26 Oct 2022, 08:36
ދެލޮލަށް އަނދިރިވުމާއެކު އޭނާގެ އަތް ތަޅުން ދޫވެ ޓައިލްސްތަކު މައްޗަށް ވެއްޓެން ދިޔައެވެ.
"ޒިޔާނާ!" ރިފްއަތަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާއަށް ޒިޔާނާގެ ގައިގައި ހިފެެއްޓުނު ކަމީވެސް ނަސީބެކެވެ. އެހެންނޫންނަމަ ޒިޔާނާ ވެއްޓި އިތުުރު އަނިޔާއެއް ވީހެވެ.
"ޒިޔާނާ، ޒިޔާނާ..." ރިފްއަތު އެތަކެއް ފަހަރަކު ގޮވި ނަމަވެސް ޒިޔާނާއަށް ހަމަހޭވެރިކަމެއް ނުވިއެވެ.
"މާކިން، މާކިން... ދަރިފުޅާ!" ރިފްއަތަށް ބާރަށް ގޮވައިލެވުނެވެ. އޭނާ ޒިޔާނާ އަތް ދަނޑި މައްޗަށް އުފުލާލައިގެން ގޮސް އެނދުގައި ބޭއްވުމަށްފަހު، އޭނާ ސައިޑް ކަބަޑުމަތީގައި ހުރި ފެންޖަގުން އަތަށް ފެން އެޅުމަށްފަހު، ޒިޔާނާގެ މޫނުގައި ފެންފޮދެއް ހާކައިލިއެވެ. އެވަރުންވެސް ޒިޔާނާ ހޭނުލިއެވެ. މާކިންވެސް ބައްޕަ ހަޅޭއްލަވާ އަޑަށް ކޮޓަރިން ނުކުތްއިރު މިޝްޔާވެސް ނުކުންނަނީއެވެ. ދެމީހުން ސިޑިން ތިރިއަށް ފޭބުމަށްފަހު، ރިފްއަތުގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަނުމާއެކު އެ ދެމީހުންގެ ދެލޮލުގައި ވެސް އަޅައިގަތީ އެނދުމަތީގައި އޮތް ޒިޔާނާއެވެ. އަދި ހާސްވެފައި ހުރި ރިފްއަތެވެ.
"މަންމާ!" މިޝްޔާއާއި މާކިންއާ ދެމީހުންނަށް އެއްފަހަރާ ގޮވައިލެވުނެވެ.
"މަންމައަށް ކިހިނެއްވީ؟" މާކިންއަށް ސުވާލުކޮށްލެވުނެވެ. ވީ ގޮތް ކިޔައިދިނުމަށްފަހު، ރިފްއަތު އެދުނީ ނިކަން އަވަސް އަވަހަށް އެންބިއުލާންސްއަށް ގުޅުމަށެވެ. މާކިން ފޯނު ނަގާ އެންބިއުލާންސްއަށް ގުޅަަން އަވަސްވެގަތްއިރު، މިޝްޔާވެސް ރޮވެމުން ދާ ޙާލު ގޮސް އެނދުގައި އިށީނދެ ޒިޔާނާއަށް ގޮވަމުން ދިޔައެވެ.
އެންބިއުލާންސް އައުމާއެކު ޒިޔާނާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. އެމަރޖެންސީގައި ބާއްވައިގެން ޒިޔާނާއަށް އަވަސް ފަރުވާދޭން ފެށިއެވެ.
"ޑޮކްޓަރ... ކިހިނެއް ތޯ ވީ؟" މާކިން ޑޮކްޓަރާ ސުވާލުކޮށްލިއެވެ.
"ޕޭޝެންޓްގެ ބީޕީ ވަރަށް ދަށް. ބަލާބެލުމަށް ހީވަނީ ސީރިއަސްކަމެއްހެން. މިވަގުތު އެއްޗެއް ބުނަން ދަތި. އެކްސް ކިއުޒް މީ..." އެހެން ބުނެލުމަށްފަހު، ޑޮކްޓަރު ދިޔުމުން މިޝްޔާއަށް ރޮމުން ރޮމުން ގޮނޑީގައި އިށީނދެވުނެވެ. މިޝްޔާ ރޯން ފެށުމުން މާކިން ބަލައިލީ ރިފްއަތަށެވެ. ރިފްއަތުގެ މޫނުމަތިން ވެސް ފެންނަނީ ހިތްދަތި އަސަރުތަކެކެވެ.
ރިފްއަތަށް އޭނާގެ ނަފްސު ކުށްވެރިކުރެވެމުން ދިޔައެވެ. ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވީކަމުގައި ވީނަމަވެސް، ޒިޔާނާއަކީ އޭނާގެ ލޯބިވާ އަނބިމީހާއެވެ. ޒިޔާނާގެ ދުވަހަކުވެސް އޭނާ ހިތްހަމަ ނުޖެހޭ ފަދަ ކަމެއް ކޮށްފައެއް ނުވެއެވެ. އެމީހުންނަކީ މުޅި ދުނިޔެއަށް ވެސް ނަމޫނާ ދެމަފިރިންނެވެ. އެ ގުޅުން އެހެން ވުމަކީ އެއްގޮތަކަށް ވެސް ރިފްއަތު އެދުނު ކަމެއް ނޫނެވެ. އެހެންނަމަވެސް ދެން ކުރެވޭނޭ ކަމެއް ނެތެވެ. އޭނާ އެގޮތަށް ކަންތައް ކުރީ ހަމަ އާއިލާއާއި މިޝްޔާއަށްޓަކައެވެ. އެ ޙަބަރު އެންމެނަށް ލިބި މުޅި ރާއްޖެއަށް ފެތުރިއްޖެނަމަ، އެހެެން މީހުން މިޝްޔާއަށް ބަލާ ނަޒަރު ތަފާތު ވާނެކަން ރިފްއަތަށް އެނގެއެވެ. އޭނާ ފާރުގައި ލެނގިލިއެވެ.
މާކިން މިޝްޔާގެ އެއްފަރާތުގައި އިށީނުމަށްފަހު، މިޝްޔާގެ ތުރުތުރު އަޅަމުން ދިޔަ އަތުގައި ހިފައްޓާ ބާރުކޮށްލިއެވެ.
"މަންމައަށް އެހެން އެވީ އަހަންނާ ހެދި ދޯ. އަހަރެން އެ ވާހަކަ ނުބުނި ނަމަ މަންމައަށް އެެހެން ނުވީސް." މިޝްޔާއަށް ބުނެވުނެވެ. އެ އަޑު ރިފްއަތަށް އިވުމާއެކު އޭނާއަށް ވެސް މިޝްޔާއާ ދިމާލަށް ބަލައިލެވުނެވެ. މިޝްޔާ އިސްޖަހާލައިގެން އިންއިރު ކަރުނަތައް އޭރުވެސް ހުއްޓުމެއްނެތި އޭނާގެ ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދާތަން ފެނެއެވެ.
"މިޝޫ. އެއީ މިޝޫގެ މައްސަލައެއް ނޫނޭ!" އެހެން ބުނެލުމަށްފަހު، މާކިންއަށް ބަލައިލެވުނީ ރިފްއަތަށެވެ. މިޝްޔާ އޭނާގެ ނަފްސު ކުށްވެރިކުރަމުން ދިޔައީ ކީއްވެގެންކަން މާކިންއަށް އެނގެއެވެ. ރިފްއަތާ މާކިންގެ ހަތަރު ކަޅި ހަމަވީ ހިނދުކޮޅަކަށް ކަމުގައި ވީނަމަވެސް މާކިންގެ އެ ނަޒަރު އެ ބުނަނީ ކީކޭކަން ރިފްއަތަށް ވެސް ދެނެގަނެވުނެވެ. އޭނާއަށް އަނެއްކާވެސް އިސްޖަހައިލެވުނެވެ. މާކިންގެ ކުރިމަތީގައ ވެސް އިސްޖަހައިލަން މިއަދު ރިފްއަތަށް މަޖުބޫރުވެއްޖެއެވެ.
"ނޫން. އެއީ ހަމަ އަހަރެންގެ ސަބަބުން. އެންމެނަށް... އާއިލާއަށް ވެސް ހުތުރު ނަން ލިބޭނީ އަހަރެންގެ ސަބަބުން. މަންމައަށް... މަންމައަށް ވެސް އެހެން އެވީ އަހަރެންގެ ސަބަބުން." މިޝްޔާއަށް މޫނުގައި ދެއަތް އަޅައިލެވުނެވެ.
"މިޝޫ..." މާކިން މިޝްޔާއަށް ގޮވައިލަމުން މިޝްޔާއަށް ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް، މިޝްޔާ އެ އަޑު އަހާކަށް ބޭނުމެއް ނުވިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރައިލުމަށްފަހު، އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔައެވެ.
ޑޮކްޓަރުން ނުކުމެ ޒިޔާނާ ސްޓޭބަލް ކަމަށާއި މިހާރު ބައްދަލުކުރެވޭނެކަމަށް ބުނުމުން ތިން މީހުން އެކުގައި އެތެރެއަށް ވަނެވެ.
"މަންމާ!" މިޝްޔާ ޒިޔާނާގެ އަތުގައި ހިފައްޓައިލިއެވެ. އެއަށްފަހު އެތަނުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.
"ދަރިފުޅާ!" ބަލި އަޑަކުން މިޝްޔާއަށް ގޮވައިލުމަށްފަހު، ޒިޔާނާ ހިނިތުންވާން މަސައްކަތް ކުރިއެވެ.
"އައި އެމް ސޮރީ މަންމާ!" މިޝްޔާ އެހެން ބުނެލުމުން ޒިޔާނާއަށް ސުވާލުގެ ނަޒަރަކުން މާކިންއާއި ރިފްއަތާ ދިމާލަށް ބަލައިލެވުނެވެ. މާކިން ޒިޔާނާއަށް ރައްދު ކޮށްލި ނަޒަރާއެކު ޒިޔާނާއަށް ވީ ގޮތް އެނގުނެވެ. އޭނާއަށް ދެފަރާތަށް ބޯ ހޫރައިލަމުން އެއީ މިޝްޔާގެ މައްސަލައެއް ނޫނޭ ބުނެވުނެވެ. އެހެންނަމަވެސް މިޝްޔާ ދިޔައީ ކެނޑިނޭޅި އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. ޒިޔާނާގެ އެތަކެއް އާދެސްތަކަކަށްފަހު، އެ ބަސްތައް ދުލުން ނުބުނި ކަމުގައި ވީނަމަވެސް، މިޝްޔާއަށް އޭނާގެ ނަފްސު ކުށްވެރިކުރެވެމުން ދިޔައީ ދުވަހަކު ވެސް އެކަމުން މިންޖުނުވާނޭ ފަދައަކުންނެވެ. މާކިންއާއި މިޝްޔާއަށް ވަގުތުކޮޅެއް ދީފައި ރިފްއަތު ނުކުމެލީ ހަޤީގަތުގައި އެތަނުގައި ހުންނާނެހާ ހިތްވަރު ވެސް އޭނާގެ ނެތުމުންނެވެ. އިސްޖަހާލައިގެން އެތަނުން ނުކުމެގެން ދިޔަ ރިފްއަތަށް ބަލަން ހުރުމަށްފަހު، ޒިޔާނާ މާކިންއަށް ބަލައިލިއެވެ. ހަޤީގަތުގައި ރިފްއަތު ދެރަވާނެ ވަރާ ހާސްވާނެ ވަރު ޒިޔާނާއަށް އަންދާޒާކޮށްލެވުނެވެ. އެ ދެމީހުންގެ ޚިޔާލު ތަފާތު ވިއެއްކަމަކު، އަދި ހިތްހަމަ ނުޖެހުނެއްކަމަކު އެކަކު އަނެކަކު ދެކެވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެއެެެވެ. އެ ލޯބި ވަނީ ހަމަ އެގޮތުގައެވެ. ޒިޔާނާ މާކިންގެ ކައިރިން އެދުނީ ރިފްއަތު ކައިރިއަށް ދިޔުމަށެވެ. ރިފްއަތުގެ ހިތުގައި ހިނގާނޭ އިޙްސާސްތައް އޭނާއަށް ވަޒަން ކުރެވެއެވެ.
މާކިން ނުކުތްއިރު، ރިފްއަތު ކައުންޓަރު ދޮށުގައި ހުއްޓެވެ. އޭނާ ގޮސް ކައިރިއަށް ހުއްޓުމާއެކު ޕްރައިވެޓް ރޫމެއް ހަމަޖައްސަނީކަމުގައި ރިފްއަތު ބުނެލިއެވެ. އެ މަސައްކަތުގައި ރިފްއަތު އުޅުނުއިރު އޭނާގެ ކައިރީގައި މާކިން ވެސް ހުއްޓެވެ.
ޒިޔާނާ ރޫމަށް ބަދަލުކުރެވުނެވެ.
"ކައިގެންތަ ތިއުޅެނީ؟" ޒިޔާނާ ފަހަރު މީހަކަށް ބަލައިލަމުން ސުވާލުކޮށްލުމާއެކު، މިއަދު އަދި އަރުތެރެއަށް އެއްޗެއް ނުލެވޭކަން ހަނދާންވީ ދެނެވެ. އެންމެންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކުން، އެކަން ޒިޔާނާއަށް ފަހުމްވުމާއެކު އޭނާ ވާހަކަ ދެއްކިއެވެ.
"ކެންޓީނުން ކާއެއްޗެއް ގެންނަންވީނު. މިތަނުގައި ތިބެގެން ވެސް ކެވޭނެއެއްނު." ސޯފާއާއި ސޯފާގެ ކުރިމަތީގައި ހުރި ކުޑަ ބިއްލޫރި މޭޒަށް އިޝާރާތް ކޮށްލުމާއެކު، ޒިޔާނާ ބުނެލިއެވެ. ޒިޔާނާ އެވަރަށް ކިޔަން ފެށުމުން މާކިންއާއި ރިފްއަތާ ދެމީހުން އެއްޗެހި ގަންނަން ކެންޓީނަށް ދިޔުމުން ޒިޔާނާގެ ކައިރީގައި މަޑުކުރީ މިޝްޔާއެވެ.
އެދުވަހުގެ ހުރިހާ ވަގުތެއް އެންމެންވެސް ހޭދަކުރީ ޒިޔާނާގެ ކައިރީގައެވެ. ހެދި ޓެސްޓުތަކުން ޒިޔާނާގެ ހިތުގެ މައްސަލައެއް ހުންނަކަމުގައި ޑޮކްޓަރު ބުންޏެވެ. އިތުރު ޓެސްޓްތައް ހަދާ ނަތީޖާ ލިބެެންދެން އެޑްމިޓްކޮށްފައި ބާއްވަން ވެސް ޑޮކްޓަރު ލަފާ ދިނެވެ. އެމީހުން ޒިޔާނާއަށް އެކަންތައް ސިއްރުކުރިއެވެ. ޑޮކްޓަރު އެދުނު އަނެއްކަމަކީ ޒިޔާނާ ހާސްވެ ކަންބޮޑުވާނެ އެއްވެސް ކަމެއް ނުކުރުމެވެ. ޖެހިގެން އައި ދުވަހު ހިތުގެ ޓެސްޓާއި ލޭގެ ޓެސްޓްތައްވެސް ހެދިއެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބުމުގެ ކުރިން، ޒިޔާނާގެ ޙާލު ކުއްލިއަކަށް ދެރަވިއެވެ. އޮކްސިޖަން ނުހިފައްޓާ ލޭގެ ޕްރެޝަރު ދައްވާން ފެށުމުން ޒިޔާނާ އައިސީޔޫއަށް ބަދަލުކުރެވުނެވެ.
އައިސީޔޫއަށް ލީފަހުންވެސް ޒިޔާނާގެ ޙާލު އިތުރަށް ސަކަރާތްވިއެވެ. ލޭ މަދުވެ ލޭ އަޅަން ވެސް ޖެހުނެވެ.
އައިސީޔޫގައި ބާއްވާފައި އޮންނަތާ ތިން ވަނައަށް ވީ ދުވަހު ޑޮކްޓަރު ރިފްއަތާ ވާހަކަ ދެއްކިއެވެ.
"ލޭ އެޅިފަހުން ތަންކޮޅެއް ރަނގަޅު މިއަދު. ކުރިއަށް ވާނެ ގޮތާ މެދު އެއްޗެއް ބުނަން ދަތި. ކޮންމެ ގޮތަކަށްވެސް ކަންތައް ވެދާނެ. ތިން މީހުންނަށްވެސް މިއަދު ޕޭޝަންޓް ކައިރިއަށް ވަދެލެވޭނެ. އިތުރު މީހަކު ހުރިއްޔާ އެމީހަކުވެސް ގެނެސްލުން ރަނގަޅުވާނެ!" ޑޮކްޓަރު އެ ވާހަކައިން ރިފްއަތަށް މާޔޫސްކަން ލިބިގެން ދިޔައެވެ. އެއްވެސް އުންމީދެއް ނެތްކަން އޭނާއަށް އިޙްސާސްވުމާއެކު ހިތުގެ އެއްބައި އުނިވެގެން ދިޔަފަދަ އިޙްސާސްއެއް އޭނާއަށް ކުރެވުނެވެ. ފުންނޭވާއެއް ލަމުން އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ. އޭނާ އިތުރަށްވެސް ކަންތައްތައް ޑޮކްޓަރު ކައިރިން އޮޅުން ފިލުވާފައި މާކިންއާއި މިޝްޔާއަށް ގޮވައިލި ނަމަވެސް، އެ ހުރިހާ ވާހަކައެއް އޭނާ ސިއްރުކުރިއެވެ. ރިފްއަތު ބުނީ ޒިޔާނާ ރަނގަޅުވުމުން މިއަދު އެންމެން އެކީގައި އެތެރެއަށް ވައްދަނީ ކަމުގައެވެ.
ތިން މީހުން އެތެރެއަށް ވަތްއިރު ޒިޔާނާ އޮތީ ލޯ ހުޅުވައިގެންނެވެ. އެ ތިން މީހުން ފެނުމާއެކު އޭނާ ގަދަކަމުން ހިނިތުންވާން މަސައްކަތްކުރިއެވެ. މަޑުމަޑުން އަތް ދިއްކޮށްލުމާއެކު މިޝްޔާ ޒިޔާނާގެ އަތުގައި ހިފިއެވެ.
އޭނާ މާކިންއަށް އަނެއް އަތް ދިއްކޮށްލިއެވެ. މާކިން އައިސް ޒިޔާނާގެ އަނެއް އަތުގައި ހިފިއެވެ. ޒިޔާނާ ރިފްއަތަށް ބަލައިލުމާއެކު ރިފްއަތު އައިސް ޒިޔާނާގެ ކައިރީގައި މަޑުކޮށްލިއެވެ. އޭނާ މާކިންގެ އަތުން ދޫކޮށްލަމުން މަޑުމަޑުން ރިފްއަތުގެ އަތުގައި ހިފައިލިއެވެ.
"އަހަރެން ނެތަސް އަހަރެންގެ ދެދަރިންނަށް ރަނގަޅަށް ބަލަހައްޗޭ!" ޒިޔާނާ އެހެން ބުނެލިލެއް މަޑުކަމުން ތިން މީހުންނަށް ވެސް އެކީ އެއްޗެއް ފަހުމްވީ ކިރިޔާއެވެ. ރިފްއަތު އަވަސް އަވަހަށް އާއެކޭ ބުނެލިއެވެ. އޭނާ ޒިޔާނާގެ އަތަށް ބާރުކޮށްލަމުން ވާހަކަ ދެއްކިއެވެ.
"އަހަންނަށް މާފުކުރޭ ޒިޔާނާ!..."
ޒިޔާނާ މަޑުމަޑުން ބޯ ޖަހައިިލިއެވެ. ރިފްއަތަށްޓަކައި އޭނާގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތްކަމުގައި ޒިޔާނާ ބުނެލިއެވެ. އެހެންނަމަވެސް މިޝްޔާއަށް އިންސާފު ހޯދައިދިނުމަށް އޭނާ އެދުނެވެ. އެދުވަހު އެތަކެއް އިރަކު އެމީހުން ޒިޔާނާއާ އެކު ވަގުތު ހޭދަކުރިއެވެ.
ޖެހިގެން އަދި ދުވަހު އަނެއްކާ ޒިޔާނާގެ ހާލު ދެރަވެ އެންމެ ފަހުން ވެންޓިލޭޓަރަށް ވެސް ލާން ޖެހުނެވެ. އެ ޚަބަރު ލިބުމާއެކު ރިފްއަތަށް ހީވީ އޭނާގެ ދުނިޔެވެސް ހުއްޓުނުހެންނެވެ. މިޝްޔާއަށް ވެސް ރޮވެން ފެށިއެވެ. މާކިން ހިތްވަރުކޮށްފައި އެ ދެމީހުންގެ ކައިރީގައި ހުރިނަމަވެސް، އޭނާގެ ހިތްވެސް ދިޔައީ ބާރަށް ރޮމުންނެވެ. ނެތްހިތްވަރު ދައްކާފައި އޭނާ ބައްޕައާއި މިޝްޔާއަށް ހިތްވަރު ދެމުން ދިޔައެވެ.
ވެންޓިލޭޓަރަށް ޒިޔާނާ ލުމަށްފަހު ތިން ވަނައަށް ވީ ދުވަހެވެ. ހޮސްޕިޓަލުގައި ހުރީ މާކިންއެވެ. ރޭގައި މިޝްޔާގެ އިތުރުން ރިފްއަތު ހޮސްޕިޓަލުގައި ހުރީތީ އެމީހުން ގެއަށް ފޮނުވައިލީ މާކިން އައިހެވެ. އޭނާ ވެއިޓިން އޭރިޔާގައި ފޯނާ ކުޅެން އިންދާ ޒިޔާނާގެ އެހީތެރިއަކަށް ގޮވައިލުމާއެކު ފޯނުން ނަޒަރު ވަކިކޮށްލަމުން އެ ދިމާލަށް ހިނގައިގަތެވެ. ނަރުސް ކުއްޖާ އެދުނީ އެތެރެއަށް ވަނުމަށެވެ. މޭޒުކައިރީގައި އިށީނުމަށް ބުނެފައި އެ ކުއްޖާ ބުނީ ޑޮކްޓަރު އެބަ އަންނަ ކަމުގައެވެ.
"މީ ޒިޔާނާގެ އެހީތެރިއެއް ދޯ... ދަރިފުޅު ތަ މީ؟" ޑޮކްޓަރު އޭނާގެ އަތުގައި އޮތް ފައިލަށް ނަޒަރު ހުއްޓައިލުމަށްފަހު، މާކިންއަށް ބަލައިލުމަށްފަހު ސުވާލުކޮށްލި ގޮތުން މާކިންގެ މޭގަނޑު ތެޅިގަތެވެ. ލިބެން އުޅެނީ ނުބައި ހަބަރެއް ކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނެލުމާއެކު އެ ހިތުގެ ތެޅުން އިންތިހާ އަވަސްވިއެވެ. މާކިންއަށް ބަލައިލުމަށްފަހު ޑޮކްޓަރު އަހައިލީ ރިފްއަތާއި މިޝްޔާގެ ވާހަކައެވެ.
"ނިދާލަން ގެއަށް ގޮސްވީ..." މާކިން އެެހެން ބުނެލަމުން ޑޮކްޓަރު އެދުނީ އެމީހުން ގާތުގައިވެސް ހޮސްޕިޓަަލަށް އައުމަށް ބުނުމަށެވެ.
"ކިހިނެއްތޯ ވީ ޑޮކްޓަރު؟" މާކިންއަށް ސުވާލުކޮށްލެވުނެވެ. ފައިލަށް ބަލަހައްޓައިގެން ހުރުމަށްފަހު، ޑޮކްޓަރު މާކިންއަށް ބަލައިލަމުން ހާމަކޮށްލި ވާހަކައާއެކު މާކިންގެ ފައިދަށުން ބިންގަނޑުވެސް ދެމިގެން ދިޔަ އިޙްސާސް އެއް އޭނާއަށް ކުރެވުނެވެ. މުޅި ދުނިޔެ ހުއްޓުނު ފަދައެވެ.
(ނުނިމޭ)