މިދިޔަ މަހުގެ 21 ން 25 ހަށް ރަޝިއާގެ މޮސްކޯގައި ކުރިއަށް ދިޔަ "މޮސްކޯ އިންޓާރނޭޝަނަލް ޓުރަވަލް އެންޑު ޓުރޭޑް ފެއާ 2012" ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

މި ފެއާގައި ރާއްޖޭން 16 ޓްރެވަލް އެޖެންސީއަކުންނާއި 12 ރިސޯޓަކުން 50 ފަރާތަކުން ވަނީ ފެއާގައި ބައިވެރި ވެފަ އެވެ. ފެއާއަށް އެކިކަންކޮޅުތަކުން ޖުމްލަ 3000 ކުންފުންޔަކާއި 185 މަންޒިލަކުން ބައިވެރިވި އެވެ. އަދި މުޅި ޖުމުލަ މިފެއާއަށް 79930 ބޭފުޅުންވަނީ ޒިޔާރަތް ކޮށްފަ އެވެ.

ފެއާގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ވަނީ އެންމެ ރަނގަޅަށް މަންޒިލް ދައްކުވައިދިން ކަމުގެ އެވޯޑް ލިބިފަ އެވެ.
މިފެއާގެ ތެރޭގައި ރާއްޖެއިން ފަތުރުވެރިކަން އިސްތިހާރުކުރުމަށާއި ރާއްޖެއާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ގޮތުން 23 މާޗުގައި ވަނީ ނޫސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފަ އެވެ. މިބައްދަލުވުމުގައި 35 މީޑިއާއަކާއި 25 ޓުވާ އޮޕުރޭޓަރުން ވަނީ ބައިވެރި ވެފަ އެވެ.

ރަޝިއާއަކީ ރާއްޖެއަށް ފަސް ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމެވެ.