މިއުޒިކާ ދުރަށް ޖެހިލުމަށްފަހު އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ކިޔާފައިވާ އާ ލަވައެއް ހުކުރު ދުވަހު ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.

ރިއާނާ މިއުޒިކް އިންޑަސްޓްރީއަށް އެނބުރި އަންނާނެ ދުވަހަކަށް ފޭނުން ތިބީ ކެތްމަދުވެފައެވެ. އެއާއެކު ދާދިފަހުން އޭނާ ހާމަކޮށްފައިވަނީ އަންނަ އަހަރު ސުޕަބޯލްގައި ޕަފޯމް ކުރާނެ ކަމަށެވެ. މިއުޒިކުން ހަ އަހަރުގެ ބްރޭކެއް ނެގުމަށްފަހު އަލުން މިއުޒިކަށް އަންނާތީ ގިނަ ބަޔަކު ތިބީ ވަރަށް އުފަލުންނެވެ.

ރިއާނާގެ އާ ލަވައެއް ހުކުރު ދުވަހު ނެރޭއިރު އެ ލަވައަކީ މާވެލް އިން އަންނަ މަހު ނެރުމަށް ހަމަޖެހިފައިވާ ސުޕަހީރޯ ފިލްމު "ބްލެކް ޕްންތާ : ވަކަންޑާ ފޮރެވާ"އަށް އޭނާ ކިޔާފައިވާ ލަވައެކެވެ.

ފޭނުންނަށް ބޮޑު ސަޕްރައިޒެއްގެ ގޮތުގައި އިއުލާނުކޮށްފައިވާ އެ ލަވަ އަންނަކަން މާވެލް އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

މިއުޒިކުން ބްރޭކެއް ނެގުމަށްފަހު ރިއާނާ ހޭދަކޮށްފައިވަނީ ވަރަށް ބިޒީ ހަ އަހަރެވެ. އެގޮތުން އޭނާގެ ކުންފުނި ފެންޓީ މެދުވެރިކޮށް އާ ޕްރޮޑަކްޓުތައް އުފައްދައި ތަފާތު އެކި ލައިންގެ ކޮސްމެޓިކް އާއި ހެދުން ވެސް ވަނީ ފާއިތުވި ހަ އަހަރުގެ ތެރޭގައި ތައާރަފުކޮށްފައެވެ.

ރިއާނާ އަށް ވަނީ ދާދި ފަހުން ފިރިހެން ކުއްޖެއް ވެސް ލިބިފައެވެ.

މާވެލްގެ ބްލެކް ޕެންތާ ސައުންޑްޓްރެކް ނެރެން ތައްޔާރުވާއިރު އެ ސައުންޑްޓްރެކްގައި އާންމު ގޮތެއްގައި ކަޅު ނަސްލުގެ އާޓިސްޓުން ގިނައިން ހިމަނައެވެ. ބްލެކް ޕެންތާގެ ފުރަތަމަ ފިލްމުގައި ވެސް ވަނީ ކަޅު ނަސްލުގެ ގިނަ އާޓިސްޓުން ލަވަކިޔާފައެވެ.

ބްލެކް ޕެންތާގެ އާ ފިލްމު ދައްކަން ފަށާނީ އަންނަ މަހުގެ 11 އިން ފެށިގެންނެވެ.