27 Oct 2022, 13:34
ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުން ކަޓައި ސްޕެއިންގެ ބާސެލޯނާގެ މާލީ ހާލަތު ދަށްވެދާނެކަމަށް ކަމާބެހޭ މާހިރުން ލަފާކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ބާސާ ކެޓުމާއެކު އެ ޓީމަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީ ވަރަށް ބޮޑުބައެއް މަދުވާނެކަމަށް ކަމާބެހޭ މާހިރުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެ ރިޕޯޓުތައް ބުނާ ގޮތުން ބާސާ ވަނީ މި ސީޒަންގައި 274 މިލިއަން ޔޫރޯ ލިބޭނެކަމަށް އެ ޓީމުން ވަނީ އަންދާޒާ ކޮށްފައެވެ. އެ އަދަދު ލިބޭނެކަމަށް ބާސާއިން އަންދާޒާކޮށްފައިވަނީ އެންމެ ދަށްވެގެން ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދާނެކަމަށް ލަފާކުރުމަށްފަހުއެވެ.
ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށްދާ ޓީމުތަކަށް 12.2 މިލިއަން ޔޫރޯ ލިބޭނެއެވެ. އަދި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްގެން 11 މިލިއަން ޔޫރޯ ވެސް ލިބޭނެއެވެ.
އެހެންކަމުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ބާސާ ކެޓުމުން އެ ޓީމަށް ލިބޭނެކަމަށް އަންދާޒާ ކުރާ އާމްދަނީން 23.2 މިލިއަން ޔޫރޯ ގެއްލޭނެއެވެ.
ނިމިދިޔަ ސީޒަންގައި އެ ޓީމަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 98 މިލިއަން ޔޫރޯއެވެ. ނަމަވެސް އެ އަދަދު މި ސީޒަން ނިމޭއިރު ތިން ގުނަ ވާނެކަމަށް އެ ކުލަބުން ލަފާކުރިއެވެ.
އެ ކްލަބުގެ ޑިރެކްޓަރުންގެ ބޯޑުން 1.017 ބިލިއަން ޔޫރޯގެ ޓާންއޯވާއަކާއެކު މާލީ އަހަރު ނިންމާލައިފައިވާއިރު މި ސީޒަނަށް 1.255 ބިލިއަން ޔޫރޯގެ އޮޕަރޭޓިން އިންކަމް ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.

ބާސެލޯނާގެ ރައީސް އަދި އެ ޓީމުގެ ކޯޗު ޒަވީ ހަނާންޑޭޒް --- ފޮޓޯ/ ގަޓީ އިމޭޖްސް
ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް ބާސާއަށް ފައިދާ ވާނެކަމަށް ލަފާކުރާއިރު، ސީޒަންގެ ފަހުކޮޅާހަމައަށް ދާއިރު އެ ޓީމަށް ރަނގަޅު އާމްދަނީއެއް ނުލިބިއްޖެ ނަމަ އެ ޓީމަށް ޚަރަދު ކުޑަކުރުމަށް ކުޅުންތެރިންގެ މުސާރަ ކުޑަ ކުރުމަށް މަޖުބޫރުވާނެއެވެ.
ކޮވިޑްގެ ސަބަބުން ބާސެލޯނާއަށް ކުރިމަތިވި މާލީ ދަތިތަކުން އަރައިގަތުމަށާއި ލަލީގާގެ ފައިނޭންޝަލް ފެއާ ޕްލޭ ގަވާއިދާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އެ ކުލަބުގެ ޓީވީ ރައިޓްސްގެ 25 ޕަސެންޓު، 25 އަހަރަށް، 500 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސިކްސްތު ސްޓްރީޓަށް ވަނީ ވިއްކާލައިފައެވެ.
މީގެ އިތުރުން އެ ކުލަބުގެ 49 ޕަސެންޓު ހިއްސާ ވިއްކާލައި، ސްޓްރީމިން ކުންފުނި ސްޕޮޓިފައިއާ އެކު ދިގު މުއްދަތުގެ ސްޕޮންސާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް އިތުރު 200 މިލިއަން ޔޫރޯ ވަނީ އެ ޓީމުން ހޯދައިފައެވެ.
އެކަމުގެ ސަބަބުން އިނދަޖެހިފައިވާ ބާސެލޯނާ ކުޑަކޮށް ހިންދެމިލައި މި ސީޒަނަށް ކުޅުންތެރިން ގަތުމަށް ފައިސާ ވަނީ ލިބިފައެވެ. އެ ފައިސާއިން 150 މިލިއަން ވަނީ މި ސީޒަނަށް އާ ކުޅުންތެރިން ގަތުމަށް ޚަރަދުކޮށްފައެވެ.
ކޮވިޑްގެ ސަބަބުން ބާސެލޯނާގެ ވިޔަފާރިތައް ހުއްޓި އެ ޓީމުގެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދެވޭ ހާލަތަށް އެ ޓީމު ވެއްޓުނެވެ. ކުޅުންތެރިންނަށް މުސާރަ ދިނުމަށް ގިނަ ސީނިއާ ކުޅުންތެރިންގެ މުސާރަ ބޮޑުތަނުން ކުޑަކުރުމަށް ޓީމަށް މަޖުބޫރުވިއެވެ.
އެއް ބިލިއަން ޑޮލަރުގެ ދަރަނި އޮތް ބާސެލޯނާގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލުމަށް މަޖުބޫރުވެ، އެ ކުލަބުގެ އޭރުގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ ޓީމުން ދޫކޮށްލިއެވެ.