"އުމުރަކީ ދިގު އެއްޗެއް ކަމަށް ހީކުރެވުނަސް މަރުގެ ވަގުތު ޖެހުމުން ދުނިޔޭގައި ހުންނަން ލިބުނީ ހާދަ ކުޑަ ވަގުތުކޮޅެކޭ ހިތަށް އަރާނެއެވެ."

***

އެތައް އިރެއްފަހުން އަދާރާ ރުއިން ހުއްޓާލާފައި ފާޚާނާއަށްވަދެ މޫނުދޮވެ ތާޒާވެލައިގެން އައުމަށްފަހު ދާނިޔާ ގެނެސްދިން ފޮނި އެއްޗެއް ކެއެވެ. އެވެސް ފޮތިކޮޅު ހިއްލާލައިގެން ދާނިޔާއަށް ނުފެންނަގޮތަށެވެ. އަދާރާގެ ބޮޑު ބޮޑު ދެލޯ ދުޅަވެފައިވިޔަސް ލޮލުގެ ރީތިކަމަށް ބަދަލެއްނާދެއެވެ.

"އަހަރެން ސިއްރެއް ބުނަންތަ؟"

ދާނިޔާގެ ހުރިހާ ސަމާލުކަމެއް އަދާރާ އަތުލިއެވެ.

"އަހަރެން މޫނު ބުރުގާ އެޅީީ ދީނީވެގެެނެއް ނޫން. ދީނުގައި އެހެން އަންގަވާފައި އޮތްކަމެއް ނުދަންނަން. ދުނިޔޭގެ ލަދަށް ބުރުގާ އެޅީ. މީހުންނަށް ފެންނަން ބޭނުންނުވީ. އަމިއްލަ ނަފުސަށްއޮތް އިތުބާރުވެސް އެދުވަހު އެއްކޮށް ނެތިގެން ދިޔަ. ހުޝާމް ދިޔައީ އަހަރެންގެ ހިތާއި ރޫހު ޗިސްކޮށްލާފައި. ދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއްނުފެނުނު. ހުޝާމް ލިބޭތޯ ދުޢާކޮށް އޭރު ރަގަޅަށް އުޅެވުނަސް ހުޝާމްގެ ސަބަބުން ދީނާއިއެއްކޮށް ދުރުވެވުނީ. ހިތާމައިގާ ކެތްތެރިކަން ހޯދޭނީ ނަމާދުންނާއި ﷲ ހަދުމަކުޅައުމުން ކަމުގައި ހަނދާން ނައްތައިލެވި ނަފުސް އޮޔާ ލައިގެންގޮސް ކަޅު ކަމާއި އަނދިރިކަމުން ފުރިގެންވި ހޮހަޅައަކަށް ލެއްގީ. އަދިވެސް މިހިރީ އެކަހަލަ ހާލެއްގައި. ހުޝާމް އެވަރުގެ ލަނޑެއްދީފައި ނިކަމެތިކޮށްލުމުން އަދިވެސް މިހިރީ އެ އަނިޔާވެރިޔާގެ އިންތިޒާރުގައި. ތެދުވެރި ލޯތްބަކީ މިއީ ނޫން ކޯނޗެއްތަ؟" އަދާރާ ސުވާލުކުރިއެވެ.

"ﷲއަށްޓަކާ ވެވޭ ލޯބީގައި ބަރަކާތް ލައްވަނީ އެހެންވެކަމަށް ވާނީ. އަހަރެމެންނަށް ބޯއި އެއް ފެނުނީމަ އެހުރިހާ ކަމެއް ހަނދާން ނައްތައިލެވެނީ..އަދާ. އަހަންނަށްވެސް ލޯބިވެވިއްޖެ......"ދާނިޔާގެ ކޯތާފަތަށް މަޑު ރަތްކުލައެއް ވެރިވެއްޖެއެވެ.

ދޮންކުދިންގެ ތެރެއިންވެސް "ބްލަޝް" ވުމުގެ ނަސީބު ލައްވަނީ ބައެއް ކުދިންނަށެވެ.

"ކާކުތަ؟"

"އައްޔާޝް.....ވައިސްޕްރެޒިޑެންޓްގެ ދަރިއެއް. އެންމެ ހާސްވަނީ މިއީ އެއްފަރާތުން ވެވޭ ލޯތްބެއްހެން ހީވާތީ. ސިއްރު ސިއްރުން ބެލްކަނިން ބަލައިގެން ހުންނަކަން އޭނައަށް ފަޅާއެރީކަން ނޭގޭ. ކުރީ ދުވަހު އޭނަ ހައިވެސް ޖަހައިލި. ގަތް ލަދުން ދުވެފައި އައިސް ގެއަށް ވަންއިރު މަގޭ ހިތް އޮތީ އަނގައިގެ ތެރޭ..." ދާނިޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ."އެވާހަކަ ހިތަށް އެރިޔަސް ފިނިވޭ. ހިތަށް އަރަނީ ލޯތްބަކީ މިއީހެއްޔޭ. އެހާ ހަނދާންވެ ފެނުމުން ހިތްތެޅި އަބަދު ސިކުނޑިއަށް އެ ސޫރަ ވެރިވެފައި ހުރުމަކީ ލޯބިކަމަށް ވަންޏާ މިއީ ލޯބި..."

"އަހަންނަށްވެސް ހުޝާމްދެކެ ލޯބިވެވުމުން ހަމަ ތިކަހަލަ ކަންތައްވީ."އަދާރާ ނޭފަތް ދަމައިލިއެވެ.

"އަދި އަހަރެންވެސް ހީކުރީ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވެ މުސްކުޅިވާންދެން އެކީގައޭ އުޅޭނީ. އެކަމަކު ހުޝާމް އަހަންނަށް ހެދިގޮތަށް ފިރިހެނަކު އެހެން އަންހެންކުއްޖަކަށް ނެހެދިއްޔާ ރަގަޅު...." އަދާރާގެ ލޮލުން އަނެއްކާ ކަރުނައިގެ އަސަރު ފެނުނެވެ.

"އެމީހުން ދައްކާ ކޮންމެ ވާހަކައަކަށް ހެއްލި މޮޔަކަންތައް ކުރެވުމުން ފަހުން ހިތާމަކުރަން މިޖެހެނީ..އަދާ. ހުޝާމްއަށް ތި އަގުހުރި ކަރުނަ ހައްގެއްނޫން. އަދާގެ ކަރުނައިގެ އަގު މާ ބޮޑު. އޭނައަށްޓަކާ ތި ކަރުނަ ހައްގެއް ނޫން...ހަމަ ތެދަށް މިބުނަނީ." ދާނިޔާ ޓިޝޫއެއް ދިއްކޮށްލިއެވެ.

"މިވެސް ލޯބި...."

އަދާރާގެ އެ ލޯބީގެ ފުންކަމާއި ތެދުވެރިކަން ދާނިޔާ ދެކުނީ ލޯބީގެ މިސާލެއްކަމުގައެވެ. އޭނަ އެ މަގާމުގައި ހުރިނަމަ އައްޔާޝްދެކެ ނަފްރަތުކުރާނެ ބާވައެވެ. ނޫނީ އަދާރާ ފަދައިން އަނބުރާ އަންނަންދެން އިންތިޒާރުގައި ހުންނާނީހެއްޔެވެ؟

"ހުޝާމް މިހާރު ކޮބާ؟"

"އަންހެންކުއްޖަކާއި ރައްޓެހިވެގެން އުޅޭ."

"ކިހިނެއް އެނގުނީ؟"

"ސޯޝަލްމީޑިއާއަށް އެ އަންހެނާއާއެކު ފޮޓޯތައް ލައިގެން ދެމީހުން ވަރަށް އުފަލުގައި އުޅޭ. ނިއުޔޯކު ޕެރިސް ވެނިސް ލަންޑަން ކަހަލަ ސިޓީތަކުގައި އެކި މޫސުމްތަކުގައި ނަގާފައި ހުންނަ ފޮޓޯތައްލާފައި އިޝްތިހާރުކުރުމުގެ ހައްދެއްނެތް، އެ އަންހެންކުއްޖާއަކީވެސް މަޝްހޫރު ވިޔަފާރިވެރިއެއްގެ ދަރިއެއް. ބުޅި އިސްތަށިގަނޑެއްލާފައި ހުންނަ ދޮންދޮން ކުއްޖެއް.އެހާ ކިއުޓް. މެޑިސިން ހަދާ ކުއްޖެއްކަމަށް ވަނީ.ދެން އެވަރުގެ ކުއްޖެއް ލިބުނީމަ އަހަރެމެން އެއްޗަކަށްނުވާނެ ދޯ. އޭރުވެސް އަހަރެން އުޅުނީ ބުރުގާ އަޅާފައިވިއްޔަ. މިއަށްވުރެވެސް ހިކިކޮށް ކުޑަކޮށް ހުރީ. އެހެންވެ ހުޝާމްއަށް ކަމުނުދިޔައީ........"

ދާނިޔާ އަދާރާގެ އަތުގައި ހިފައިލިއެވެ.

"އަދާ. ދުޢާކުރޭ. އޭރުން ހުރިހާކަމެއް ރަގަޅުވެދާނެ.."

"ދުޢާކޮށްކޮށް ވަރުބަލިވެއްޖެ.."

"ތިއީ މައްސަލައަކީ. އަހަރެމެން އެގޮތަށް ގަބޫލުކޮށްގެން ހުއްޓާލާތީ. ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުކޮށްލުމުން ދުނިޔޭގައި ޖެހޭ މުސީބާތްތަކަށް ކެތްކުރަން ދަސްވާނެ. އެކަމަކު އަދާ ތިކިޔާދިނީ ހަގީގަތުގައި ރިއަލް ލަވް ވެއްޖެއްޔާ ހުންނާނެ ސިފަ.. އަމިއްލަ އެދުމެއްނެތް ލޯބި. އެމީހާ ގުޑްބައިކިޔަސް އެ ރިލޭޝަންޝިޕް ކޮންޓިނިއު ނުވި ކަމުގައިވިޔަސް ބްލޭމް ނުކޮށް ހަމަ އެލޯބި ހިތުގައި ދެމިގެން އޮތުން އޭނަ ޔުނިވާސްގައި ހުރިކަމަށްޓަކާ ޝުކުރުވެރިވުން އަމިއްލަ އުފަލަށްވުރެ އޭނަގެ އުފާތައް މުހިއްމުވުން. އޭނައަށް ބްލޭމް ނުކުރުން. ލެޓިން ގޯ އޮފް ހިމް. މިހުރިހާ ސިފައެއް ހުރީމަ ހަމަ އަދާއަށް ތި ތަޖުރިބާވީ ރިއަލް ލަވް. އެހެންވީމަ ރިއަލް ލަވް ކޮންމެވެސް ދުވަހަކުން ކާމިޔާބުވާނެ އިރާދަކުރެއްވިއްޔާ...އަދާ ހިތްވަރުކުރޭ..." ދާނިޔާ ހީލިއެވެ.

"ތެންކިއު ދާނީ..." އަދާރާ ދާނިޔާގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.

"ވަޓް އެބައުޓް ޔޫ؟ ދެން ތި ރިލޭޝަންޝިޕްއަށް ކޮން ނަމެއް ދޭނީ؟"

"އަދި ނޭގޭ. އެނގޭހާވެސް އެއްޗަކީ އުޑާއި ބިމާ ދެމެދުގައި ހުރި ފަރަގު އަހަރެމެންގެ އެބަހުރިކަން. ފުރަތަމަ ސިފައަށް ބެލިކަމުގައިވިޔަސް ނުގުޅޭ. އޭނަ އިސްކޮޅުން ކިހާ ދިގު. އަހަރެން ފަސްފޫޓް ހަމަނުވޭ. އޭނަ އެހާ ސްމާޓް..މަގޭ ރީތި ސިފައެއްނެތް..ކުޑަ ލޮލަކާއި ދިގު ނޭފަތާއި ތުނި ތުންފަތެއް ހުރީމަ ބޯއިސް އިން ލައިކްނުވާނެކަން އެނގޭ........................."ދާނިޔާ ކަރު އެލުވައިލިއެވެ.

"ހާދަ އަވަހަށް އުއްމީދު ތި ކަނޑައިލީ...ތިހެނެއްނުވާނެ. ދާނީއަކީ ވަރަށް ލޯބި ނާޒުކް ގާލްއެއް. ތިކަހަލަ ކުދިންދެކެ އެންމެން ލޯބިވާނެ.."އަދާރާ ހިތްވަރު ދިނަސް ދާނިއާގެ ހިތް ބިރުގަންނަނީއެވެ. އައްޔާޝްއާއިމެދު ޔަގީންކަމެއްނެތެވެ. ހުރިހާ ނިއުމަތެއް ފުރިހަމަވެފައިވާ ޒުވާނަކަށް ކޮންމެފަދަ އަންހެންކުއްޖަކުވެސް ލިބިދާނެއެވެ. ބުރުގާ އަޅާކުދިންދެކެ އެކަހަލަ ޒުވާނުން ފޫހިވެސްވާނެއެވެ. ހުޝާމް އަދާރާދެކެ ފޫހިވެ ޚިޔާރުކުރީ އެބުނާފަދަ ސްޓައިލިޝް އަންހެންކުއްޖެއް ނޫންހެއްޔެވެ؟

އަދާރާގެ ވާހަކަ އިވުމުން ދާނިޔާގެ ހިތުގައި އުފެދުނު ޝައްކުގެ ހުޅުގަނޑު އިތުރަށް ގަދަވިއެވެ. އައްޔާޝްދެކެ ލޯބިވެވުނަސް އެއީ ލިބުން އެކަށީގެންވާވަރުގެ މީހެއްނޫނެވެ. އޭނަ ޖެހޭނީ އެލޯބި ހަނދާން ނައްތައިލާށެވެ.

***

ދާނިޔާ މަޑުުމަޑުން ހިނގާލާފައި އަންނަނިކޮށް އެދިމާލުން ފާރުމަތިން އައްޔާޝް ބޯދިއްކޮށްލިއެވެ. އަދި މުށުތެރޭ އޮތް ކަރުދާސްކޮޅެއް އޭނައާއި ދިމާލަށް އެއްލައިލަމުން ލޯ މަރައިލިއެވެ. ދާނިޔާގެ ހިތަށް ވީގޮތް ބަޔާންކުރަން ދަތްޗެވެ.ދާނިޔާއަށް އެއްޗެއް ނުބުނެވެނީސް އައްޔާޝް ލޯމަތިން ގެއްލުނެވެ. ތުރުތުރުލާ އިނގިލިތަކުން އެ ކަރުދާސްކޮޅު ނަގާ ނިއުޅުވައިލިއެވެ. "މަގޭ ފޯނު ނަމްބަރު. ގުޅައްޗޭ އިނގޭ......" ރީތި ނަމްބަރެކެވެ. އެންމެ ފަހަރަކުން ހިތުގައި އެ ނަމްބަރު ރައްކާކުރެވުނަސް އެ ކަރުދާސްކޮޅު އެއްލައިލާކަށްވެސް ހިތެއް ނޭދުނެވެ. މިއީ އައްޔާޝްގެ ފަރާތުން ލިބުނު އެންމެ ފުރަތަމަ ހަދިޔާއެވެ. ތެޅިތެޅިވާ ހިތަކާއިއެކު ދާނިޔާ ގެއަށް ވަދެފައި ދޮރާށި ލައްޕާލައިފިއެވެ.

***

"މަންމާ....ސްޓޮޕް ދަ ކާރ. އެކުއްޖާގެ ގައިގާ ތިޖެހެނީ....ސްޓޮޕް........"ފަހަތު ސީޓުގައި އިން އާރިސް ހަޅޭއްލަވައިގަތުމުން މިނަލް ސިއްސައިގެން ދިޔައެވެ. ކުރީ ސީޓްގައި އިން މާކްވެސް އެނބުރި ބަލައިލީ ލޯ ބޮޑުކޮށްލަމުންނެވެ. އޭރު އާރިސް ކާރުން ފައިބައިފިއެވެ."މަންމާ. އެކުއްޖާގެ ގައިގާ ކާރުން ޖެއްސީ..........."

"މަންމަ ނުދެކެން.." ޝުވޭކާރުގެ އަޑު ބަލިކަށިކަމުން ކިރިޔާ އަޑު ނުކުތީއެވެ. އާރިސްގެ ލޮލަށް އެފެންނަ މީހުން އެހެން މީހަކަށް ނުފެންނަނީ ކީއްވެކަން އޭނައަށް ވިސްނެންފެށީއެވެ.

އާރިސް ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ." އާރިސް...އެކުއްޖާގެ ގަޔަކު ކާރުން ނުޖެހުނެއްނު. ދެން އަރާ ކާރަށް..."

"އަޅުގަނޑު ދެކުނިން..ކާރުން ޖެހުނު އެކަމަކު...." އާރިސް ކާރަށް އަރާ އިށީނެވެ. މާކް ފޯނަށް ގެއްލިފައި އިނެވެ."މާކް ދެކުނިންތަ؟"

"ޔެސް....." މާކް އެއްބައިވުމުގެ ގޮތުން ފާޑަކަށް ބުނެލިއެވެ."އެކުއްޖާ ގޮސް އެހެރަ ޝޮޕަށް ވަދެއްޖެ.ނަސީބަކުން ކާރުގައި ނުޖެހުނީ..."

މިނަލް ލޯ ކުޑަކޮށްލިއެވެ. މާކް ފޯނަށް ގެއްލިފައިއިން ކުއްޖާ އެހެން ބުނަންވީ ސަބަބެއް ނޭގުނެވެ.

***

ޝުވޭކާރު އާރިސްގެ މައްސަލައާާއި ގުޅޭގޮތުން އޭނަގެ އެކުވެރި ނަފްސާނީ ޑޮކްޓަރަކަށް ގުޅައިގެން މަޝްވަރާކުރިއެވެ. އާރިސްއާއި ވާހަކަދެއްކުމަށްފަހު އެޑޮކްޓަރ ބުނީ ޑިޕްރެޝަންކަމުގައެވެ. ރަގަޅަށް ނިދުމާއި ކަސްރަތުކުރުން އަދި ސިއްހީގޮތުން ފައިދާ ހުރި ރަގަޅު އެއްޗެހި ކެއުމަށް އޭނަ އިރުޝާދުދިނެވެ. ޝުވޭކާރަށްވެސް ހަމަޖެހިގެން ނޭވާއެއްލެވުނެވެ. ޑިޕްރެޝަންވެއްޖެއްޔާ ހައްލުކުރެވިދާނެއޭ ހިތަށް އެރިއެވެ. ހަގީގަތަކީ އެ ނަފްސާނީ ޑޮކްޓަރަށް ބަލި ދެނެގަތުމުގައި އެފަހަރު ނުކުޅެދުމެވެ.

***

އާރިސް ބެލްކަނިން ބަލައިލިއިރު އޭނައަށް ފެނުނީ ބޮޑުލޮލުގެ ވެރިޔާއެވެ. އޭނަގެ ކުޑައިރުގެ އެކުވެރިޔާކަން ޔަގީންވުމާއެކު ބަލާކަށް ނުހުރެ އޮފިއެލޭ ގަހުގެ އެހީގައި ތިރިއަށް ފޭބިއެވެ.

"ހެލޯ....." އާރިސް އަދާރާގެ ފަހަތުން އަންނަމުން ގޮވައިލިއެވެ.

އަދާރާގެ ފިޔަވަޅުތައް އަވަސްވިއެވެ.

"އަހަންނަށް ތިއީ ކޮން ކުއްޖެއްކަން އެނގޭ..."

"ވަޓް؟" ހައިރާންވިވަރުން އަދާރާއަށް އެނބުރި ބަލައިލެވުނީ ކާކުކަން ބަލަން އުފެދުނު ޝައުގަކުންނެވެ.

ނުނިމޭ