25 Oct 2022, 19:36
ދުނިޔޭގެ އެތައް ގައުމެއްގައި ވަޓްސްއެޕް ޚިދުމަތް ކުޑަ ވަގުތުކޮޅަކަށް މެދުކެނޑުމަށް ފަހު އެ ޚިދުމަތް އަލުން ލިބޭ ގޮތް ހަދައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެ ބިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ މެސެޖިން އެޕް ވަޓްސްއެޕްގެ ޚިދުމަތް މިއަދު ހެނދުނު ގިނަ ގައުމުތަކެއްގައި ކެނޑި، އިނގިރޭސިވިލާތާއި ދެކުނު އެފްރިކާ އާއި އޭޝިއާގެ ޔޫޒަރުން ވަނީ މެސެޖު ފޮނުވުމާއި ލިބުމުގައި މައްސަލަތައް ދިމާވެފައިވާ ކަމުގެ ޝަކުވާކޮށްފައެވެ.
އެ މައްސަލަ މިހާރު ހައްލުކޮށްފައިވާއިރު، ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި މެޓާގެ ތަރުޖަމާނަކު ބުނީ މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި މައްސަލައިގެ ސަބަބުން ދިމާވި ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.
އޮންލައިން ޚިދުމަތްތައް މެދުކެނޑުމުގެ މައްސަލަތައް ޓްރެކްކުރާ ޑައުންއިންސްޕެކްޓާއާއި ޑައުންޑިޓެކްޓާއިން ވަނީ އިނގިރޭސިވިލާތާއި ޔޫރަޕްގެ ގައުމުތަކާއި އެފްރިކާ އާއި ދެކުނު އޭޝިއާގައި އެޕަށް މައްސަލަތައް ދިމާވިކަން ފާހަގަކޮށްފައެވެ.
ދެހާސް ސާދަ ވަނަ އަހަރު މެޓާ (ކުރިން ފޭސްބުކް)އިން ގަތް ވަޓްސްއެޕްއަކީ މުވާސަލާތީ ހިދުމަތްތައް މަނާ ކޮށްފައިވާ ނުވަތަ އެފަދަ ޚިދުމަތްތައް އަގުބޮޑު، ތަރައްގީވަމުން އަންނަ ގައުމުތަކުގައި އެސްއެމްއެސް ޓެކްސްޓް މެސެޖުތަކަށް ވަރަށް މަގުބޫލު އެޕްލިކޭޝަނެކެވެ.
ވަޓްސްއެޕަކީ ދުނިޔޭގެ ބޮޑު އާބާދީއެއް އެއަށް ބަރޯސާވެފައިވާ ޚިދުމަތެކެވެ. އެހެންކަމުން އެ ޚިދުމަތް ނުލިބުމުގެ މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު އެތައް ބަޔަކަށް އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ.