05 Apr 2012, 08:36
މިއަހަރުގެ ތަފާސް ހިސާބެއް އަދި ނޭނގޭ އެވެ؛ އެކަމަކު މިދިޔަ އަހަރު ފަށައިގެން އޭޕްރީލް މަހާ ހިސާބަށް ދިޔައިރު ކޮންމެ ފަސް ގަޑިއިރެއްގެ ތެރޭ މާރާމާރީ އެއް ހިންގައިގެން ފުލުހުންނަށް ރިޕޯޓު ކުރި އެވެ. މި އަހަރު އަދި ހިސާބުތަކެއް ނެތް ކަމަށްވިޔަސް އަހަރުގެ ތިން މަސްނިމި އޭޕްރީލް މަސް ފެށީ ގަސްދުގައި ދިން ހަމަލާއެއްގައި މީހަކު މަރާލި ޚަބަރަކުންނެވެ. އަހަރުގެ ފުރަތަމަ ތިން މަހަށް އެފަދަ ތިން މަރު މިހާރު ވެސް ވަނީ ހަމަކޮށްފަ އެވެ. މިދިޔަ އަހަރު ވެސް އޭޕްރީލް މަސް ފެށިއިރު ގަސްދުގައި ދޭ ހަމަލައިން މީހުން މަރުވީ އެ އަދަށެވެ.
މިއަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހު ކުޑަހުވަދޫ ސަމަންދަރު، އަލީ ހަސަން (އައްޔުބޭ)ގެ މެޔަށް ދަގަނޑު ހަރާ، ކަރުބުރިކޮށް މާރާލުމަށްފަހު ފަޅުގެއެއްގެ ތެރެއަށް އެއްލައިލި އެވެ. އުމުރުން 70 އަހަރުގެ މުސްކުޅި އެމީހާގެ މަރުގެ ވާހަކަ ނުނިމި އުޅެނިކޮށް ފެބްރުއަރީ 18 ވަނަ ދުވަހުގެރޭގެ ދަންވަރު ގުރޫޕަކުން ޒުވާނަކަށް ހަމަލަދީ ޒަޚަމްކޮށްލުމާ ގުޅިގެން މަރުވި އެވެ. ގ. ވޭރު، އަބްދުލް މުހީތު (ބޮބީ)، 21 ގެ މަރާ ގުޅިގެން މިހާތަނަށް އެނގިފައިވަނީ ކުށެއްނެތް އެޒުވާނާއަށް އަމާޒުވި ހަމަލާ އަކީ އެހެން މީހަކަށް ދޭން އުޅުނު ހަމަލައެއް ކަމެވެ.
ފެބްރުއަރީގައި ސަރުކާރު ވެއްޓި ފެތުރިގެން ދިޔަ ހަލަބޮލިކަމުގެ ތެރޭގައި މާޗް މަސް ދިޔައީ ތަފާތު އެތައް މާރާމާރީއަކާއި ގަސްދުގައި މީހުންނަށް ދިން ނުރައްކާތެރި ހަމަލަތަކުގެ ތެރޭގަ އެވެ. މީހަކު މަރުވެފައި ނުވިޔަސް ވަރަށް ގިނަ މީހުނަށް ހަމަލާދީ ޒަހަމްކޮށްފައި ވެއެވެ. އޭގެ ފަހުން މި އޭޕްރީލް މަސް ފެށީ ހަމަލާދީ މީހުން މީހުން މެރުމުގެ ލިސްޓަށް، ނަމެއް އިތުރު ވެގެނެވެ. ގަސްދުގައި ހަމަލާދީ މީހުން މެރުމުގެ ހާދިސާތައް ކައިރި ކައިރީގައި މިއަހަރު ވެސް ހިނގަމުން ދިއުމުން މިއަހަރަކީ ވެސް "މަރުގެ އަހަރެއް" ކަމަށް ވާން އުޅެނީ ހެއްޔެވެ؟
ސަރުކާރުން ބުނާ ގޮތުގައި ޖަލުގައި ތިބެންޖެހޭ 400 އަށް ވުރެ ގިނަ މީހުން ވަނީ މަގުމައްޗަށް ދޫވެފަ އެވެ. އޭގެތެރޭ ހިމެނޭ ޖަލަށް ހުކުމް ކުރާ ކުޑަކުދިން ޖަލަށް ލެވޭނެ ތަނެއް ނެތިގެން މަގުމައްޗަށް ދޫވެފައިވާ ކަމަށް ހޯމް މިނިސްޓްރީން ޔަގީންކޮށްދެ އެވެ. އަނެއްކޮޅުން ކުރީގެ ސަރުކާރުން ދިން ދެވަނަފުރުސަތުގެ އަފޫއާންމުގައި މިނިވަން ވެގެން ނުކުތް ގިނަ ބަޔަކު ވަނީ އަލުން ކުށުގެ ވެއްޓަށް ވަދެ ކުށަށް އަރައިގަންނަނަށް ފަށާފަ އެވެ.
"ރާއްޖޭގައި ކުށްކުރާ މީހުން ޖެހިލުމެއްނުވޭ ކުށްކުރާކަށް. ކޮންމެވެސް ގޮތަކަށް ކޮންމެވެސް ފުރުސަތެއްގެ ނަމުގައި ކޮންމެވެސް ސަބަބެއް މެދުވެރިވެގެން އެމީހުންނަށް ސަލާމަތްވެވޭ. ގާނޫނުގައި ބުނާ އަދަބު ތަންފީޒުކުރަން ނުޖެހޭ ކަމުގެ ޔަގީންކަން ކުށްކުރާ މީހުންނަށް ލިބިފައި އޮންނަނީ،" ރާއްޖޭގައި ކުށްކުރާ މިންވަރު އިތުރުވެގެން އަންނަ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
"ވަޔަލަންޓް ކްރައިމް" ހިންގަން ފުރުސަތު ނުދޭން އާ އަމާޒުތަކާއެކު ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ފުލުހުން ތައްޔާރަށް ތިބި ނަމަވެސް މަންޒަރު ފެންނަނީ ގަސްދުގައި ހަމަލާދީ މީހުން މަރާލުމުގެ އަހަރަކަށް ވެގެން ހިނގައިދާނެ ފަދަ ގޮތަކަށެވެ. އެފަދަ ހާދިސާތަކުގައި މިއަހަރު އެންމެ ތިން މަރު ހިނގާފައި ވިޔަސް މިއަހަރުގެ ތެރޭގައި ތަފާތު ގަސްދުގައި މީހުންނަށް ވަޅިން ހަމަލާ ދިނުމުގެ ނުރައްކާތެރި އެތައް ހަމަލައެއް ވަނީ ދީފަ އެވެ. ¬¬މިހާރު ފެންނަމުންދާ ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި އާ ވިސްނުންތަކެއްގެ ބޭނުން ނުހިފައިފި ނަމަ މިއަހަރުގެ ތެރޭގައި ގަސްދުގައި ދޭ ހަމަލާތަކުން އިތުރު ފުރާނަތައް ގެއްލިގެން ދިއުމަކީ ގާތް ކަމެކެވެ.