އަމީތާބުގެ އަނބިމީހާ، ޖަޔާ ބަޗަންއަކީ، ޕަޕަރާޒީންނާއި އެކި މީޑިއާ މީހުންނަށް އަބަދުވެސް ނުރުހުން ފާޅުކޮށް އެއްޗެހި ބުނާ މީހެކެވެ.

މިފަހުން ވައިރަލްވި ވީޑިއޯއެއްގައި ޖަޔާ ވަނީ އޭނާ ދިރިއުޅޭ ޖޫހޫ ރެސިޑެންސް ކައިރި ތިބި ޕަޕަރާޒީން ފަހަތުން ގޮސް ދުރަށް ޖައްސާފައެވެ. އަމީތާބް ބަޗަންގެ އާއިލާއިން ފާހަގަކުރި ދުވަހަކާ ގުޅިގެން އެ މަންޒަރުތައް ނެގުމަށް މީޑިއާ ފަރާތްތައް އެ ދުވަހު ވަނީ އެގޭގެ ބޭރުގައި މަޑުކޮށް ފޮޓޯ ނަގާފައެވެ. އެ މަންޒަރު ފެނުމުން ޖަޔާ ބަޗަން އައިސް އެ ސަރަހައްދުގައި ހުރި ކެމެރާމަން އަކާ ދިމާލަށް އެއްޗެހި ކިޔާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

"ކިހިނެތް ތި ފްލޭޝް ކުރަނީ ކެމެރާއިން" "އިންޓްރޫޑާސް" އޭ ބުނެ ޖަޔާ އެ ކެމެރާ ކުރާ މީހާއަށް ނުރުހުން ފާޅުކުރިއެވެ.

މީގެ ކުރިން ވެސް މިފަދަ އެތައް ހާދިސާއެއް ހިނގާފައިވާއިރު، މިފަހުން ޕޮޑްކާސްޓެއްގައި ޖަޔާ ބުނެފައިވަނީ މީޑިއާ މީހުންނަށް ނަފްރަތު ކުރާ ކަމަށެވެ. 'ވަޓް ދަ ހެލް ނަވްޔާ' ޕޮޑްކާސްޓުގައި އޭނާގެ ދަރިފުޅު ޝްވޭތާ ބަޗަން އާއެކު ވާހަކަދައްކަމުން އޭނާ ބުނީ އޭނާގެ އަމިއްލަ ދިރިއުޅުމަށް ބަލައި، އެ ޕްރޮޑަކްޓުތައް ވިއްކައިގެން ބަނޑުފުރާ މީހުންނަށް ނަފްރަތު ކުރާ ކަމަށެވެ.

އަދި، އެ މީހުންނާ ދިމާލަށް 'ލަދު ނުގަނޭހޭ' ބުނާ ކަމަށެވެ. އަދި މިއީ މިއަދު ދައްކާ ވާހަކަ އެއް ނޫން ކަމަށާއި އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް އެހެން ބުނާ ކަމަށް ޖަޔާ ބުނެއެވެ.

ޖަޔާގެ މި ވީޑިއޯ އާއެކު ގިނަ ފަރާތްތަކަކުން ވަނީ ޖަޔާއަށް ފާޑުކިޔާފައެވެ. އަދި، ސެލެބްރިޓީންނަށް ވުމުން އެފަދަ ކަންކަން ވާނެ ކަމަށާއި ދިރިއުޅުމުގެ ފޮޓޯތައް ހިއްސާކުރަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.