ކެންސަރާ ބެހޭ އެކުމާފާނު ނުވަތަ އެންސައިކްލޮޕީޑިޔާ ބޮޑުފޮތުގެ ފުރަތަމަ މުޖައްލަދު ޝާއިއުކޮށްފިއެވެ. ސައިންސްވެރިން ބުނާ ގޮތުގައި މި ފޮތުގެ ސަބަބުން ކެންސަރު ބައްޔަށް އާ ބޭސް ހޯދުމަށް ކުރަމުންދާ ދިރާސާތަކަށް ހަލުވިކަމެއް ލިބޭނެއެވެ.

ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތަކަށް ކެންސަރުގެ ތަފާތު އެތައް ސަތޭކަ ސެލް ރެސްޕޮންޑްކުރާ ގޮތާ ބެހޭ ތަފްސީލު މި ފޮތުގައިވެއެވެ. އެމެރިކާ އާއި އިނގިރޭސިވިލާތުގެ ދިރާސާވެރިން ބުނާ ގޮތުގައި މި ފޮތުގައި ޝާއިއު ކުރެވިފައިވާ މައުލޫމާތުގެ އަލީގައި ބަލިމީހާގެ ޖެނެޓިކް ޕްރޮފައިލަށް އަމާޒުކޮށްގެން ކެންސަރުގެ ބޭސް އީޖާދުކުރުމަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ލެބޯޓަރީތަކުގައި ކަލްޗަރކުރެވޭ ކެންސަރުގެ ސެލްތަކަކީ ކެންސަރުގެ ދިރާސާގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މި ގޮތުން ތަފާތު ދުވަސްވަރު ލެބޯޓަރީތަކުގައި މި ގޮތުން ކަލްޗަރކޮށްފައިވާ ކެންސަރު ސެލްތަކުން ފެނިފައިވާ ތަފާތު އެތައް ކަމެއްގެ މައުލޫމާތު ހިމަނާފައިވާ ފޮތެއް ޝާއިއުވެގެން ނުކުތުން ވެފައި އޮތީ ބޭސް އުފެއްދުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އުންމީދަކަށެވެ.

ކެންސަރު ބައްޔަށް ފަރުވާ ކުރުމުގައި މިހާރު ދެވޭ އާންމު ފަރުވާ ތަކަކީ އޮޕަރޭޝަންކުރުމާއި ކީމޯތެރަޕީ ދިނުމާއި ރޭޑިއޭޝަން ދިނުމެވެ. މީގެ އިތުރުން ކެންސަރު ބަލީގެ ބަލިމީހުންނަށް ބަލީގެ ސަބަބުން އަޅާ ވޭނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ޕެލިއޭޓިވް ފަރުވާދެވެއެވެ.