މޮސްކޯ (މާޗް 5) : ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެޤައުމުގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން ވައްޓާނުލެވޭނެ ކަމަށް ރަޝިޔާ ބުނެފިއެވެ.

އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގީ ލާވްރޯވް ވިދާޅުވީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ފަހަތުގައި ހުޅަނގުގެ ބާރުތައް އޮވެފައި އިދިކޮޅު ހަނގުރާމަވެރިންނަށް ކިތަންމެ ވަރަކަށް ހަތިޔާރާއި ތަމްރީން ދިންނަމަވެސް ސޫރިޔާ ސަރުކާރުގެ ބާރުތައް ބަލިނުކުރެވޭނެ ކަމާއި ބައްޝާރުގެ ވެރިކަން ވައްޓާނުލެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމުގައެވެ.

ލާވްރޯވް މިހެން ގޮވާލީ ސޫރިޔާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ޢަރަބި ބައެއް ޤައުމުތަކުންނާއި ޔޫރަޕްގެ ބައެއް ޤައުމުތަކުން ގޮވާލަމުން ގެންދާ ދުވަސްވަރެއްގައެވެ. ލާވްރޯވް ވިދާޅުވީ ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ނުވަތަ އަޅާކޮންމެ ފިޔަވަޅަކަށް ވިސްނުމަކާނުލާ ރަޝިޔާ ތާއީދު ނުކުރާނެ ކަމުގައެވެ. ރަޝިޔާގެ ސިޔާސަތަކީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ވަގުތުން ހުއްޓުވުމަށް މަސައްކަތްކުރުމާއި ސަރުކާރާއި އިދިކޮޅު ފަރާތްތައް ސުލްހައިގެ މޭޒުދޮށަށް ގެނަސް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް އެހީތެރިވެދިނުމެވެ.

މިކަމަށްޓަކައި ސޫރިޔާގެ އިދިކޮޅު ފަރާތްތައް ތަމްސީލްކުރާ ދެ ގުރޫޕެއް ދާދިއަވަހަށް މޮސްކޯއަށް ޒިޔާރަތްކޮށް މިމައްސަލާގައި ރަޝިޔާގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރާނެކަމަށްވެސް ލާވްރޯވް ވިދާޅުވިއެވެ. ސޫރިޔާގެ ސިފައިންގެ ޙަމަލާތަކުގައި ފާއިތުވި 48 ގަޑީއިރު ތެރޭގައި 70 އަށްވުރެ ގިނަމީހުން މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް އެޤައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ނަމަވެސް ސޫރިޔާ ސަރުކާރުންވަނީ ޙަމަލާތައް ހުއްޓާލުމަށްޓަކައި މިހާރު ހަނގުރާމަ ހިނގަމުންދާ ރައްތަކާއި އަވަށްތަކުން ބަރުހަތިޔާރު ނަގާނެ ކަމަށް ބުނެފައެވެ. އދ. ގެ ސަލާމަތީ މަޖިލީހުންވަނީ ކުރިޔަށްއޮތް ދެދުވަހުގެ ތެރޭގައި ހަމަލާތައް ހުއްޓާލުމަށް ސަރުކާރަށާއި އިދިކޮޅު ހަނގުރާމަވެރިންނަށް ގޮވާލާ ޤަރާރަކާބެހޭގޮތުން މަޝްވަރާކުރަން ފަށާފައެވެ. -- އަލްޖަޒީރާ