ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން، ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލުގައި ކުރިއަށްގެންދާ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޖަލާލުއްދީން ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިރާގުން ވަނީ އެ ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ބޭނުންވާ އަދި ދަރިވަރުންގެ ކިޔެވުން އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެ ތަފާތު ވަސީލަތްތައް ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމްތަކާއި ފަރުނީޗަރާއި ކަސްރަތަށް ބޭނުންކުރާ ބޯޅަ އާއި އެ ޔުނިޓަށް ބޭނުންވާ އެކި ފޮތްތަކާއި ޕަޒުލްތައް ހިމެނެއެވެ.

މިކަމަށްޓަކައި ޖަލާލުއްދީން ސްކޫލުގައި ބެއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ތައުލީމަށް ކުރާ ކޮންމެ ހޭދައަކީ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް ކަމަށާއި، އެހީގެ ސަބަބުން ސްކޫލްގެ ވަސީލަތްތައް އިތުރުވެ، ދަރިވަރުންނަށާއި މުދައްރިސުންނަށް ރަނގަޅު އަދި ދެމެހެއްޓެނިވި ފައިދާއެއް ވާނެކަން ޔަގީންކުރާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޑައިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޒުވާނުން ބާރުވެރިކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޚާއްޞަ އަހައްމިއްޔަތު ކަމެއްދޭ ދާއިރާއެއްކަމަށެވެ.

"ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެހީތެރިވުމަށް، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ބާރުވެރިކުރުމަށް ދިރާގުން އަބަދުވެސް އިސްކަންދޭނަން،" މިރުޝާން ވިދާޅުވިއެވެ.

ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުޙައްމަދު ވިދާޅުވީ، ދިރާގުން މި ވެދިން އެހީތެރިކަމުގެ ސަބަބުން ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނޭ ކަމަށެވެ. އަދި ދިރާގުން ފޯރުކޮށްދިން ވަސީލަތްތަކުގެ ސަބަބުން ޖަލާލުއްދީން ސްކޫލްގެ މަގުސަދެއްކަމަށްވާ އިންކްލޫސިވް އެޑިއުކޭޝަން ކުރިއަށްގެންދިއުމުގައި ވަރަށް ބޮޑު ބާރަކަށްވެގެންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.