މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ދެއްކި ވާހަކަތަކާ ގުޅިގެން ދިމާވި ކަންތައްތަކާއެކު އޭނާ އަތުން އެއް ދުވަސްތެރޭ ދެ ބިލިއަން ގެއްލިއްޖެ ކަމަށް އޭނާ ބުނެފިއެވެ.

މި ފާއިތުވި ހަފުތާތަކުގެ ތެރޭގައި ކާންޔޭ ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ބޮޑެތި ކުންފުނިތަކުން އޭނާ އާއެކު އޮތް ގުޅުން އަންނަނީ ކަނޑާލަމުންނެވެ. ބޮޑެތި ޑީލްތައް މިހާރު ކެންސަލުކޮށްފައިވާއިރު ކާންޔޭއަކީ އެކި ބްރޭންޑު މެދުވެރިކޮށް އަމިއްލަ ޕްރޮޑަކްޓުތައް އުފައްދާ މީހެކެވެ.

އޭގެތެރޭގައި އެންމެ ބޮޑު އެއް ލައިނަކީ އެޑިޑާސް މެދުވެރިކޮށް ނެރޭ "ޔީޒީ" ލައިންގެ ލަގްޒަރީ ބޫޓާއި ހެދުމެވެ. ނަމަވެސް އެޑިޑާސް އިން ވެސް ވަނީ އޭނާއާއެކު ގުޅުން ކަނޑާލައި ވަގުތުން ޔީޒީ ވިއްކުން ވެސް ހުއްޓާލުމަށް ނިންމާފައެވެ.

އަމިއްލަ ބްރޭންޑުތަކާއެކު ބިލިއަނަރަކަށް އޭނާ ވެފައިވާއިރު އެ ޑީލުތައް ކެންސަލުކުރުމުން އޭނާ ވަނީ ބިލިއަނަރުންގެ ލިސްޓުން ބޭރުވެފައި ކަމަށް، މުއްސަނދިންގެ ލިސްޓު ބަލަހައްޓާ ފޯބްސް ކުންފުނިން ބުނެއެވެ. ނަމަވެސް އޭނާއަށް ލިބުނު ގެއްލުމާއެކު އޭނާ އަތުން ގެއްލުނީ ކިހާ ފައިސާއެއް ކަމެއް ނުވަތަ އޭނާގެ މިލްކިއްޔާތުން ގެއްލުނީ ކިހާވަރެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެންމެފަހުން އެކަމާ ގުޅިގެން ސޯޝަލް މީޑިއާއަށް އާންމުކުރި ޓެކްސްޓުތަކަކާއި ފޮޓޯތަކެއްގައި ކާންޔޭ ބުނަނީ އޭނާގެ އަތުން އެއްދުވަސް ތެރޭގައި ދެ ބިލިއަން ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އެ ގެއްލިފައިވާ އެއްޗެއްސާ މެދު ކަންބޮޑު ނުވާ ކަމަށް އޭނާ އިޝާރާތް ކޮށްފައިވެއެވެ. އޭނާގެ ފެންވަރަކީ ފައިސާ ނޫން ކަމަށާއި އޭނާ މީހަކަށް ހެދީ އެހެން މީހުން ކަމަށް އޭނާ ފާހަގަކުރިއެވެ.