ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޕޮލިޓިކަލް ސައިންސް ދަރިވަރުން އިސްނަގައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މޮޑެލް ސާކް ސަމިޓެއް ކުރިއަށްގެންގޮސްފިއެވެ.

މި މޮޑެލް ސާކް ސަމިޓަކީ، އެމްއެންޔޫގައި ޕޮލިޓިކަލް ސައިންސްގެ ފަހު އަހަރު ފުރިހަމަކުރާ ދަރިވަރުން ޕްރެކްޓިކަލް ލާނިންގް އެކްސްޕީރިއަންސެއް ހޯދުމަށް ކުރިއަށްގެންދިޔަ ސަމިޓެކެވެ.

ސާކް ސަމިޓް ކުރިއަށްދާގޮތް މޮޑެލް ސާކްސަމިޓުން ވަނީ ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ. އެގޮތުން ސާކްގެ ހުރިހާ ގައުމެއް ތަމްސީލުކޮށް އެމްއެންޔޫގެ ދަރިވަރުން ވަނީ އެ ގައުމުތަކުގެ ފަރާތުން ސްޓޭޓްމަންޓެއް އިއްވާފައެވެ. އަދި ޚާއްސަ ގައުމުތަކުގެ ގޮތުގައި ސާކްގެ ގައުމުތައް ނޫން ގައުމުތަކުގެ ފަރާތުން ވެސް ވަނީ މި ސަމިޓުގައި ވާހަކަދައްކާފައެވެ.

މީގެ އިތުރުން މި ސަމިޓުގައި ވަނީ، ސާކްގެ ގައުމުތައް އިގްތިޞާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން މަޝްވަރާކޮށްފައެވެ.

ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. އަލީ ޝަމީމް ވިދާޅުވީ މިފަދަ އަމަލީ ތަޖުރިބާތަކުން ވަރަށް ގިނަ ކަންކަން ދަރިވަރުންނަށް ދަސްވާ ކަމަށެވެ. އެގޮތުން މޮޑެލް ސާކް ސަމިޓް ބޭއްވުމުން ވެސް ވަރަށް ގިނަ ކަންކަން ދަރިވަރުންނަށް ދަސްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ ޕޮލިކަލް ސައިންގެ ދަރިވަރުން ބޭއްވި މޮޑެލް ސާކްސަމިޓްގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

"ގިނަ ގިނައިން މިބާވަތުގެ ކަންކަން ކުރިއަށްގެންދިޔައިމަ ދަރިވަރުން ލޯހުޅުވިގެންދާނީ. އެކުދިން ކިޔަވައިގެން ނުކުމެ ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ އެނގޭނީ،" ޝަމީމް ވިދާޅުވިއެވެ.

ސާކް ސަމިޓެއް ކުރިއަށްދާގޮތް ދައްކުވައިދިނުމަށް ރޭ އެމްއެންޔޫގައި ބެއްވި މި މޮޑެލް ސާކް ސަމިޓް ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ފޮރިން ސެކެޓްރީ އަޙްމަދު ލަތީފެވެ. ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފާއި ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވަނީ މޮޓެއްލް ސާކްސަމިޓް ކުރިއަށް ދިޔަގޮތް ބައްލަވައިލައްވައިފައެވެ.

ގައުމީ ޔުނިވާސިޓީގެ ޕޮލިކަލް ސައިންގެ ދަރިވަރުން ބޭއްވި މޮޑެލް ސާކްސަމިޓްގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މީގެއިތުރުން ބައެއް ސްކޫލުތަކާއި ކޮލެޖްތަކުގެ ދަރިވަރުން ވެސް ވަނީ އެ ސަމިޓް ކުރިއަށްދިޔަވަގުތު އެތަނަށް ހާޒިރުވެފައެވެ.

މޮޑެލް ސާކް ސަމިޓް ނިންމުމުގެ ގޮތުން ސާކްގެ ބައެއް ގައުމުތަކުން ވަނީ ސަގާފީ ހަތަކާތްތަކެއް ހުށަހަޅާފައެވެ. އެގޮތުން ސްރީލަންކާ، ޕާކިސްތާން، އިންޑިއާ، ބަނގްލާދޭޝް އަދި ރާއްޖެއިން ވަނީ ސަގަފީ ލަވައާއި ނެށުން ދައްކުވައިދީފައެވެ.

މި ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ ރާއްޖޭގައި ހުންނަ އެގައުމުތަކުގެ ހައިކޮމިޝަނާއި ރާއްޖޭގައި ދިރިއުޅޭ އެ ގައުމުތަކުގެ ރައްޔިތުން ގުޅިގެނެވެ.