28 Oct 2022, 10:42
މެޓާގެ ހިއްސާގެ އަގު 2016ގެ ފަހުން މިހާތަނަށް ދަށަށް ނުދާ މިންވަރަކަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދަށަށް ހިނގައްޖެއެވެ.
މެޓާގެ ހިއްސާއެއްގެ އަގު މިއަދު ހެނދުނު ހުރީ 97.94 ޑޮލަރުގައެވެ. އެއީ 2016 ވަނަ އަހަރުގެ ފަހުން އެ ކުންފުނީގެ ހިއްސާގެ އަގު އެހާ ދަށްވި ފުރަތަމަ ފަހަރެވެ.
ފޭސްބުކްގެ ބެލެނިވެރި ކުންފުނި ކަމަށްވާ މެޓާއަށް މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 27.7 ބިލިއަން ޑޮލަރެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ހަތަރު ޕަސެންޓު ދަށް އަދަދެކެވެ.
އެ ކުންފުންޏަށް ތިން ވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 4.4 ބިލިއަން ޑޮލަރު ލިބުނު އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 24 ޕަސެންޓު ދަށް އަދަދެކެވެ.
ތިންވަނަ ކުއާޓަރުގެ އެކުންފުނީގެ އާމްދަނީގެ ނަތިޖާއަށްބަލައި، އިންވެސްޓަރުންނާއި އެނަލިސްޓުންނަށް ފާހަގަ ކުރެވުނީ މި ހިނގަމުންދާ ހަތަރުވަނަ ކުއާޓަރުގައިވެސް އެ ކުންފުނީގެ ހިއްސާގެ އަގު ދަށަށްގޮސް އާމްދަނީ ވަންނަ މިންވަރު ދަށަށް ދާނެކަމަށެވެ.
މެޓާއިން ވެސް ވަނީ އެ ކުންފުންޏަށް މި ކުއާޓަރުގައި ވެސް ފައިދާގެ ގޮތުގައި ލިބޭނީ ހީކުރި ވަރަށް ވުރެ ދަށް މިންވަރެއް ކަމަށް ބުނެފައެވެ. އެގޮތުން ހަތަރު ވަނަ ކުއާޓަރުގައި މެޓާއަށް ފައިދާގެ ގޮތުގައި ލިބޭނެކަމަށް އެ ކުންފުނިން ލަފާކުރަނީ 30 ބިލިއަން ޑޮލަރާއި 32.5 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެކެވެ. އެނަލިސްޓުން ލަފާކުރަމުން ދިޔައީ މި ކުއާޓަރުގައި އެ ކުންފުންޏަށް 32.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.
މެޓާގެ ސީއީއޯ މާކް ޒަކަބާގް ވަނީ މެޓާވާސް ތަރައްގީ ކުރުމަށް އެތައް ބިލިއަން ޑޮލަރެއް ހޭދަ ކުރާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. ނަމަވެސް މެޓާވާސްއަށް ވާޗުއަލް ރިއަލިޓީ އާއި އެއާ ގުޅުންހުރި އޮގްމެންޓެޑް ރިއަލިޓީ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ޒިންމާ އުފުލާ ރިއަލިޓީ ލެބްސް ޔުނިޓަށް މިއަހަރުގެ މިހާތަނަށް 9.4 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ.
އެނެލިސްޓުން ބުނާ ގޮތުގައި މެޓާގެ އާޓިފިޝަލް އިންޓެލިޖެންސް ކެޕޭސިޓީތައް ބިނާކުރުމަށް ޚަރަދުތައް އިތުރުކުރަމުންދާއިރު އެކަންކަމާ ގުޅިގެން ކުންފުނީގެ މައްސަލަތައް އިތުރުވަމުންދާނެއެވެ.
މި އަހަރު ފެށުނު ފަހުން މިހާތަނަށް މެޓާގެ ހިއްސާގެ އަގު ވަނީ 61 ޕަސެންޓަށް ވުރެ ދަށަށް ގޮސްފައެވެ. މެޓާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ޓިކްޓޮކް ފަދަ އެޕްތަކުގެ ސަބަބުން ވާދަވެރިކަން އިތުރުވުމާއި އޮންލައިން އިޝްތިހާރުތަކުން ލިބޭ އާމްދަނީ މަދުވުން ހިމެނެއެވެ.