26 Oct 2022, 11:19
ނެޓްފްލިކްސް އިން ދައްކާ އެންމެ ބޮޑެތި ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯ ކަމަށްވާ "އެލީޓް"ގެ ހަތްވަނަ ސީޒަނަކަށް ޝޯ ރިނިއުކޮށްފިއެވެ.
މަޝްހޫރު ސްޕެނިޝް ޝޯ އެލީޓްއަށް ނެޓްފްލިކްސް އިތުބާރު ކުރާ މިންވަރު ވަރަށް ބޮޑެވެ. އެއީ ޝޯގެ ހަވަނަ ސީޒަން ދެއްކުމުގެ ކުރީން އެ ޝޯގެ ހަތް ވަނަ ސީޒަން އިއުލާނުކުރީމައެވެ.
ދިވެހީންގެ ތެރޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެލީޓްގެ ހަ ވަނަ ސީޒަންގެ ކާސްޓަށް ވަނީ އާ ފަސް އެކްޓަރުން އިތުރުކޮށްފައެވެ.
ޝޯގެ ތިން ވަނަ ސީޒަނަށް ފަހު ޝޯގެ މަގުބޫލުކަން އަންނަނީ ކުޑަވަމުންނެވެ. އެގޮތުން ޝޯ ފެށިއިރު މައިގަނޑު ކާސްޓުންގެ ގޮތުގައި ތިބި ގިނަ އެކްޓަރުން ވަނީ އެކި ސީޒަންތަކުގެ މަތީން މިހާރު ގޮސްފައެވެ. ނަމަވެސް އެ ޕްލޮޓެއް އެތައް ފަހަރު މަތިން ރިޕީޓު ކުރާ ކަމަށް ފޭނުން ބުނާ މި ޝޯގެ ހަ ވަނަ ސީޒަން އަންނަ މަހުގެ 18ގައި ދައްކާނެއެވެ.
އެލީޓްގެ ފަސް ވަނަ ސީޒަން މިއަހަރުގެ އޭޕްރިލްގައި ދައްކާފައިވާއިރު އަންނަ މަހު އާ ސީޒަން ދެއްކުމަކީ ނެޓްފްލިކްސް އަށް އާންމުކޮށް ނުވާ ކަމެކެވެ. އާންމުކޮށް ސީޒަނެއް ނެރުމަށް ދެ އަހަރު ވާއިރު މި ޝޯގެ ދެ ސީޒަން އަހަރުގެ ދެކޮޅުގައި ދައްކާ ގޮތް މިފަހަރު މިއޮތީ ވެފައެވެ.
ޝޯގެ ހަތް ވަނަ ސީޒަން އިއުލާނުކޮށްފައިވާއިރު އެ ސީޒަން އަށް އާ ހަ ކާސްޓް މެމްބަރުން އިތުރުވާނެއެވެ. އެއާއެކު ހަތް ވަނަ ސީޒަން ވެސް އަންނަ އަހަރުގެ ކުރީކޮޅުގައި ދައްކާނެ ކަމުގެ އިޝާރާތްތަކެއް މިވަނީ ކޮށްފައެވެ.