28 Oct 2022, 10:26
ދާދި ފަހުން 167000 އަށް ވުރެ ގިނަ ކްރެޑިޓް ކާޑުގެ ސިއްރު މައުލޫމާތު ވަގަށް ނެގި ހެކަރުން، ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ދެ މެލްވެއާއެއް އިންޓަނެޓަށް ދޫކޮށްލާފައިވާ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ކަމާ ބެހޭ ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕީއޯއެސް މެލްވެއާގެ ނަމުން ނަންދެވިފައިވާ މި މެލްވެއާ ބޭނުންކޮށްގެން ހެކަރުން މިހާރު ވެސް ދަނީ ކްރެޑިޓް ކާޑާ ގުޅޭ މައުލޫމާތު ވަގަށް ނަގަމުންނެވެ.
ދަ ހެކާސް.ކޮމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެކަރުން ވަގަށް ނަގާފައިވާ ޑޭޓާތައް ސިއްރުން ހިންގާ ފޯރަމްތަކުގައި ވިއްކައިގެން އެމީހުންނަށް 3.34 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބުން އެކަށީގެންވާ ކަމަށް ސިންގަޕޫރުގެ ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ގްރޫޕް-އައިބީން ވަނީ ލަފާކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި މެލްވެއާއަކީ އީކޮމާސް ވެބްސައިޓްތަކުން ބޭންކް ކާޑު ނަންބަރާއި، މުއްދަތު ހަމަވާ ތާރީޚާއި، ކާޑުގެ ވެރިފަރާތުގެ ނަމާއި، އެޑްރެސް، އަދި ސީވީވީ ފަދަ ކާޑު ޓެކްސްޓް ޑޭޓާތައް ވަގަށް ނެގުމަށް ޖާވާސްކްރިޕްޓް ސްނިފަރުން ބޭނުންކުރާ މެލްވެއާއެކެވެ.
މިދިޔަ މަހު ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ކަސްޕާސްކީއިން ވަނީ ބްރެޒިލްގެ ހެކަރެއް ކަމަށްވާ ޕްރިލެކްސް މީހުންނަށް އޮޅުވާލައިގެން ފައިސާ ވަގަށް ނެގުމަށް ބޭނުންކުރާ އާ އުކުޅުތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. އެމައުލޫމާތުތަކާ މިފަހަރުގެ މި މަލްވެއާގެ މަސައްކަތް ހިނގާގޮތާ އަޅައިބަލާއިރު ފެންނަނީ ހުރިހާ ކަމެއްވެސް ދާދި އެއްގޮތަކަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި މިމެލްވެއާގެ ގިނަ އޮޕަރޭޝަންތައް ހިންގީ އެމެރިކާ، ޕުއޭޓޮ ރީކޯ، ޕެރޫ، ޕެނަމާ، އިނގިރޭސިވިލާތް، ކެނެޑާ، ފްރާންސް، ޕޮލެންޑް، ނޯވޭ، އަދި ކޮސްޓަރިކާގެ ބޭންކުތަކުން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުންނެވެ.
ޕޮއިންޓް އޮފް ސޭލް މެލްވެއާ މަސައްކަތް ކުރަނީ ކިހިނެއް؟
ގްރޫޕް-އައިބީން ބުނާ ގޮތުގައި ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެލްވެއާއަކީ ބޭންކް ކާޑުތަކުގެ ފަހަތުގައި ހުންނަ މެގްނެޓިކް ސްޓްރައިޕްސް (މެގްސްޓްރައިޕްސް) ގައި ރައްކާކޮށްފައިވާ ޕޭމަންޓް ޑޭޓާ ވަގަށް ނެގުމުގެ މަގުސަދުގައި ޕީއޯއެސް ޓާމިނަލްތަކަށް ހަމަލާ ދިނުމަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާގެ ވައްތަރެކެވެ.
ޒަމާނީ ކްރެޑިޓް ކާޑު ބޭނުންކުރާ ގިނަ ގައުމުތަކުގެ ކާޑު ސިސްޓަމްތަކުގައި ޖަހާފައިވާ ސަލާމަތީ އާލާތްތަކުގެ ސަބަބުން ޕީއޯއެސް މެލްވެއާ އެހާ ރަނގަޅަށް މަސައްކަތް ނުކުރި ނަމަވެސް އަދިވެސް އެ މެލެވޭއާ ކޮންމެވެސް މިންވަރަކަށް އޮޕަރޭޓް ކުރަމުންދާ ކަމަށް އެ ވެބްސައިޓުން ފާހަގަކޮށްފައިވެއެވެ.
މިފަދަ މެލްވެއާތައް އެކި ދުވަސްދުވަސް މަތިން އިންޓަނެޓްގައި ހެކަރުން ދައުރުކުރަމުން ދާއިރާއި ކްރެޑިޓް ކާޑުގެ ސިއްރު މައުލޫމާތުތައް ވަގަށް ނެގުން ފަދަ ގާނޫނީ ބޮޑެތި ކުށްތައް ތަކުރާރުވަމުން އަންނަ އިރު މިފަދަ ކަންކަމުން ރައްކާތެރިވެ ސަމާލުވެ ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްވެސް ކުރަމުންނެވެ.