05 Apr 2012, 07:54
ސިއްހީ ގޮތުން މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނަން ޖެހޭ މުއްދަތު ހަމަނުވެ، ދުވަސްނުފުރައި ވިހެއުމުގެ މައްސަލައަށް ހައްލެއް ހޯދިއްޖެ ކަމަށް ސްޕެއިނުގެ ޑޮކްޓަރުންގެ ޓީމަކުން ބުނެފިއެވެ. ދުވަސްނުފުރައި ދަރިފުޅު ވިހެއުން ނުވަތަ ބައިގެން ދިއުމުގެ ފުރުސަތު ބޮޑު މާބަނޑު މީހުންނަށް ސަރވިކަލް ޕެސަރީއަކުން ފަރުވާ ދެވިދާނެކަމަށް މި ބޭފުޅުން ވިދާޅުވެއެވެ.
ސްޕެއިނުގެ ޑޮކްޓަރުންގެ ޓީމެއްގެ ދިރާސާއިން ހޯދުނު މި ހޯދުން ފަރުވާއެއްގެ ގޮތުގައި އާންމުކޮށް ބޭނުންކުރަން ފެށުމުގެ ކުރިން އިތުރަށް ދިރާސާކުރަން ޖެހޭނެއެވެ. އެއީ މިފަދަ ކޮންމެ ފަރުވާއެއް ވެސް އާންމުކޮށް ބޭނުންކުރަން ފެށުމުގެ ކުރީން އިތުރަށް ދިރާސާކުރަން ޖެހޭތީއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަހަރަކު 13 މިލިޔަނެއްހައި ކުދީން ދުވަސްނުފުރައި ވިހާއިރު، މި މައްސަލައަށް ހައްލެއް ހޯދުން އޮތީ ވަރަށް ބޮޑަށް މުހިންމުވެފައެވެ. ސްޕެއިނުގެ ޑޮކްޓަރުންގެ ޓީމުން ވިދާޅުވާ ގޮތުގައި ދުވަސްނުފުރައި ވިހެއުމުގެ ރިސްކް ބޮޑު އަންހެނުންގެ ތެރެއިން 27 ޕަސެންޓް އަންހެނުން ދުވަސްނުފުރައި ވިހާ ކަމަށް ރެކޯޑުތަކުން ދައްކާއިރު، ސަވިކަލް ޕެސަރީ ބޭނުންކުރި މިފަދަ އަންހެނުންގެ ތެރެއިން ދުވަސްނުފުރައި ވިހެއީ އެންމެ ހަ ޕަސެންޓް މީހުންނެވެ. އެހެންކަމުން މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވައެވެ.