އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ރިޝީ ސުނާކް އާއި އޭނާގެ އަންހެނުން އަކްޝަތާ މުރުތީ، ރަސްގެފާން ޗާލްސްއަށް ވުރެ މުއްސަނދި ކަމަށް ސަންޑޭ ޓައިމްސް 2022ގެ ރިޗް ލިސްޓުގައި ފާހަގަކޮށްފިއެވެ.

ރިޝީ ބޮޑުވަޒީރުގެ މަގާމަށް އިންތިހާބުވެވަޑައިގަތީ އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބުވުމާއި ގުޅިގެންނެވެ.

ޓައިމްސްގައި ލިސްޓުކޮށްފައިވާ މީހުންގެ ތެރެއިން ރިޝީގެ ދެމަފިރިންގެ ނެޓް ވޯތު އެއްކޮށްލުމުން 1.3 ބިލިއަން ޑޮލަރަށް އަރާ ކަމަށްވެއެވެ. ކުއީން އެލިޒަބެތުގެ ނެޓް ވޯތު އަކަށް ލިސްޓުކޮށްފައިވަނީ 660 މިލިއަން ޑޮލަރެވެ. މި ލިސްޓުގައި ރިޝީ އާއި އޭނާގެ އަންހެނުން ލިސްޓުކޮށްފައިވަނީ ބްރިޓަންގެ އެންމެ މުއްސަނދި 222 ވަނަ މީހާގެ ގޮތުގައެވެ.

ރިޝީ އާއި އޭނާގެ އަންހެނުން ގުޅުނީ ސްޓެންފޯޑް ޔުނިވަރސިޓީގައި މާސްޓާސް އިން ބިސްނަސް އެޑްމިނިސްޓްރޭޝަން ކިޔަވަމުންދިޔައިރުއެވެ. އަދި 2009 ވަނަ އަހަރު ކައިވެނިކޮށްް ދެ ކުދިން ލިބިފައިވެއެވެ. ޕްރޮޕަޓީ ޕޯޓްފޯލިއޯގެ ގޮތުގައި ހަތަރު ގެ އެ ދެ މީހުންގެ ނަންމަތީގައިވާއިރު މި ގެތަކުގެ އަގު 15 މިލިއަން އާއި 26.7 މިލިއަން ޑޮލަރަށް އަހަރެވެ.

ރިޝީ ސުނާކުގެ އަންހެނުންގެ ޕްރައިވެޓް އިންވެސްޓްމެންޓް ފާމް ކަޓަމަރަން ވެންޗާސް – ޔޫކޭ އިން ސްޓާޓްއަޕް ކުންފުނިތަކަށް އިންވެސްޓްކޮށްދެއެވެ. މި އަހަރުގެ މޭ މަހު ބްލޫމްބާގް ބިލިއަނާސް އިންޑެކްސްގައި އޭނާގެ ނެޓް ވޯތު ޖަހާފައިވަނީ 2 ބިލިއަން ޑޮލަރު ކަމަށެވެ.

ރިޝީ ސުނާކު އަކީ އިންޑިއާ ދަރިކޮޅުގެ ބޭފުޅެކެވެ. އުމުރުން 42 އަހަރުގެ ސުނާކު އަކީ ބޮރިސް ޖޯންސަންގެ ސަރުކާރުގައި މާލީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޖޯންސަން ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމާއެކު އެމަގާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ސުނާކު ހިމެނިވަޑައިގެންނެވިއެވެ. އެފަހަރު އޭނާއަށް ވީ ނާކާމިޔާބެވެ.