ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖެހި ޖެހިގެން ހަ ވަނަ ފަހަރަށް ބަޔާން މިއުނިކް އަތުން ބާސެލޯނާ ބަލިވެއްޖެއެވެ.

ރޭ ބާސާގެ އަމިއްލަ ދަނޑުގައި ބަޔާން އަތުން އެ ޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މަޗަށް އެ ޓީމު ކުރިމަތިލިއިރު އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުން ކަޓައި ޔޫރޮޕާ ލީގަށް ގޮސްފައެވެ.

ބާސާ ވަނީ މިދިޔަ ސީޒަނުގައި ވެސް ގްރޫޕް ސެޓޭޖުން ކަޓައި ޔޫރޮޕާ ލީގު ކުޅެން ޖެހިފައެވެ. މީ ބާސާގެ ތާރީހުގައި ވެސް ޖެހި ޖެހިގެން ދެ އަހަރު ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ. އެ ޓީމަކީ ފަސް ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައިވާ އެ މުބާރާތުގެ ގަދަ ބާރެކެވެ.

ބާސާގެ ތާރީހުގައި ވެސް އެ ޓީމަށް ކުޅުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ 20 އަހަރަށްފަހު އެ ޓީމު ދޫކޮށްލުމާއެކު އެ ޓީމު ވަނީ ވަރަށް ބޮޑަށް އަޑި އަޅާލައިފައެވެ. ނަމަވެސް މިހާރު އެ ޓީމު އަންނަނީ ހަމައަަކަށް އެޅެމުންނެވެ.

ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ބަޔާނުން ވަނީ ބާސާކޮޅަށް ގޯލު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ މެޗުގެ 10 ވަނަ މިނެޓުގައި ސާޖް ގެނަބްރީގެ އެހީތެރިކަމާއެކު ސާޑިއޯ މާނޭ ޖެހި ގޯލެކެވެ.

ބާސާއާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ / ބަޔާން މިއުނިކް

މެޗުގެ 31 ވަނަ މިނެޓުގައި ބަޔާން އިން ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ގެނަބްރީގެ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ޗުޕޯ މޯޓިން ޖެހި ގޯލެކެވެ.

އެ ނަތީޖާއާއެކު މެޗު ނިމެން ދިޔަ ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ބަޔާނުން ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ވެސް ގެނަބްރީ ތަނަވަސްކުރި ފުރުސަތަކުން ބެންޖަމިން ޕަވާޑް ޖެހި ގޯލެކެވެ.

އެ ނަތީޖާއާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބަޔާން ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. އެ ގުރޫޕްގެ ދަވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ އިންޓަ މިލާނެވެ. ބަޔާން ތާވަލުގެ އެއްވަނައިގައި އޮތީ 15 ޕޮއިންޓާއެކުއެވެ. އަދި އިންޓަ ތާވަލުގެ ދެވަނައިގައި އޮތީ 10 ޕޮއިންޓާއެކުއެވެ. ބާސާ ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓު ލިބިގެންނެވެ. އަދި ތާވަލުގެ ފުލުގައި އޮތް ވިކްޓޯރިއާ ޕްލެޒެން އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.