26 Oct 2022, 11:32
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން އިޒްރޭލްގެ މެކަބީ ހައިފާ ބޮޑު ތަފާތަކުން ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ރޭ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި މެކަބީ ހައިފާއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 7-2 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ޕީއެސްޖީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އެ ގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ކީލިއަން އެމްބާޕޭގެ އެހީތެރިކަމާއެކު ލިއޮނަލް މެސީ ޖެހި ގޯލެކެވެ. ރޭގެ މެޗުގައި މެސީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ.
މެޗުގެ 32 ވަނަ މިނެޓުގައި އެމްބައްޕޭ ވަނީ ގޯލެއް ޖަހައި ޕީއެސްޖީއަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ތިން މިނެޓު ފަހުން މެސީގެ އެހީތެރިކަމާއެކު ނޭމާ ޖޫނިއާ ވަނީ ޕީއެސްޖީގެ ތިން ވަނަ ގޯލު ޖަހައިފައެވެ.

ގޯލުޖެހުމަށްފަހު ޕިއެސްޖީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --- ފޮޓޯ/ ޗެމްޕިއަންސް ލީގް
މެޗުގެ 38 ވަނަ މިނެޓުގައި މެކަބީ ހައިފާއިން ވަނީ ގޯލެއް ޖަހައިފައެވެ. އޮޓްޒިލީ ނަގައިދިން ހުރަހަކުން ގޯލު ޖެހީ އަބްދުﷲ ސެކްއެވެ.
މެޗުގެ ފުރަަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެމްބާޕޭގެ އެހީތެރިކަމާއެކު މެސީ ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓިގައި މެކަބީ ހައިފާއިން ވަނީ ގޯލެއްޖަހައިފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެކްއެވެ.
ނަމަވެސް މެޗުގެ 64 ވަނަ މިނެޓުގައި ހަކީމީގެ އެހީތެރިކަމާއެކު އެމްބާޕޭ އޭނާގެ ދެވަނަ ގޯލު ޖެހިއެވެ. ޕީއެސްޖީގެ ފަހު ގޯލަކީ ނެމާ މެކަބީ ހައިފާގެ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ސީން ޑޯލްބާގްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.

ގޯލުޖެހުމަށްފަހު ނޭމާ އުފާ ފާޅުކުރަނީ --- ފޮޓޯ/ ޗެމްޕިއަންސް ލީގް
އެ މެޗުން މޮޅުވެ ޕީއެސްޖީ ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 11 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި ބެންފިކާ އޮތީ ވެސް 11 ޕޮއިންޓާއެކުއެވެ. ޕީއެސްޖީއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
އެ ގްރޫޕްގެ ތިންވަނައިގައި އޮތީ ޔުވެންޓަސްއެވެ. އަދި ގްރޫޕް ފުލުގައި އޮތީ މެކަބީ ހައިފާއެވެ. އެ ދެ ޓީމަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ރޭ ޔުވެންޓަސްއާއި ބެންފިކާ ބައްދަލުކުރި މެޗުން ޔުވެންޓަސް ބަލިވެ އެ ޓީމު ވަނީ މުބާރާތުން ކަޓައިފައެވެ. އެ ޓީމު ބެންފިކާ އަތުން ބަލިވީ 4-3 ގެ ނަތީޖާއަކުންނެވެ.