26 Oct 2022, 12:40
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓުމަންޑު އަތުން މެންޗެސްޓާ ސިޓީ މޮޅު ނުވެވުނު ނަމަވެސް އެ ޓީމު ދެވަނަ ބުރުގު ޖާގައެއް ކަށަވަރުކޮށްފިއެވެ.
ޑޯޓުމަންޑުގެ އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.
ނަމަވެސް އެ މެޗުގައި ދެ ޓީމަށް ވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެ ގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ޑޯޓުމަންޑުގެ ގިއޮވާނީ ރޭނާ ފޮނުވާލި ހަމަލާ ސިޓީގެ ގޯލް ކީޕަރު ސްޓެފެން އޯޓެގާ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ޑޯޓުމަންޑަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. ކަރީމް އަޑެޔާމީ ތިރިތިރިން ހުރަސްކޮށްދިން ބޯޅަ ހުސްކޮށްހުރެ ޔޫސުފް މައުކޯކޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލު އަރިމަތިން ބޭރަށެވެ.

މެޗުގައި މަހްރޭޒް ޖެހި ޕެނަލްޓީ ގްރޭގޯ ކޯބެލް ދިފާއުކުރަނީ --- ފޮޓޯ/ ޗެމްޕިއަންސް ލީގް
މީގެއިތުރުން މެޗުގެ 57 ވަނަ މިނެޓުގައި ސިޓީއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ޑޯޓުމަންޑުގެ އޭރިއާތެރެއިން އެ ޓީމުގެ އެމްރޭ ޗޭން ސިޓީގެ ރިޔާދު މަހްރޭޒްއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މަހްރޭޒް ފޮނުވާލި އެ ޕެނަލްޓީގެ ހުރަހަކަށްވީ ޑޯޓުމަންޑު ކީޕަރު ގްރޭގޯ ކޯބެލްއެވެ.
އެ ނަތީޖާއިން މެޗު ނިމުނު ކަމުގައި ވީނަމަވެސް ސިޓީ ގުރޫޕް ޖީގެ އެއްވަނައިގައި އޮތީ 11 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ދެވަނައިގައި ޑޯޓުމަންޑު އޮތީ ނުވަ ޕޮއިންޓާއެކުއެވެ.
ރޭ ސެވިއްޔާގެ ދަނޑުގައި ކޮޕެންހޭގަންއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ސެވިއްޔާ ވަނީ ކާމިޔާބުކޮށްފައެވެ. އެ ނަތީޖާއާއެކު ގްރޫޕް ޖީގެ ތިން ވަނައިގައި ސެވިއްޔާ އޮތީ ފަސް ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ފުލުގައި ކޯޕެންހޭގަން އޮތީ ދެ ޕޮއިންޓާއެކުއެވެ.