އިންޑޮނޭޝިއާގެ ޖަމްބީ ޕްރޮވިންސުން ގެއްލިގެން ހޯދަމުން ދިޔަ އަންހެނަކު ހަރުފައެއްގެ ބަނޑުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އުމުރުން 54 އަހަރުގެ ޖަހުރާ ނަމަކަށް ކިޔާ އެ މީހާ ގެއްލުނީ މިދިޔަ ހުކުރު ދުވަހު ރަބަރު ކެނޑުމަށް ޓަަކައި އޭނާގެ ގެ ކައިރީ އޮންނަ ޖަންގަލި ތެރެއަށް ދިޔަ ފަހުންނެވެ.

އަންހެން މީހާ ފެނުނީ 22 ފޫޓުގެ ހަރުފައެއްގެ ބަނޑުން -- ފޮޓޯ/ ވައިރަލް ޕްރެސް

އޭގެ ފަހުން ޖަހުރާ ގެއަށް ނާންނާތީ އޭނާ ގެއްލިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރިއެވެ. އެއާއެކު ފުލުހުންނާއި އާންމު ރައްޔިތުން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ.

ޖަހުރާ ހޯދަމުން ދަނިކޮށް މިދިޔަ އާދިއްތަ ދުވަހު އެމީހުންނަށް ފެނުނީ ވަރަށް ބޮޑަށް ބަނޑު ފުއްޕާފައި އޮތް، 22 ފޫޓުގެ ޕައިތަން ހަރުފައެކެވެ.

ހަރުފަގެ ބަނޑު ތެރެއިން ފެނުނު މީހާއަކީ އުމުރުން 54 އަހަރުގެ އަންހެނެއް -- ފޮޓޯ/ ވައިރަލް ޕްރެސް

އެއާއެކު، ޖަހުރާ ހޯދަމުން ދިޔަ މީހުން ނިންމީ އެ ހަރުފަ މަރާލުމަށް ފަހު އޭގެ ބަނޑު ފަޅާށެވެ. ހަރުފަގެ ބަނޑު ފެޅުމުން ފެނުނީ ޖަހުރާގެ ހަށިގަނޑެވެ.

އެ މަންޒަރު ދުށް މީހުން ބުނި ގޮތުގައި ހަރުފަގެ ބަނޑު ތެރެއިން ޒަހުރާގެ ހަށިގަނޑު ނެގި އިރު އޭނާ ލައިގެން ހުރި ހެދުމަށާއި އޭނާގެ ހަށިގަނޑަށް ވެސް މާ ބޮޑު ގެއްލުމެއް ލިބިފައިނުވެއެވެ.

ހަރުފަ މަރާލައި، އޭގެ ބަނޑު ފެޅުމުން ފެނުނީ އަންހެން މީހާ މަރުވެފައި އޮއްވާ -- ވައިރަލް ޕްރެސް

ޖަހުރާ ހޯދުމުގައި ހަރަކާތްތެރިވި އަވަށުގެ އޮފިޝަލެއް ކަމަށްވާ އަންޓޯ ބުނި ގޮތުގައި އެ ހަރުފަ އޭނާ ދިރުވާލީ ދަތް އެޅުމަށް ފަހު، އޭނާގެ ހަށިގަނޑުގެ އޮޅުލައިގެން އޮވެ، ނޭވާ ހާސްކުރުމަށް ފަހުގައެވެ.

އެ މީހާގެ ހަށިގަނޑު ދިރުވާލުމަށް ދެ ގަޑިއިރު ވަރު ނަގާނެ ކަމަށް އަންޓޯ ލަފާކުރިއެވެ.

ހަރުފަ މަރާލުމަށް ފަހު ބަނޑު ފެޅުމުން ޖަހުރާގެ ހަށިގަނޑު ފެނުނު -- ފޮޓޯ/ ވައިރަލް ޕްރެސް

ޖަހުރާގެ ހަށިގަނޑު ނެގުމަށް ފަހު، ހަރުފަގެ ހަށިގަނޑުގެ ބައިތައް ގޯންޏަކަށް އަޅާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގެ ޖަންގަލިތަކުގައި އެފަދަ ބޮޑު ހަރުފަތައް އުޅޭތީ އާންމުން މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

މީގެ ކުރިންވެސް އެ ސަރަހައްދުގައި ޕައިތަން ހަރުފައެއް ވަނީ ދެ ބަކަރި ދިރުވާލާފައެވެ. ގާތްގަނޑަކަށް 30 ފޫޓާ ގާތްކުރާ މިންވަރަކަށް ދިގުވާ މި ބާވަތުގެ ހަރުފައަކީ އެ ސަރަހައްދުގެ އާންމުންނަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމީހުން ވަނީ ސިފަކޮށްފައެވެ.

ޕައިތަންއަކީ ހަރުފަ އާއިލާގެ ތެރެއިން އެންމެ ދިގުކޮށް ތިބޭ ހަރުފައެވެ.