26 Oct 2022, 00:32
އިންޓާނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ)ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދި ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސް، މި ގޮތަށް ނިންމަވާފައިވަނީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ރާއްޖެއަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާއިބެހޭ ޖަމުއިއްޔާ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ މެންބަރު ގައުމެކެވެ.
އިމްސޯ އުފައްދާފައި ވަނީ 1979 ވަނަ އަހަރު އައިއެމްއޯގެ އެހީތެރިކަމާއެކު އެ ޖަމުއިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އިމްސޯއިން ކުރާ މައިގަނޑު މަސައްކަތަކީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީއެމްޑީއެސްއެސް) އާއި ލޯންގް ރޭންޖު އައިޑެންޓިފިކޭޝަން އެންޑް ޓްރެކިން އޮފް ޝިޕްސް (އެލްއާރުއައިޓީ)ގެ އެންމެހާ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ.
ޖީއެމްޑީއެސްއެސް އަދި އެލްއާރުއައިޓީ އަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމުއިއްޔާ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ މުއާހަދާއެއް ކަމުގައިވާ "އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) 1974" މުއާހަދާގައި ބައިވެރިވާ ގައުމުތަކަށް ލާޒިމުކުރާ ކަމެކެވެ.
ރާއްޖެއަކީ ވެސް އައިއެމްއޯ އަދި ސޯލާސްގައި ބައިވެރިވެފައިވާ ގައުމެކެވެ. އަދި އިމްސޯގައި ބައިވެރިވުމަށް އައިއެމްއޯ މެންބާ ސްޓޭޓް އޮޑިޓުގައި ވަނީ ލަފާދީފައެވެ.