އެޕަލް އިން ކުރިއަށް އޮތް ތަނުގައި ނެރޭ ހުރިހާ އައިފޯނެއްގައި ވެސް ދެން ބޭނުން ކުރާނީ ޓައިޕް ސީ ޗާޖިން ޕޯޓު ކަމަށް އެ ކުންފުނިން އެންމެ ފަހުން ކަށަވަރު ކޮށްދީފިއެވެ.

ސްމާޓްފޯނު އުފައްދާ ހުރިހާ ކުންފުންޏަކުން ވެސް މިހާރު ފޯނުގެ ޗާޖިން އަދި ފައިލް ޓްރާންސްފާއަށް ބޭނުންކުރާ ޕޯޓަކީ ޓައިޕް ސީ ޕޯޓެވެ. ނަމަވެސް އެޕަލް އިން އެކުންފުނީގެ ފޯނުތަކަށް އަދިވެސް ޓައިޕް ސީ ތައާރަފުކޮށްފައެއް ނުވެއެވެ. އަދިވެސް އެޕަލް އިން ގެންގުޅެނީ އެކުންފުނީގެ "ލައިޓްނިން ޕޯޓް" އެވެ.

ލައިޓްނިން ޕޯޓުގެ މައްސަލައިގައި ގިނަ ކަސްޓަމަރުން ވެސް ވަނީ މައްސަލަ ޖައްސާފައެވެ. އެގޮތުން އެޕަލްގެ އެހެން ޕްރޮޑަކްޓުތަކުގައި މިހާރު ޓައިޕް ސީ ބޭނުންކުރާއިރު އައިފޯނުގައި ލައިޓްނިން ބޭނުން ކުރަނީ އަދިވެސް އެޕަލް ގޮތް ދޫ ނުކުރާތީ ކަމަށް ބައެއް ކަސްޓަމަރުން ބުނެއެވެ.

އެއަށްފަހު ޔޫރަޕިއަން ޔޫނިއަން އިން އެންގީ ވަރުގަދަ އެންގުމެކެވެ. އެއީ 2024ގެ ކުރީން އެކުންފުނީން ނެރޭ އައިފޯނުތައް ޓައިޕް ސީ އަށް ބަދަލު ކުރުމަށެވެ. އެގޮތަށް ބަދަލު ނުކޮށްފި ނަމަ އާ އައިފޯނުތަކެއް އީޔޫގެ ގައުމުތަކުގައެއް ނުވިއްކޭނެ ކަމަށް ބުނެފައިވެއެވެ.

އެކަމަށް ރައްދު ދެމުން އެޕަލް އިން އެންމެފަހުން ބުނެފައިވަނީ ދެން އަންނަ އައިފޯނުތަކާއެކު ޓައިޕް ސީ ތައާރަފުކުރަން ފަށާނެ ކަމަށެވެ.

އެޕަލްގެ މާކެޓިން ލީޑް ގްރެގް ޖޮސްވިއަކް ވިދާޅުވިގޮތުގައި އީޔޫގެ އެންގުމަށް ކިޔަމަން ވާނެ ކަމަށެވެ.

"އެއީ ކުރަން ޖެހޭ ކަމަކަށް ވާތީ އެކަން ކުރާނެ،" އޭނާ ވިދާޅުވިއެވެ.

އެޕަލްގެ އައިފޯނުތަކަށް އެ ބަދަލު ގެންނަން ޖެހޭތީ އެކަން ކުރަނީ ކަމަށް އޭނާ ފާހަގަކުރިއެވެ. ނަމަވެސް އެ ނިންމުމާ މެދު އުފާ ނުކުރާ ކަމަށް ވެސް އޭނާ އިޝާރާތްކޮށްފައި ވެއެވެ.