26 Oct 2022, 19:40
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އޭގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު އިއްޔެ ހައްޔަރުކުރުމަށް ފަހު އަނެއްކާވެސް ދޫކޮށްލައިފިއެވެ.
ފުލުހުން މިރޭ ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އަރުޝަދުގެ ބަންދު ދެމެހެއްޓޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
އަރުޝަދު ހައްޔަރުކުރިކަން އިއްޔެ ފުލުހުން ހާމަކުރި ނަމަވެސް އޭނާ ހައްޔަރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނުބުނެއެވެ.
ދެހާސް ވިހި ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަރުޝަދު ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު އޭނާ އޭރު މިނިވަންވިއެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އޭގެ ފަހުން މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި އޭނާ ހައްޔަރުކުރަން ބެލިއިރު އޭނާ ހުރީ ދުބާއީގައެވެ. އަދި ފަހުން އޭނާ ލަންކާގައި ހުއްޓާ، އޭނާ ބަންދުގައި ބަހައްޓައިގެން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ހައިކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނެވެ.
ފުލުހުން މި މަހުގެ 10 ވަނަ ދުވަހުގެރޭ އަރުޝަދު ހައްޔަރު ކުރި ނަމަވެސް، އޭނާ ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ދޫކޮށްލިއެވެ.
ހައިކޯޓުން ބުނީ އެ ކޯޓުގައި ތާވަލުކޮށްފައި އޮތް މައްސަލައަށް އަރުޝަދު ހާޒިރުވީ އަމިއްލައަށް ކަމަށެވެ. އެހެންކަމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމެން ނެތް ކަމަށް އެ ކޯޓުން އޭރު ނިންމިއެވެ.
އެ މައްސަލައިގައި ޕީޖީ އޮފީހުން ވަނީ އަރުޝަދު ދޫކޮށްލަން އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި އެ އޮފީހުން ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.