ނާބްލްސް (25 އޮކްޓޯބަރު 2022): އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް ރޭ ދަންވަރު ފަލަސްތީނުގެ ނާބްލްސް އަށް ވަދެގަނެ ބަޑިން ހަމަލާދީ ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމް ކޮށްލައިފިއެވެ.

ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނާގޮތުން އިސްރާއީލު ސިފައިން ނާބްލްސްގެ ގަދީމީ ސިޓީއަށް ދަންވަރު ވަދެ ބަޑިން ހަމަދީ ހަ މީހުން ޝަހީދުކޮށްލުމުގެ އިތުރުން 22 މީހުން ޒަޚަމްކޮށްލިއެވެ. އަދި ޒަޚަމް ކުރި މީހުން ހޮސްޕިޓަލަށް ގެންދިޔުމަށްވެސް އިސްރާއީލުންވަނީ ހުރަސްއަޅާފައެވެ.

ނާބްލްސް އަކީ އިސްރާއީލުން 1967 ގެ ހަނގުރާމައިގާ ގަދަބާރުން ހިފާފައިވާ ހުޅަނގު އައްސޭރި ސަރަހައްދުގެ އުތުރުގައި އޮންނަ ފަލަސްތީނުގެ ސިޓީއެވެ. އިސްރާއީލު ސިފައިން ބުނާގޮތުން އެމީހުން ނާބްލްސް އަށް ވަދެގަތީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތެއްކަމަށްވާ "އީރީން އަލް އުސޫދު" ނުވަތަ ލަޔަންސް ޑެން ޖަމާއަތުގެ ބައެއް މެންބަރުން ހައްޔަރު ކުރުމަށެވެ. އިސްރާއީލުގެ ސިފައިންނަށް ހަމަލާދީފައި ފިލައިގެން އުޅޭ "އީރީން އަލް އުސޫދު" ގެ މުޖާހިދުން ނާބްލްސްގައި އުޅޭކަމަށް އިސްރާއީލު ސިފައިން ބުނެއެވެ.

"އީރީން އަލް އުސޫދު" އަކީ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމަށްޓަކައި ވަރަށް ފަހުން ހުޅަނގު އައްސޭރީގައި އުފެދުނު ޖަމާއަތެކެވެ. މިޖަމާއަތުގައި އުޅެނީ އާންމުގޮތެއްގައި ފަލަސްތީނުގެ ވަރަށް ޅަ ޒުވާނުންނެވެ. 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

މިޖަމާއަތަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހުރިހާ ޖަމާއަތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބެއެވެ. އަދި އެހުރިހާ ޖަމާއަތްތަކުގެ ފިކުރުތަކަށް ނިސްބަތްވާ ޒުވާނުން މި އައު ޖަމާއަތުގައި ޝާމިލުވެއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތައް މަރުކަޒުކޮށްފައިވަނީ ޣައްޒާގައެވެ. އެޖަމާއަތްތަކުގެ މާބޮޑު ހަރަކާތްތަކެއް ހުޅަނގު އައްސޭރީގައި ނޯވެއެވެ. އެއީ އެކަން ކުރެވޭނެ ގޮތެއް ނެތުމުންނެވެ. ފަލަސްތީނުގެ ސަރުކާރުން އިސްރާއީލަށް ދެމުންގެންދާ އަމަނާބެހޭ އެއްބާރުލުމުގެ ދަށުން އެޖަމާއަތްތަކުގެ މުޖާހިދުންނާއި ހަރަކާތްތަކާއި ރޭވުންތަކުގެ މައުލޫމާތު އިސްރާއީލާ ހިއްސާކުރާތީ މުޖާހިދުން ހައްޔަރު ކުރުމަށާ އަދި މުޖާހިދުން މެރުމުގެ ޖަރީމާތައް ހިންގުމަށް އިސްރާއީލަށް ފަސޭހަވެފައިވާތީއެވެ.

އަނެއްކޮޅުން ޣައްޒާއާ ޚިލާފަށް ހުޅަނގު އައްސޭރިއަކީ އިސްރާއީލު ސިފައިންގެ ސީދާ ކޮންޓްރޯލް އޮންނަ ސަރަހައްދެކެވެ. "އީރީން އަލް އުސޫދު" ޖަމާއަތުގެ މަގުސަދަކީ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ މަރުކަޒަކަށް ޣައްޒާއެކޭ އެއްގޮތަށް ހުޅަނގު އައްސޭރިވެސް ހެދުމެވެ.

މީގެއިތުރުން ހުޅަނގު އައްސޭރީގައި އިސްރާއީލު ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކަށް އަމާޒުކޮށް ހަމަލާދީ އެއަވަށްތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންނަށް ބިރުދައްކައި ފަލަސްތީނު ދޫކޮށް އެމީހުންގެ އަސްލު ގައުމުތަކަށް އެނބުރި ދިޔުމަށް އެމީހުންނަށް މަޖުބޫރު ކުރުވުމަކީވެސް "އީރީން އަލް އުސޫދު" ޖަމާއަތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއީ އިސްރާއީލު ވަރަށް ކަންބޮޑުވާ ކަންކަމެވެ. އެއީ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ މަރުކަޒަކަށް ޣައްޒާއެކޭ އެއްގޮތަށް ހުޅަނގު އައްސޭރި ވެއްޖެނަމަ ފަލަސްތީނުގެ މުޖާހިދުންނާ އެއްގަމު މަގުން ކުރިމަތިލައިގެން އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު ބޮޑުވުމާއި ޔަހޫދީ ވަޒަންވެރިން އެމީހުންގެ ވަޒަނަށް އެނބުރި ގޮސްފިނަމަ ހުޅަނގު އައްސޭރި އިސްތިއުމާރުކޮށްގެން ތާއަބަދު އޮތުމުގެ ފުރުސަތު އިސްރާއީލަށް ގެއްލިގެންދާނެތީއެވެ.

"އީރީން އަލް އުސޫދު" ޖަމާއަތުގެ ޖިހާދުގެ ހަމަލާތަކުގައި ފާއިތުވި ދެ ހަފްތާގައި ހުޅަނގު އައްސޭރީން އިސްރާއީލު ސިފައިންގެ ދެމީހަކުވަނީ މަރާލާފައެވެ. އެހެންކަމުން އިސްރާއީލުގެ މަގްދަކީ "އީރީން އަލް އުސޫދު" ޖަމާއަތް ޅަފަތުގައި އޮއްވައި އެޖަމާއަތް ހަލާކުކޮށްލުން ކަމަށް ފަލަސްތީނުގެ ޖަމާއަތްތަކުން ބުނެއެވެ.

ނަމަވެސް "އީރީން އަލް އުސޫދު" ޖަމާއަތަށް ފަލަސްތީނުގެ އާންމުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން މިއީވެސް އިސްރާއީލަށް ކުރަން ފަސޭހަ ކަމެއްނޫންކަމަށްވަނީ ބެލެވިފައެވެ.