27 Oct 2022, 10:47
ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިންޓަމިލާނުން ވިކްޓޯރިއާ ޕްލެޒެން ބަލިކުރުމާއެކު ބާސާ ޔޫރޮޕާ ލީގަށް ގޮސްފިއެވެ.
ބާސާ، ވިކްޓޯރިއާ އަދި އިންޓަ މިލާން ހިމެނިފައިވަނީ ޗެމްޕިއަންސް ލީގް ގްރޫޕް ސީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ބަޔާން މިއުނިކެވެ.
ރޭގެ މެޗާހަމައަށް އައި އިރު އެ ގްރޫޕުން ދެވަނަ ބުރަށް ދިއުމަށް އިންޓަ މިލާނަށް ބޭނުންވީ އެންމެ ތިން ޕޮއިންޓެވެ. އެ ގްރޫޕުން ފުރަތަމަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ބަޔާންއެވެ.
އެހެންކަމުން ވިކްޓޯރިއާ ޕްލެޒެން ބަލިކޮށް އިންޓަ ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަަށަވަރުކޮށްފައެވެ. އެ ގްރޫޕްގެ އެއްވަނައިގައި ބަޔާން އޮތީ 15 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އިންޓަ އޮތީ 10 ޕޮއިންޓާއެކުއެވެ. އަދި ތިން ވަނައިގައި ބާސާ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. އެ ގްރޫޕްގެ ފުލުގައި އޮތް ވިކްޓޯރިއާއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ގޯލު ޖެހުމަށްފަހު އިންޓަ މިލާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --- ފޮޓޯ / އިންޓަ މިލާން
އިންޓަގެ އަމިއްލަ ދަނޑުގައި ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗު އިންޓައިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ 35 ވަނަ މިނެޓުގައި އިންޓައަށް މެޗުގެ ގޯލު ހުޅުވާދިނީ ހެންރިކް މިހްތާރިޔަންއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 42 ވަނަ މިނެޓުގައި އެޑިން ޒެކޯގެ ގޯލުން އިންޓަ އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. އަދި ދެވަނަ ހާފު ގެ 66 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފައިވަނީ ވެސް ޒެކޯއެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރޮމެލޫ ލުކާކޫ ވަނީ މެޗުގެ ފަހު ގޯލު ޖަހައި ދެވަނަ ބުރުގެ ޖާގަ އެ ޓީމަށް ކަށަވަރުކޮށްދީފައެވެ.