އެދޭ ފަދައިން ފިޒާ ބުނެލިއެވެ.
"ފެއާއެއް ނޫނޭ... އެކަމަކު..." ފިޒާއަށް ވިސްނައިދޭން އަހަރެން މަސައްކަތް ކުރީމެވެ.
"ދެން ކީއްވެތަ؟... ހިދައްތަގެ މަންމަވެސް މިރާންދެކެ ރުޅިއެއް ނާދޭ... މިރާން ކިހާ ހިތްވަރުގަދަވީމަތަ ގޮސް ހުރިހާ ވާހަކައެއް ކިޔާދޭނީ... ދެން ކީއްވެތަ، އެ ހުރިހާ ހިއްވަރެއްކޮށްފަ، މިރާން އެންމެނަށް ފިލަންވީ؟... ތިއްތިވެސް މިރާންދެކެ ރުޅިއެއް ނާދޭ... މަންމަވެސް މިރާންއާ ދިމާއަށް އެއްޗެއް ނުބުނޭ... ދެން ކީއްވެތަ މިގޭން ދާންވީ؟... ފިޒާ އާދޭސްކުރީމަވެސް މަޑެއް ނުކުރި... ހުރިހާވެސް ނުބަޔަކީ އެ ނުލަފާ މީހާ... ރީތި އަންހެން ކުއްޖަކު ފެންނައިރަށް ޝިކާރަކޮށްލާ ހިތުން މޮޔަވެފަ ހުންނަ މީހެއް އެއީ... ފިޒާ އެހެންވެ ތިއްތަ ކައިރީވެސް ބުނީ އެ ފިހާރައަށް ނުވަންނާށޭ... މިހިސާބުގަނޑު އެންމެންނަށްވެސް އޭނަގެ ގޮތް އެނގޭނެ... ތަނަކުން އަންހެން ކުއްޖަކު ފެނިއްޖެއްޔާ ބުޅާ މަސްގަނޑަކަށް ބަލާހެން ބަލަން ހުންނާނީ... ވަރަށް ފޫހިވޭ..." ފިޒާގެ ރާގު ކުއްލިއަކަށް ބަދަލުވިއެވެ.
އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެތައް ދުވަހެއް ވަންދެން ދެ އާއިލާގެ ދެމެދު ޖެހުނު މައްސަލަ ހައްލުވީއެވެ. އާނާއަށް އޭނާގެ އަސްލު މާމަގެ ލޯބި ލިބުނީއެވެ. އަމިއްލަ ދަރިފުޅު ގެއްލިގެން ދިޔަހެން، މާމަ ދަރިފުޅު ގެއްލޭކަށް މިއަދު ހިދާޔާގެ މަންމަ ނޭދޭނެއެވެ. އެތައް ދުވަހެއްފަހުން ދެ އާއިލާ ގުޅުމަށް މެދުވެރިއަކަށްވީ މިރާންއެވެ. ހަގީގަތް އެނގުމާއިއެކު، މިރާން ވަގުތުން ހިދާޔާގެ މަންމައާއި ބައްދަލުކޮށް ހަގީގަތް ހާމަކުރީއެވެ. މިރާން ބޭނުންނަމަ، މަރުދުވަހާއި ހަމައަށް އެހަގީގަތް ސިއްރުކުރެވުނީހެވެ. އެކަމަކު، އޭނާ އެގޮތް ބޭނުންނުވީ، ތެދުވެރިވީމައެވެ. ވެދިޔަ ކަންތަކުގައި މިރާންގެ ކުށެއް ނެތްކަމަށް އެންމެން ގަބޫލުކުރި ނަމަވެސް، މިރާންއަށް އެހެން މީހުންނާއި ކުރިމަތިލާން ފަސޭހަކަމަކަށް ނުވާނެއެވެ.
"ފިޒާ... މިރާން މިވަގުތު އެހުރީ ޝޮކެއްގަ... މިރާން އަމިއްލަ ނަފުސު ކުށްވެރި އެކުރަނީ، ބޮޑުބޭބެގެ ގޮތް ނޭނގި، ހިދާޔާ އެގެއަށް ގެންދެވުނީމަ... ފަހުން ހުރިހާ ކަމެއް ހަމައަކަށް އެޅޭނެ... އިހަށް ރަނގަޅުވާނީ މިރާންއަށް ވަގުތު ދިނިއްޔާ..." ވިސްނައިދޭ ރާގެއްގައި އަހަރެން ވާހަކަ ދެއްކީމެވެ.
"ތިއްތަ އަޅެ މިރާންއަށް ގުޅާބަލަ..." ފިޒާ އެދުނެވެ.
"ކާކަށް ގުޅާށޭ؟..." ޔާނިޝްގެ އަޑަށް ފިޒާ ދިޔައީ ސިއްސައިގެންނެވެ. ދޮރުމަތީގައި ހުރި ޔާނިޝްގެ ނަޒަރު ހުއްޓިފައިވީ ފިޒާއަށެވެ. އެތެރެއަށް ވަދެގެން އައިއިރު ދެލޯ ހަނިކޮށްލިގޮތުން، ފިޒާ ބިރުން އަހަރެންގެ ނިވަލަށް ވަނެވެ. "އަނގަގަދަ ކުއްޖާ... އެންމެންގެ ކުރިން ގެއަށް އައިސް މީނީ، އަނގަކޮޅު މަޑުން ނީނދެގެންދޯ..."
"ސޮރީ ތިއްތީ..." ފިޒާ ކުއްލިއަކަށް ތެދުވެގެން ދުއްވައިގަތެވެ.
ފިޒާ ދިޔަ ދިމާއަށް ބަލަން ޔާނިޝް ހުރީ ހިނިއައިސްފައެވެ. އަތުގައި އޮތް ދަބަސް، މޭޒުމަތީގައި ބާއްވާފައި ޔާނިޝް އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އެތައް ދުވަހަކަށްފަހު، ހިތަށް ހަމަޖެހުމެއް ލިބުނު ކަހަލަ ގޮތަކަށް ފުން ނޭވާއެއް ދޫކޮށްލަމުންނެވެ.
"ތޭންކް ޔޫ... މައި ވައިފް..." ޔާނިޝްގެ އަޑުގައިވީ ޝުކުރުވެރިކަމެވެ. "ރުއާ އަހަރެންގެ ހަޔާތަށް އައިފަހުން، އަހަރެންގެ ދިރިއުޅުން ވަރަށް އުފާވެރިވެއްޖެ... އަލްހަމްދުﷲ... ތީ އަހަންނަށް ލެއްވި ރަހުމަތެއް..."
ޔާނިޝްގެ ޖުމުލަތަކުން އަހަރެންގެ ހިތަށް ލިބެމުންދިޔައީ ބަޔާންކުރަންދަތި އުފާވެރިކަމެކެވެ. އެ ޖުމުލަތައް ދުވަހަކު ނުނިމޭނެނަމައެވެ. ކިތަންމެ ގިނައިރަކު އަޑުއަހަން ހުންނަންޖެހުނަސް، ފޫހިނުވާނެކަން ގައިމެވެ.
"އައި ލަވް ޔޫ..." ޔާނިޝް ވަރަށް ލޯބިން ބުނެލިއެވެ.
އަހަންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެ ޖުމުލަ ޔާނިޝްގެ ދުލުން ބުނާ އަޑު އަހަން އަހަރެން ހުރީ ކެތްމަދުވެފައެވެ. ޖަވާބުދޭން އަހަރެންގެ ދޫ ހަރަކާތްކޮށްލިއެވެ. ހިތްވަރެއް ނުލިބުނެވެ. އުފާވެރިކަމުގެ ކަރުނައިން ދެލޯ ފުރާލުމާއިއެކު، ލޯ މަރައިލީމެވެ. ޔާނިޝް ބުނިހެން މިއަދު އަހަރެންގެ ދިރިއުޅުން ވަރަށް އުފާވެރިއެވެ. މައިންބަފައިންގެ އަމުރަށް ކިޔަމަންވެވުނީތީ، މިއަދު އަހަރެން އުފާކުރަމެވެ. އެދުވަހު ހިތުގެ އެދުމަށް ބޯލެނބުނުނަމަ، މިއުފާވެރިކަން އިހުސާސް ކުރެވުނީސް ބާއެވެ؟ މަންމަ ބުނިހެން، މައިންބަފައިން ދަރިންނަށް ދެރަގޮތެއް ވާކަށް ނޭދޭނެއެވެ. އެމީހުން ދަރިންގެ ކަންކަން ނިންމާނީ، އެތައް ގޮތަކަށް ވިސްނާފައެވެ. އަހަރެމެންގެ ނެތް އެތައް ތަޖުރިބާއެއް އެމީހުންގެ ހުންނާނެއެވެ.
1 އަހަރު ފަސް
އަހަންނަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ކޮޓަރިތެރެ އޮތީ އަނދިރިކޮށެވެ. އެނދުގައި ޔާނިޝް ނެތުމުން، ހާސްވިއެވެ. ވަގުތުން ނިދިވެސް ފިލައިގެން ދިޔައެވެ. ފޯނު ބަލައިލިއިރު، ގަޑިން، ދަންވަރު އެކެއްޖަހާ ބޮޑުވެއްޖެއެވެ. ޔާނިޝް ދިޔައީ ކޮންތާކަށް ހެއްޔެވެ؟ އަހަރެން ކޮޓަރިން ނުކުމެގެން ސިޑިން ފައިބަން ފެށީމެވެ. ސިޓިންރޫމުގައި ބަޔަކު ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. ސިޓިންގްރޫމުގައިވީ ފަނޑު އަލިކަމެކެވެ. ދެލޯ ހަނިކޮށްލާފައި ބަލައިލުމުން، ކޮންމެވެސް ބަޔަކު ސޯފާގައި ތިބިކަން އެނގުނެވެ.
"ސަޕްރައިޒް..." ކުއްލިއަކަށް ބޮކިތައް ދިއްލިފައި އިވުނީ، އެންމެން އެއްފަހަރާ އެހެން ބުނި އަޑެވެ.
ކުޑަކޮށް ސިހުމާއިއެކު، ހަމަހުގެ ބަނޑުގައި އަތް ޖައްސައިލީމެވެ. ގޭތެރެ ޒީނަތްތެރިކޮށްފައި އޮތީ، ފުއްޕާހަމާއި، ވިދާ ކަރުދާސްތަކާއި މާމެލާމެލިންނެވެ. އާއިލާގެ އެންމެން ސިޓިންގްރޫމަށް ޖަމާވެފައި ތިބިއިރު، އެންމެންގެ މޫނުންވެސް ފެންނަމުން ދިޔައީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ޔާނިޝް އައިސް އަހަރެންގެ ކޮނޑުގައި ހިފަހައްޓާލައިގެން ކޭކު ބަހައްޓާފައިވާ މޭޒު ކައިރިއަށް ގެންދިޔައެވެ. އަހަރެންގެ އުފަންދުވަސް އެހެން މީހުން ހަނދާންކުރިއިރު، އެކަން އަހަރެންގެ ހަނދާނުގައި ނެތެވެ. ބަލިވެއިންފަހުން، އަހަރެންގެ ކަންކަމަށްވުރެ އިސްކަމެއް ދެވެނީ، ބަނޑުގައި އޮތް ދަރިފުޅަށެވެ.
"ވަރަށް ހަޑިކޮށޭ މިހުރީ..." ފޯނުތަކުގެ ކެމެރާތައް އަހަރެމެންނަށް ހުއްޓުނުތަން ފެނުމުން، އަހަރެން މޫނުގައި އަތް އެޅީމެވެ.
"މިހެން ހުންނައިރު މާ ލޯބި..." އަހަރެންގެ ކަންފަތް ކައިރީގައި ޔާނިޝް ބުނެލިއެވެ.
ކޭކުފަޅައި ނިންމާފައި، ފަހަރަކު މީހަކަށް ކޭކުކޮޅުލެވީމެވެ. ރައުފާ ނޫންކަމަށް ހަދާލައިގެން ހުއްޓާ، ކޭކުކޮޅު ލެވުމުން ކާލިއެވެ. ފަހަކަށް އައިސް ރައުފާގެ މޫނުން ކުރިން ފެންނަ ދުރުކަމެއް ނުފެނެއެވެ. އޭނާ ކިތަންމެ ރުޅި އައިސްފައި ހުއްޓަސް، އެއްވެސް އިރެއްގައި އަހަރެންގެ މޫނުން ނުރުހުމުގެ ކުލައެއް ނުދައްކަމެވެ. ބަދަލަށް ބަދަލެއް ނުހިފަމެވެ. އަބަދުވެސް ބަލަނީ އެންމެ ރަނގަޅަށް ކަންތައް ކޮށްދެވޭތޯއެވެ. ރައުފާގެ މައްސަލައަކީ ކޮބައިކަމެއް، އަހަރެންދެކެ ރުޅި އައިސްފައި ހުންނަނީ ކީއްވެތޯއެއް ނާހަމެވެ. އެއީ އަހަރެންގެ މައިންބަފައިން އަހަންނަށް ދަސްކޮށްދީފައިވާ ރިވެތި ސިފައެކެވެ. އަހަރެން ގަބޫލުކުރީ ރައުފާއަށް އައި ބަދަލުގެ ސިއްރަކީ އެއީ ކަމުގައެވެ. މީހެއްގެ ހިތް ފަތަހަ ކުރެވޭނީ، އެމީހެއްގެ ހުންނަ އުނިސިފަތައް ގަބޫލުކޮށްގެންނެވެ. ކަންކަން ހައްލުކުރަން ބޭނުންނަމަ، ޖެހޭނީ އެމީހެއްގެ މިޒާޖާއިއެކު އުޅެން ދަސްކުރާށެވެ. އަހަރެން ގަބޫލުކުރީ، ރުޅިމޫނު ހަދާފައި ހުރުމަކީ، ރައުފާގެ މިޒާޖުގައި ހުންނަގޮތެއް ކަމަށެވެ.
ދުވަހުގެ ފެށުން ވަރަށްވެސް އުފާވެރިއެވެ. އަހަރެންގެ މަންމަމެން ކައިރިއަށް ދާ ވާހަކަ ޔާނިޝް ކުރިން ނުބުނެއެވެ. އެގެއަށް ދިޔައިރު، އެގެވެސް ޒީނަތްތެރިކޮށްފައިވީ އަހަންނަށް މަރުހަބާ ކިޔުމުގެ ގޮތުންނެވެ. އެތައް ދުވަހެއް ފަހުން މަންމަމެންނާއި ބައްދަލުވުމުން، އަހަރެންގެ ހިނިތުންވުން ފިލާނުދެއެވެ. އަހަންނަށް މީރުހެން ހީވާ ހުރިހާ އެއްޗެއް ގޭގައި ހަދާފައި ހުއްޓެވެ. ކައި ނިމުނުގޮތަށް ހޮޑުލެވުމުން މަންމަ އެދުނީ ކޮޓަރިއަށް ގޮސް އަރާމުކޮށްލުމަށެވެ.
އަހަރެން ކޮޓަރިއަށް ވަންއިރު، އެތަން ހުރީ އަހަރެން އުޅެފައި ދިޔައިރު ހުރި ގޮތަށެވެ. ސާފުކޮށް ބަލަހައްޓާފައި ހުރިނަމަވެސް، ކޮޓަރީގެ ތަރުތީބަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ފަހަރަކު ތަނެއް ބަލަމުން ގޮސް އެނދުގައި އިށީނދެލީމެވެ. މާޒީ ހަނދާންކޮށްލަމުން، އެނދުގައި ފިރުމައިލީމެވެ. އަހަރެންގެ ހުރިހާ ހަނދާނެއް ގުޅިފައިވާ އެ ކޮޓަރީގެ އެނދުގައި އޮށޯވެލުމުން، ކުރެވުނީ އުފާވެރި އިހުސާސެކެވެ.
އަހަންނަށް ހޭލެވުނީ، ޔާނިޝް ގޮވުމުންނެވެ. އޭރުވެސް ވަރުބަލިކަން ފިލައިނުދެއެވެ. ކަންނެތް ގޮތަކަށް ލޯ ހުޅުވައިލުމާއިއެކު، މޫނަށް އިހުސާސްކުރެވިގެން ދިޔައީ ޔާނިޝްގެ ތުންފަތުގެ ލުއި ބީހިލުމެވެ.
"ތެދުވޭ ކުރުނބާފޮދެއް ބޯލަން..." ޔާނިޝް އެދުނެވެ.
ކުޑަކުއްޖަކު ބޮޑާހާކައިލާހެން ބޯ ހޫރައިލީމެވެ. ޔާނިޝް ހިނިއައިސްފައި އަހަރެންގެ ބޯދަށަށް އަތް ލައްވައި، ކުޑަކޮށް އުފުލައިލިއެވެ. އެއަށްފަހު، ކުރުނބާ ތަށި ތުންފަތުގައި ޖައްސާލަދިނެވެ. ކުރުނބާފޮދެއް ބޯލާފައި ޔާނިޝްގެ މޭގައި ބޮނޑިވެލީމެވެ. ޔާނިޝްގެ ފަރާތުން އެންމެ ފުރިހަމައަށް ފިރިއެއްގެ އޯގާތެރިކަން އަހަންނަށް ލިބެއެވެ. ވަކިން ހާއްސަކޮށް އަހަރެން ބަނޑުބޮޑުވި ދުވަހުން ފެށިގެން އެ އޯގާތެރިކަން އިތުރުވެފައިވިއެވެ. ކަމަކު ބޭނުންވެގެން އަހަންނަށް ޔާނިޝްގެ ކައިރީގައި ބުނަންޖެހެނީ މަދު ފަހަރަކުއެވެ. އަހަރެން ބޭނުންވާނޭހެން ހީވާ ހުރިހާ ކަމެއް ޔާނިޝް ހުންނަނީ ކޮށްދީފައެވެ.
އިންޑިޔާއަށް ގޮސްފައި، އާނާއާއި ހިދާޔާގެ މަންމަ އެނބުރި މާލެ އަންނާތީ، އަހަރެން ގޭގައި ބަހައްޓާފައި، ޔާނިޝް ދިޔައީ އެއާޕޯޓަށެވެ. އާނާ އޭނާގެ މާމަގެ ކައިރިއަށް ދިރިއުޅުން ބަދަލުކުރި ނަމަވެސް، ދޭތެރެއަކުން ގެއަށް އައިސް ގޭގައި ނިދާ ހަދައެވެ. ގޭ އެންމެންވެސް އާނާދެކެ ލޯބިވެއެވެ. އާނާގެ ބައްޕައަކީ ކާކުކަން އެނގުމަކުން، އެކުއްޖާއާއި ދޭތެރޭގައި އޮތް ގުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަމިއްލަ ދަރިއެއް ނޫންނަމަވެސް، ޔާނިޝް އާނާގެ ކޮންމެ ކަމެއް ކޮށްދެނީ، އަމިއްލަ ދަރިއަކަށް ކޮށްދޭ ފަދައިންނެވެ. ހަރަދުކުރުމަށް ފައިސާ ދެއެވެ. އިސްކޫލު އެއްޗެހި ހޯދައިދެއެވެ. އަހަރެން އެކަމާ އުފާކުރަމެވެ.
މަންމަ އަހަރެންގެ ކައިރިން ދުރަށްވެސް ނުދެއެވެ. އެކި ކަހަލަ ކާއެއްޗެހި ގެނެސްދީފައި އުޅުނެވެ. ދެމީހުން އެކި ވާހަކައިގައި ތިއްބާ ފިޒާ ގުޅިއެވެ. އޭނާ ދިން ހަބަރަކުން އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ކައިރީގައި އިން މަންމަގެ މޫނަށް ބަލައިލެވުނެވެ.
"ކިހިނެއްވީ؟..." މަންމަ އަހައިލިއެވެ.
"އެއްކަލަ މީހާ މަރުވެގެން..." ފޯނުގައި އަތް އަޅަމުން، އަހަރެން މަންމައަށް ޖަވާބު ދިނީމެވެ.
"ސިހުރު ހަދާ މީހާތަ؟..." މަންމަ އަހައިލިއެވެ.
އަހަރެން ބޯ ޖަހައިލީމެވެ.
"ވިލިނގިލީ އަތިރިމަތީ ރާޅުފަށުގަޔޯ އޮތީ... ސިހުރު ހަދަން ބޭނުންކުރާ އެއްޗެހިވެސް އެތަނުން ފެނުނޯ... ބޮޑަށް ހީވަނީ، ސިހުރުހަދަން ހުއްޓާހެން އެ މަރުވީ..." ފިޒާ ކިޔައިދިނެވެ. "މިރާން އެބައުޅޭ އައިސް... މިހާރު ވަޅުލާފަ ސްޓޭޝަންގަޔޯ ހުރީ... ތިއްތަ ހިނގާބަލަ ފިޒާއާއެކީ އޭނަޔާ ބައްދަލުކޮށްލަން..."
ފިޒާ ފޯނު ބޭއްވުމުން، މަންމަ އެކި ސުވާލުތައް ކުރަން ފެށިއެވެ. އަހަރެން ވީގޮތް ކިޔައިދިނުމުން، މަންމަވެސް އިނީ ބުނާނެ އެއްޗެއް ނޭނގި، ބަސް ހުއްޓިފައެވެ.
"ނުބައި އަމަލުތައްމަތީ ދެމިހުރީމަ ވާގޮތް އެއީ... ދުނިޔެމަތީގަވެސް ގިނަ ފަހަރަށް އެކަން ދައްކަވާނެ... ކީއްކުރާނީ... އެކަހަލަ މީހުންނަށް ވިސްނޭއިރު، ގިނަ ފަހަރަށް އޮންނާނީ ވަގުތު ފާއިތުވެފަ..." މަންމަ ދެފަރާތަށް ބޯ ހޫރަމުން ވާހަކަ ދެއްކިއެވެ.
ފިޒާ ބަލައި އައުމުން، އޭނާއާއިއެކު އަހަރެން ގެއިން ނުކުތީމެވެ. ޕޮލިސް ސްޓޭޝަނަށް ދާން ދެމީހުން ކާރަށް އެރީއްސުރެ، ފިޒާ އަނގަ ހުއްޓާނުލައެވެ. މިރާންގެ ވާހަކަ ނޫން ވާހަކައެއް އޭނާ ނުދައްކައެވެ. ބައްދަލުކުރަން މިރާން އެއްބަސްވި ވާހަކަވެސް އެތައް ފަހަރަކު ބުންޏެވެ. އަހަރެން އިނީ އެތެރެއިން ހީލަހީލައެވެ. ފިޒާ އެއްބަސްނުވާން އުޅުނަސް، އޭނާ މިރާންއާއި ހެދި އުޅޭވަރު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.
މިރާން އާއި ބައްދަލުވީ، ޕޮލިސް ސްޓޭޝަން ދޮރުމަތިންނެވެ. ފުލުހުންގެ ޔުނީފޯމުގައި މިރާން ހީވަނީ އެހެން މީހެއް ހެންނެވެ. ގެއިން ދިޔައިރު، މިރާން ހުރިގޮތާއި ތަފާތެވެ. ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާއިރު، މޫނުމަތިން ފެންނަމުން ދިޔައީ ޒިންމާދާރުކަމެވެ. ކުރިއަށްވުރެ ހަށިގަނޑު ނިކަމެއްޗެވެ. އަހަރެން ފެނުމުން، ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ފިޒާ އެދިޔަ ބާރުމިނުގައި ގޮސް މިރާންގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލިއެވެ.
"އަދިވެސް ޖެހުނުވަރު މަޑީއޭ..." ފިޒާ ލޯ އަޅައިލިއެވެ.
"ޕޮލިހެއް ގައިގަ އިނގޭ ތި ޖެހީ..." އިންޒާރެއް ދޭ ފަދައިން މިރާން ބުންޏެވެ.
"ހެވޭ... ގެންގޮސް ގޮޅިއަށް ލާބަލަ..." ފިޒާ ގަދަކޮށްލިއެވެ. "އަހަރެން ނޫން މީހެއްނަމަ، ނުވެސް އަންނާނެ ތި މިރާންގަނޑާ ބައްދަލުކުރާކަށް... ކާކުތަ އެގޮތަށް ގޭން ނުކުމެގެން ދާނީ..."
(ނުނިމޭ)