26 Oct 2022, 12:37
ކުޑަކުދިންގެ ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޓިމް ބާޓަން ޑިޒްނީ އާއެކު ދެން މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ ކަމަށް އޭނާ ބުނެފިއެވެ.
ފްރާންސްގައި އޮތް ލުމިއެއަރ ފެސްޓިވަލްއަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޓިމް ބުނީ ތަފާތު އުފެއްދުންތަކަށް ފުރުސަތު މަދު ކަމަށެވެ. ޑިޒްނީގެ ފޯކަސް މިހާރު ހުރީ އެ މީހުންގެ ފްރެންޗައިސް ކުންފުނިތައް ކަމަށްވާ ސްޓާވޯސް އާއި މާވެލް ސިނަމެޓިކް ޔުނިވާސް އާއެކު ކަމަށްވުމުން އޭނާ އެ މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުތައް ކުޑަ ކަމަށެވެ.
"އަހަންނަށް 'މަލްޓި-ޔުނިވާސް' އަކާ ޑީލެއް ނުކުރެވޭނެ. އަހަންނަށް ޑީލް ކުރެވޭނީ އެންމެ ޔުނިވާސް އަކާ" މާވެލް ކޮމިކްސްގެ މަލްޓިޔުނިވާސްއަށް އަލިއަޅުވާލާ ޓިމް ބާޓަން ބުންޏެވެ.
މިކަމާ ގުޅިގެން ޑިޒްނީ އިން އަދި ވަކި އެއްޗެއް ނުބުނެއެވެ.
ޓިމް ބާޓަން އެންމެ ފަހުން މަސައްކަތް ކުރީ 2019ވަނަ އަހަރު ގެެނެސްދިން 'ޑަމްބޯ'ގެ ލައިވް އެކްޝަން ފިލްމުގައެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ 'މައުސް ހައުސް'ގައި ޖޫނީއާ އެނިމޭޓަރ އެއްގެ ގޮތުގައެވެ. އޭނާގެ ފިލްމު މަސައްކަތްތަކުގެ ތެރޭގައި 1981ގެ 'ދަ ފޮކްސް އެންޑް ދަ ހައުންޑް' އާއި 1993ގެ 'ދަ ނައިޓްމެއާ ބިފޯ ކްރިސްމަސް' އަދި، 1996ގެ 'ޖޭމްސް އެންޑް ދަ ޖަޔަންޓް ޕީޗް' ފާހަގަކޮށްލެވެއެވެ. އެއަށްފަހު، 2010ގެ 'އެލިސް އިން ވޮންޑަލޭންޑް" އެއީ އޭނާގެ ފާހަގަކޮށްލެވޭ މަސައްކަތެކެވެ.
ޓިމް މިހާރު ދަނީ ނެޓްފްލިކްސް ސީރީޒް 'ވެނިސްޑޭ'ގެ މަސައްކަތް ކުރަމުންނެވެ.