26 Oct 2022, 18:03
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ހޮސްޕިޓަލުން ސިއްހީ ދާއިރާއިން އެންމެ މަތީ ފެންވަރުގެ ޚިދުމަތް ލިބޭނެ ކަމަށް އެ ޕްރޮޖެކްޓް ލިބުނު އޭޑިކޭ ހޮސްޕިޓަލްސް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް އިއްޔެ އެޗްޑީސީން ވަނީ އޭޑީކޭ ހޮސްޕިޓަލްސްއާ ހަވާލުކޮށް ކަމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމާ ގުޅޭ ގޮތުން އޭޑީކޭގެ މޭނޭޖިން ޑިރެކްޓަރު (އެމްޑީ) އަހްމަދު އަފްއާލް މިއަދު "ސަން"އަށް ވިދާޅުވީ އިއްޔެ އެޗްޑީސީއާ އެއްކޮށް ވެވުނު އެއްބަސްވުމަކީ ފްރޭމްވޯކް އެއްބަސްވުމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެޗްޑީސީން މި އަހަރުގެ ޖެނުއަރީ މަހު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސިއްހީ ޚިދުމަތް ދޭ މެޑިކަލް ފެސިލިޓީއެއް އެޅުމަށް ކުރި އިއުލާނަކަށް އޭޑިކޭއިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅި ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ފެސިލިޓީއެއް ގާއިމުކުރުމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޑީކޭ
"އެޗްޑީސީން ކުރި އެސެސްމެންޓް ތކަކަށްފަހު އޭޑީކޭގެ އީއޯއައި އަކީ ހޮސްޕިޓަލެއް އަޅަން އެމީހުންނަށް ލިިބިފަ ހުރި އީއޯއައީ ތަކުގެ ތެރެއިން އެންމެ ރަނގަޅު އީއޯއައި ކަމަށް އެޗްޑީސީއަށް ގަބޫލު ކުރެވޭތީ، ހޮސްޕިޓަލެއް އެޅުމުގެ އެގްރީމެންޓްގަ ސޮއިކުރުމުގެ ފުރުސަތު ލިބުނީ،" އޭނާ ވިދާޅުވިއެވެ.
އަފްއާލް ވިދާޅުވީ އިއްޔެ ސޮއިކުރީ ފްރޭމްވޯކް އެގްރީމެންޓެއްގައި ކަމަށް ވާތީ އެ އެއްބަސްވުމަކީ ހޮސްޕިޓަލް އަޅަން ފެށުމަށް އޮތް އެއްބަސްވުމެއް ނޫން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން، އޭޑީކޭއިން ހުށަހަޅާ ހޮސްޕިޓަލް ނުވަތަ ސިއްހީ ޚިދުމަތްދޭ މަރުކަޒު އެޅުމަށް ބޭނުންވާ ކޮންސެޕްޓްތައް ތައްޔާރުކުރުމަށް ފަހު އެ ކޮންސެޕްޓްތަކާ ބެހޭ ގޮތުން ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭގައި އެޗްޑީސީއާއެކު އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ހިސާބުން އަދި އެނގޭނީ އެގްރީމެންޓަކަށް އައިސް އެ ހޮސްޕިޓަލް އެޅުމައިގެން ކުރިއަށްދެވޭނެތޯ. ކިހާ ދުވަހަކުންތޯ އެ ހޮސްޕިޓަލް އެޅޭނީ. މިކަހަލަ މައުލޫމާތު،" އަފްއާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީީ ހޮސްޕިޓަލުގެ ކޮންސެޕްޓް ކުރެހުމުގެ މަސައްކަތް ކުރުމަށް އިއްޔެ ހަވީރު ރިޔަން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ކޮންސެޕްޓް ކުރެހުމުގެ މަސައްކަތް ކުރުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޑީކޭ
އަފްއާލް ވިދާޅުވީ ސިއްހީ ޚިދުމަތް ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން އަންނަނީ ކެނޑިނޭޅި ގިނަ މަސައްކަތްތައް ކުރަމުން ކަމަށެވެ. އަދި އެ ޕްރޮޖެކްޓަކީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށާއި ސިއްހީ އާ ޚިދުމަތްތައް ރާއްޖޭގައި ކުރިއެރުވުމަށް ލިބުނު އާ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަފްއާލް ވިދާޅުވީ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ހޮސްޕިޓަލު ވާނީ އެންމެ މަތީ ފެންވަރުގެ ސިއްހީ ޚިދުމަތް ދޭ ހޮސްޕިޓަލަކަށް ކަމަށެވެ. އެގޮތުން އޭޑިކޭއިން މިހާރު ހުށަހަޅައިފައި ވަނީ ދެވަނަ ފިޔަވަހީގައި އަޅާ ހޮސްޕިޓަލަކީ ޓީޗިން ހޮސްޕިޓަލެއްގެ ގޮތުގައި ގާއިމުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޭގެ އެއްވެސް ކޮމްޕްރޮމައިޒްއެއް ނޯންނާނެ. ހުރިހާ މަސައްކަތްތަކެއް ހިނގާނީ މާލޭގެ މިހާރު ދޭ ފެންވަރެއް ވުރެ މަތީ ފެންވަރުގަ. ޓީޗިން ފެސިލިޓީއެކޭ ކިޔާފަ ތައްޔާރުކުރާއިރު އެއީ ވަރަށް ބޮޑު މަސައްކަތެއް،" އޭނާ ވިދާޅުވިއެވެ.
އަފްއާލް ވިދާޅުވީ ރާއްޖޭގައި އަދި ޓީޗިން ފެސިލިޓީއެއްގެ ގޮތަށް ތައްޔާރުކޮށްފަ ހުރި ހޮސްޕިޓަލެއް ނުވަތަ މެޑިކަލް ފެސިލިޓީއެއް ނެތް ކަމަށެވެ.
އެހެންކަމުން ދެވަނަ ފިޔަވަހީގައި އަލަށް ގާއިމުކުރާ އެ ހޮސްޕިޓަލަކީ ޒަމާނީ ފެންވަރުގައި މީހުންނަށް ޚިދުމަތް ހޯދުމުގައި ގިނަގުނަ ފަސޭހަތަކެއް ލިބޭ އަދި އޭގެ މަންފާ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އެހެން ހުރިހާ ރައްޔިތުންނަށް ވެސް ކުރާނެ ގޮތަށް ގާއިމު ކުރެވޭ ހޮސްޕިޓަލަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.