އިންޓާ ޕާލިމަންޓަރީ ޔޫނިޔަން (އައިޕީޔޫ)ގެ އަންހެން ޕާލިމަންޓަރީ މެމްބަރުންގެ ކޮމިޓީގެ މެމްބަރަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިންތިޚާބުކޮށްފި އެވެ.

އެމްޑީޕީ އިން ބުނީ އީވާ އެ މަގާމަށް އިންތިޚާބުކޮށްފައި ވަނީ އައިޕީޔޫގެ އޭޝިޔާ ޕެސިފިކް ގްރޫޕްގައި ހިމެނޭ ހުރިހާ ގައުމުތަކެއްގެ ތާއީދު ލިބިގެން ކަމަށެވެ.

އަންހެން ޕާލިމަންޓަރީ މެމްބަރުންގެ ކޮމިޓީއަކީ ބައިނަލްއަގްވާމީ ޕާލިމަންޓްތަކުގެ ޖަމްއިއްޔާގައި ހިމެނޭ 159 ގައުމުގެ ހުރިހާ އަންހެން ޕާލިމަންޓަރީ މެމްބަރުން ތަމްސީލް ކުރާ ކޮމިޓީ އެވެ.

އިވާއަކީ އެ މަގާމަށް އިންތިޚާބުވި ފުރަތަމަ ދިވެހި އަންހެން ޕާލަމެންޓް މެންބަރެވެ.

އިވާ އެ މަގާމަށް އިންތިޚާބުވެފައިވާ އިރު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގައި ދިމާވި މައްސަލަތަކާއި ފެބްރުއަރީ ހަތަކާއި އަށް ވަނަ ދުވަހު އެމްޑީޕީގެ މަޖިލީސް މެންބަރުންނަށް ސަލާމަތީ ބާރުތަކުން އަނިޔާކުރި ކަމަށް ބުނެ އެ މައްސަލަތައް ބަލައިދިނުމަށް ވެސް އީވާ ވަނީ އައިޕީޔޫ އަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެމްޑީޕީން ބުނީ އިވާ ހުށަހެޅި އެ މައްސަލަތައް ތަހުގީގު ކުރުމަށް އައިޕީޔޫގެ ވަފްދެއް ވެސް ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.