ބާސެލޯނާއަކީ ބަޔާން މިއުނިކަށްވުރެ މޮޅު ޓީމެއްކަން ޗެމްޕިއަންސް ލީގުގައި މިރޭ ބަޔާން ބަލިކޮށްގެން، ސާބިތުކޮށްދޭނެ ކަމަށް ބާސާގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނެފިއެވެ.

މިރޭ ބަސާއާއި ބަޔާންގެ ކުރިމަތިލުމުގެ ކުރިން މީޑީއާއާ ވާހަކަދައްކަމުން ޒަވީ ބުނީ ބަޔާނަށްވުރެ ބާސާ މޮޅުކަން ސާބިތުކޮށް ދިނުމަށް އެ ޓީމު ކެތްމަދުވެފައި އޮތް ކަމަށެވެ.

ޒަވީ ބުނީ ޗެމްޕިއަންސް ލީގުން އެ ޓީމު ކެޓި ނަމަވެސް އެ ޓީމަކީ ވަރުގަދަ ޓީމުތަކާ ވާދަކުރެވޭ ޓީމެއްކަަން ސާބިތުކޮށްދޭނެ ކަމަށެވެ.

"އަހަރުމެންނަކީ ވަރުގަދަ ޓީމެއް. އަހަރުމެންނަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ،" ޒަވީ ބުންޏެވެ.

އޭނާ ބުނީ މި ސީޒަންގައި ބަޔާންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ބާސާކުޅުނު މެޗުގައި މޮޅަށް ކުޅުނީ ބާސާ ކަމަށެވެ. އެ މެޗުން ބާސާ ބަލިވީ ހުސް ފުރުސަތުތަކުގެ ބޭނުން ނުހިފިގެންކަމަށް ޒަވީ ބުންޏެވެ.

ބާސާ އެންމެ ފަހުން ބަޔާންއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ. ދެހާސް ވިހި ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން އަތުން ބާސާ ބަލިވީ 8-2 ބޮޑު ނަތީޖާއަކުންނެވެ.

އެ ހިތާމައިން ބާސާގެ ސަޕޯޓަރުން ސަލާމަތް ނުވެގެން އުޅެނިކޮށް 2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި އެ ދެ ޓީމު ލައްވާލީ އެއް ގުރޫޕެއްގައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ދެ މެޗުން ބަލިވެ ބާސާ ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ގްރޫޕް ސެޓޭޖުން ކަޓައި ޔޫރަޕާ ލީގު ކުޅެން ޖެހިފައެވެ.

ބާސާއާއި ބަޔާން މި ސީޒަންގައި ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ސްޕޯޓިން ނިއުސް

މި ސާޒަނުގައި ވެސް ބާސާ އާއި ބަޔާން ލައްވާލީ އެއް ގްރޫޕެއްގައެވެ. ބަޔާންގެ ދަނޑުގައި މި ސީޒަންގައި ބާސާ ކުޅުނު ފުރަތަމަ މެޗުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މިރޭ ބާސާ އެ ޓީމުގެ އަމިއްލަ ދަނޑުގައި ބަޔާނާ ދެކޮޅަށް ނިކުންނާނީ މޮޅުވުން މަޖުބޫރު މެޗަކަށެވެ.

ބާސާ ޗެމްޕިއަންސް ލީގުގައި ލައްވާލައިފައިވަނީ ގްރޫޕް ސީގައެވެ. ބާސާ އާއި ބަޔާންގެ އިތުރުން އެ ގްރޫޕްގައި ހިމެނެނީ އިންޓަ މިލާނާއި، ވިކްޓޯރިއާ ޕްލެޒެންއެވެ.

ބަޔާން އެ ގްރޫޕްގެ އެއް ވަނައިގައި 12 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި އިންޓަ މިލާން އޮތީ ހަތް ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި އޮތް ބާސާއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ފުލުގައި އޮތް ވިކްޓޯރިއާއަށްް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެހެންކަމުން ބާސާ ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިއުމަށް މިރޭގެ މެޗުން މޮޅުވުން މަޖުބޫރެވެ. ބާސާއާއި ބަޔާން ބައްދަލުކުރާ މެޗު ކުޅޭނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ. އެ މެޗު މީޑިއާނެޓުގެ އެމްއެސް ޑިޖިޓަލްއިން އަދި ސޮނީ ޓެން ޓޫއިން މިރޭ ބަލާލެވޭނެއެވެ.