ރިޔާޟް (26 އޮކްޓޯބަރު 2022): ތެލުގެ އަގު ދަށް ކުރުމަށްޓަކައި އެމެރިކާގެ ރިޒާވް ތެލުން ދުނިޔޭގެ ބާޒާރަށް 15 މިލިޔަން ފީފާގެ ތެޔޮ ނެރެން ރައީސް ޖޯ ބައިޑެން ނިންމި ނިންމުމަކީ ތެލުގެ އަގު އެމެރިކާގެ މަސްލަހަތަށް ފައިދާވާގޮތަށް ބައްޓަން ކުރުމުގެ ބޭނުމުގައި ތެލުގެ ބާޒާރާ ކުޅުންކަމަށް ސިފަކޮށް ސައޫދީ އަރަބިއާއިން އެމެރިކާއަށް ނުސީދާ ގޮތެއްގައި ފާޑުކިޔައިފިއެވެ.

ސައޫދީ ވެރިރަށް ރިޔާޟް ގައި ކުރިޔަށްދާ "ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް ކޮންފަރެންސް" ގައި ވާހަކަ ދައްކަވަމުން ސައޫދީ ތެލާބެހޭ ވަޒީރު ޕްރިންސް އަބްދުލްއަޒީޒު ބިން ސަލްމާން ވިދާޅުވީ ތެލުގެ އަގަކީ ސަޕްލައި އެންޑް ޑިމާންޑްގެ މައްޗަށް ބިނާވެފައިވާ އަގެއްކަމަށާއި ވަކިގައުމެއް ބޭނުންވާގޮތަށް ތެލުގެ އަގުކޮންޓްރޯލް ކުރާ މަސައްކަތްތަކަކީ މިނިވަން ވިޔަފާރިއާއި މާކެޓް އިކޮނޮމީގެ އުސޫލުތަކާ ޚިލާފު ކަމެއްކަމަށެވެ.

ޕްރިންސް އަބްދުލްއަޒީޒު ބިން ސަލްމާން ވިދާޅުވިގޮތުގައި ދުނިޔޭގެ ބާޒާރަށް ރިޒާވް ތެޔޮ ނެރެ ސަޕްލައި އިތުރުކޮށްގެން ތެލުގެ އަގުދަށްކުރަން އުޅުމަކީ ތެލުގެ ބާޒާރަށް ބާރާއި ނުފޫޒު ފޯރުވުންކަމަށްވާތީ އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެއެވެ. މިއީ އެމެރިކާއަށް އަމާޒު ކުރައްވައި ސައުދީގެ ތެލާބެހޭ ވަޒީރު ވިދާޅުވި ވާހަކައެއް ނަމަވެސް އެމެރިކާގެ ނަން ސީދާ ގޮތެއްގައި ވިދާޅުވެފައެއް ނުވެއެވެ.

ނަމަވެސް ރިޒާވް ތެޔޮ ނެރެގެން ތެލު އަގު ދަށްކުރުމަށް މަސައްކަތްކުރާ ހަމައެކަނި ގައުމަކީ އެމެރިކާ ކަމަށްވާތީ މިއީ އެމެރިކާއަށް ވިދާޅުވި ފާޑުކިޔުމެއްކަމަށްވަނީ ބެލެވިފައެވެ. ދުނިޔޭގެ ބާޒާރަށް އިތުރަށް ތެޔޮ ސަޕްލައި ކުރުމަށް ސައުދީގެ ކިބައިން އެމެރިކާ އެދިފައިވަނިކޮށް އެމެރިކާގެ އެދުމާ މުޅިން ޚިލާފަށް ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލުގެ މިންވަރު ދުވާލެއްގެ މައްޗަށް ދެމިލިއަން ފީފާ މަދުކުރުމަށް އޯޕެކް ޕްލަސް އިން ނިންމުމާއެކު ތެލުގެ އަގު މައްޗަށް ދިޔުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ ސައުދީ ދެކެ ވަރަށް ކޯފާވެ ސައޫދީއާއެކު ބާއްވާ ގުޅުންތައް އަލުން މުރާޖަޢާ ކުރާނެކަމުގެ އިންޒާރު ދެއްވާފައެވެ.

އޯޕެކް ޕްލަސް އަކީ އޯޕެކް ގެ ގައުމުތަކާއި އޯޕެކްގެ ބޭރުން ތެޔޮ އެކްސްޕޯޓް ކުރާ ގައުމުތައް ހިމެނޭ ޖަމާއަތެކެވެ. މިޖަމާއަތުގައި އެންމެ ބާރުގަދަ ދެގައުމުގެ ގޮތުގައި އޮންނަނީ ސައުދީ އާއި ރަޝިއާ އެވެ. އޯޕެކް ޕްލަސް އިން ނިންމި ނިންމުމަކީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ބޮޑު ގެއްލުމެއް ލިބި ރަޝިއާއަށް ބޮޑު ފައިދާ ލިބޭނެކަމެއްކަމަށް ވިދާޅުވެ ބައިޑެންގެ އިތުރުން އެމެރިކާގެ އެހެން މަސްއޫލުވެރިންނާއި ކޮންގްރެސްގެ މެންބަރުންވަނީ ސައުދީއަށް އިންޒާރުތައް ދެއްވާފައެވެ.

ނަމަވެސް ސައުދީ އާ ދެކޮޅަށް އެޅޭނެ މާބޮޑު ފިޔަވަޅެއް އެމެރިކާއަށް ނޯންނާނެކަމަށާއި ފިޔަވަޅެއް އަޅައިފިނަމަ އެކަމުގެ ގެއްލުން ލިބޭނީ ސައުދީ އަށްވުރެ ބޮޑަށް އެމެރިކާއަށް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ރިޔާޟުގެ ކޮންފަރެންސްގައި ސައޫދީގެ ތެލާބެހޭ ވަޒީރު ވަނީ އެމެރިކާއާ މުއާމަލާތް ކުރުމުގައި ސައުދީ އަރަބިއާ މިހާރު ތަސައްރަފު ފުދިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ސައުދީ ތެލާބެހޭ ވަޒީރު ވިދާޅުވިގޮތުގައި އެމެރިކާއިން ހިތްހަމަ ނުޖެހިއްޖެނަމަ އެ ގައުމުން ތިބެނީ އެމެރިކާއާ އެއްކޮޅަށްތޯ ނުވަތަ ނޫންތޯ އަބަދުވެސް ސުވާލުކުރެއެވެ. ސައުދީ އަކީ ގައުމުތަކާ މުއާމަލާތް ކުރުމުގައި ތަސައްރަފު ފުދިފައިވާ ގައުމެއްކަން އެމެރިކާ ދަންނަން ޖެހޭނެކަމަށް، އެމެރިކާގެ ނަން ސީދާގޮތެއްގައި ވިދާޅުނުވެ އެމެރިކާއަށް އިޝާރާތް ވާގޮތަށް ސައުދީގެ ތެލާބެހޭ ވަޒީރު ވިދާޅުވިއެވެ.