މޮސްކޯ (27 އޮކްޓޯބަރު 2022): އެމެރިކާގެ ސެޓަލައިޓްތައް ބޭނުންކޮށްގެން ޔޫކްރެއިންއަށް އަސްކަރީގޮތުންނާއި ޖާސޫސީގޮތުން އެހީތެރިވާން ފަށައިފިނަމަ އެތަކެއްޗަށް ހަމަލާދޭނެ ކަމުގެ އިންޒާރު ރަޝިއާއިން ދީފިއެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާގެ އާމްސް ކޮންޓްރޯލް އެންޑް ނިއުކްލިޔާ ނޮން ޕްރޮލިފަރޭޝަން ގެ ކަންތައްތަކާބެހޭ ވެރިޔާގެ ނައިބު ގުސްތަންތީނު ފޮރޮންސޯވް އެމެރިކާއަށް އިންޒާރު ކުރައްވަމުން ވިދާޅުވީ އެމެރިކާގެ ސެޓަލައިޓްތައް ބޭނުންކޮށްގެން ޔުކްރެއިންއަށް އަސްކަރީގޮތުންނާއި ޖާސޫސީގޮތުން އެހީތެރި ނުވުމަށެވެ. އެހީތެރިވެއްޖެނަމަ ފަޒާގައި ހުއްޓައި އެތަކެތި ގޮއްވާލުމަށް ރަޝިއާ ފަސްނުޖެހޭނެ ކަމަށާއި އެކަމުގެ އަސްކަރީ އަދި ފަންނީ ގާބިލުކަން ރަޝިއާގައި ހުރިމިންވަރު އެންމެ ބޮޑަށް އެނގޭނެ ފަރާތަކީވެސް އެމެރިކާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި ރަޝިއާގެ އިތުރުން ޗައިނާއަކީ ފަޒާގައިވާ ސެޓަލައިޓްތައް ގޮއްވާލުމުގެ ގާބިލުކަން ލިބިފައިވާ ތިންގައުމެވެ. އަސްކަރީ ޓެކްނޮލޮޖީއާއި ފަޒާގެ ދާއިރާގައިވެސް އެންމެ ބޮޑަށް ކުރިއަރާފައިވާ ތިން ގައުމަކީ މިތިން ގައުމެވެ. އެމެރިކާއާއި ރަޝިއާ އަދި ޗައިނާއަކީ އެންޓި މިސައިލް ޓެސްޓްތައް ކާމިޔާބު ކަމާއެކު ތަޖުރިބާ ކޮށްފައެވެ. އަދި ހަތަރުވަނަ ގައުމެއްގެ ގޮތުގައި އިންޑިއާވެސް ދާދިފަހުންވަނީ އެންޓި މިސައިލް ޓެސްޓެއް ތަޖުރިބާކޮށްފައެވެ. މިހާރުގެ ހާލަތަށް ބަލާއިރު ގައުމެއްގެ ސެޓަލައިޓްތައް ގޮއްވައިލުމަކީ އިންސާނަކަށް ބަލާއިރު އެމީހެއްގެ ދެލޯ ކަނުކޮށްލުން ފަދަ ކަމެކެވެ.

ރަޝިއާއިން އެމެރިކާގެ ސެޓަލައިޓެއް ގޮއްވާލައިފިނަމަ ރައްދުގައި އެމެރިކާވެސް ރަޝިއާގެ ސެޓަލައިޓެއް ގޮއްވާލާނެކަމީ ގާތްގަނޑަކަށް ޔަގީންކަމެކެވެ. މުހައްލިލުން ދެކޭގޮތުގައި ރަޝިއާގެ މިއިންޒާރުގެ ބޭނުމަކީ އެމެރިކާގެ ސެޓަލައިޓްތަކަށް ހަމަލާދިނުމެއް ނޫނެވެ. އޭގެބަދަލުގައި މިއީ އެމެރިކާގެ ސެޓަލައިޓްތައް ބޭނުންކޮށްގެން ޔުކްރެއިންއަށް އަސްކަރީގޮތުންނާއި ޖާސޫސީގޮތުން އެހީތެރިނުވުމަށް ދިން އިންޒާރެކެވެ. އެކަންކޮށްފިނަމަ ރަޝިއާއާއި އެމެރިކާއާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ހިނގާނެކަމުގެ ކަމުގެ އިންޒާރު ދިނުމެވެ.

ރަޝިއާއަކީ އެމެރިކާއަށް ވުރެ ގިނައިން ނެތްމިންވަރަށް ނިއުކްލިޔާ ޓެކްނޮލޮޖީއާއި ނިއުކްލިޔާ ހަތިޔާރާއި ދުރުރާސްތާގެ ބަލިސްޓިކް މިސައިލް ހުރިގައުމެކެވެ. މީގެއިތުުރުން ހައިޕާ ސޮނިކް މިސައިލް ޓެކްނޮލޮޖީވެސް އެމެރިކާގައި ނެތް މިންވަރަށް ރަޝިއާގައި އެބަހުއްޓެވެ.

ޔޫކްރެއިން ހަނގުރާމައާއެކުވެސް އެމެރިކާއިން ރަޝިއާއާއެކު ޔޫރޭނިއަމް ގެ ވިޔަފާރި ކުރަމުން ގެންދެއެވެ. އެމެރިކާގެ ނިއުކްލިޔާ އިންޖީނުގެތަކަށް ބޭނުންވާ ޔޫރޭނިއަމް އާއި ނިއުކްލިޔާ ފިއުލް ރަޝިއާއިން އެތެރެކުރެއެވެ. އެއީ ރަޝިއާގައި އެތަކެތި އުފައްދާމިންވަރު ގިނަވެފައި އިންތިހާއަށް އަގުހެޔޮ ކަމުންނެވެ.

އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުން މިހާރު ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާއަށްވެސް އަދި ނޭޓޯގެ އެހެން ގައުމުތަކަށް ވެސް ތާއަބަދަކު ރަޝިއާއާ ހަނގުރާމަ ކުރަން ބޭނުންވާ މިންވަރަށް ޔޫކްރެއިންއަށް ހަތިޔާރާއި ފައިސާއާއި އިގްތިސާދީ އެހީއެއް ނުދެވޭނެއެވެ. އެހެންކަމުން ޔުކްރެއިންގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރަންޖެއެވެ. މިމައްސަލާގައި ރަޝިއާ ވާހަކަ ދެއްކުމަށް ޔުކްރެއިން އަށް ބާރު އެޅުމަށް އެމެރިކާގެ ކޮންގްރެސްގެ އެތައް މެންބަރަކު މިހާރުވަނީ އެމެރިކާ ސަރުކާރަށް ގޮވާލައްވާފައެވެ. މިގޮތަށް ކުރިން އެބޭފުޅުން ގޮވާލައްވާފައެއް ނުވެއެވެ.

ހަނގުރާމަކޮށްގެން ޔޫކްރެއިންއަށް ރަޝިއާ ބަލިނުކުރެވޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވިނަމަވެސް އެމެރިކާ ސަރުކާރާއި ނޭޓޯގެ ގައުމުތަކުން ގެންދަނީ މިކަމަށް މަސައްކަތް ކުރަމުންނެވެ. ރަޝިއާއިން ވަނީ އަސްކަރީގޮތުން އެގައުމު ބަލިނުކުރެވޭނެކަމުގެ އިންޒާރު ޔުކްރެއިން އަށް ދީފައެވެ. އަދި ރަޝިއާގެ ގައުމީ މަސްލަހަތަށް ނުރައްކާވަފަދަ ހާލަތެއްގައި ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެކަމަށްވެސް ރަޝިއާ ބުނެއެވެ.