ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު, އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ މަހު ޕޯސްޓް މެދުވެރިކޮށް ނެދަލެންޑުން ރާއްޖެ އެތެރެކުރި ޕާރުސަލްތައް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

ކަސްޓަމުން ބުނިގޮތުގައި އެ ތަކެތި ތަހުލީލު ކުރުމުން އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "މެފެޑްރޯން" ކަން ވަނީ އެނގިފައެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1008.87 ގްރާމް ހުރިއިރު، އެ ތަކެތީގެ މަގުމަތީގެ އަގު 2.5 މިލިއަނަށް އަރާ ކަމަށް ކަސްޓަމުން ބުނެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. ނަމަވެސް އެ މީހާއާ ބެހޭ އިތުރު މައުލޫމާތު އަދި ހާމަކޮށްފައިނުވެއެވެ.

މިއީ މި އަހަރު ތެރޭގައި "މެފެޑްރޯން" ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ތިން ވަނަ ފަހަރެވެ.

މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި ބާވަތްތައް ރާއްޖެއަށް ތައާރަފުވެ، އެ ތަކެތީގައި ޖެހޭ ޒުވާނުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެއެވެ. މީގެ ތެރޭގައި ޕާޓީ ޑްރަގްސްގެ އެކި ވައްތަރުތައް ވެސް ހިމެއެވެ.

ފުލުހުން "ސަން"އަށް ބުނިގޮތުގައި މަޖާކުރުމުގެ ނަމުގައި ހިންގާ އެކި ހަރަކާތްތަކުގެ ތެރޭގައި ޕާޓީ ޑްރަގްސް ބޭނުން ކުރުން ޒުވާނުންގެ ތެރޭގައި މިހާރު ވަނީ އާންމު ވެފައެވެ.