28 Jul 2010, 10:39
14:30
މާލޭގައި 108 ހައުސިން ޔުނިޓް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލު މިއަދު ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ބޭނުމަށް މާލޭގައި 108 ހައުސިން ޔުނިޓް އިމާރާތްކުރުމަށްޓަކައި 10 ބުރީގެ 6 އިމާރާތެއް މާލޭ ގާކޮށި ސަރަހައްދުގައި ގާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރީ އާދީއްތަ ދުވަހު ކަމަށެވެ. އެގޮތުން މި ބީލަން ހުޅުވާލާފައި ވަނީ ހަމައެކަނި ރާއްޖޭގެ ކުންފުނިތަކަށް ކަމަށް ސާމީ ވިދާޅުވި އެވެ. އަދި ބީލަން ހުޅުވާލާފައި ވަނީ ދިގު މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާ ގޮތަށް، ހައުސިން ޔުނިޓް ޑިޒައިންކޮށް އިމާރާތްކޮށްދޭ ގޮތަށް ކަމަށާއި ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޯގަސްޓް މަހުގެ 31 ކަމަށް ވެސް ސާމީ ވިދާޅުވި އެވެ.
ސަރުކާރުން ހިންގާ 10،000 ހައުސިން ޔުނިޓުގެ ޕްރޮޖެކްޓުގެ ދަށުން މާލޭގައި 500 ޔުނިޓް އެޅުމަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ތެރެއިން 350 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށް، ބާކީ 150 ޔުނިޓުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.
އެހެން ނަމަވެސް، ހައުސިން މިނިސްޓްރީގެ ބޭނުމަކަށް ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ހުޅުވާލާފައިވާ 108 ހައުސިން ޔުނިޓްގެ ބީލަމާ ގުޅޭ ގޮތުން މިއަދު ހައުސިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.