އިސްލާމް އާބާދު (25 އޮކްޓޯބަރު 2022) : ކުރިއަށްއޮތް ފަސްއަހަރު ޕާކިސްތާނުގައި ބާއްވާ އެއްވެސް އިންތިޚާބެއްގައި ވާދަ ކުރުމުގެ ފުރުސަތާ އަދި ސިޔާސީ މަގާމެއް އަދާކުރުމުގެ ފުރުސަތުން ކުރީގެ ބޮޑުވަޒީރު އިމްރާންޚާނު މަހުރޫމު ކުރުމަށް ޕާކިސްތާނުގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން ނިންމި ނިންމުން އެގައުމުގެ ހައި ކޯޓުން ބާތިލުކޮށްފިއެވެ.

އިންތިޚާބުތަކާބެހޭ ކޮމިޝަނުގެ ނިންމުން އިމްރާންޚާން ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން މިއަދު ބުނެފައިވަނީ ޕާކިސްތާނުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ނިންމި ނިންމުން ބާތިލު ކަމަށާއި އެއާ އެއްގޮތަށް އަމަލު ނުކުރެވޭނެ ކަމަށެވެ. ސަބަބެއްކަމަށް ބުނެފައިވަނީ އިންތިޚާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މެދުގައި ތަފާތު ކުރުން ގެންގުޅުމަކީ ގާނޫނާ ފުށުއަރާ ކަމަކަށް ވުމެވެ.

ޕާކިސްތާނުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އިމްރާންޚާން އާ ދެކޮޅަށް ނިންމި ނިންމަކީ އޭނާއާ މެދު ތަފާތު ކުރުން ގެންގުޅުންކަމަށް ބަަލައި ހައިކޯޓުން ކުރި ހުކުމާއެކު އިމްރާންޚާނަށް ޕާލަމެންޓް މެންބަރުކަމުގައި ދެމިހުރެވޭނެއެވެ. އަދި ކުރިޔަށް އޮތް އިންތިޚާބުތަކުގައި ވެސް ވާދަ ކުރެއްވޭނެއެވެ.

އިމްރާން ހާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ޕާކިސްތާނުގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން ނިންމީ ބޮޑުވަޒީރު ކަމުގައި އިމްރާން ޚާން ހުންނެވި ދުވަސްވަރު އެކި ފަރާތްތަކުން އޭނާއަށް ލިބިވަޑައިގެންނެވި ހަދިޔާތަކުގެ ތަފްސީލު އޭނާގެ ފަރާތުން ދައުލަތަށް ހާމަނުކުރާ ކަމަށް ބުނެފައެވެ. އެސެޓް ޑިކްލެއާ ކުރުމުގެ މިކަމަކީ އިންތިޚާބަކަށް ކުރިމަތިލުމުގެ ކުރިން ކެންޑިޑޭޓުން ހާމަކުރަންޖެހޭ ކަމެކެވެ.

ޕާކިސްތާނުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެސެޓް ޑިކްލަރޭޝަންގައި އޭނާ ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ބޭރުގެ އެކި ފަރާތްތަކުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންފައިވާ ތަކެތީގެ ފުރިހަމަ ތަފުސީލެއްނެތެވެ. އެއިން އެއްބައި އުންޏެވެ. ނަމަވެސް އިމްރާންޚާންގެ ވަކީލުން މިކަން ދޮގުކުރެއެވެ.

އިންތިޚާބުތަކާބެހޭ ކޮމިޝަނުގެ ނިންމުން ކޯޓުން ބާތިލުކުރުމުގެ ކުރިން އިމްރާނުގެ ސަޕޯޓަރުން ވަނީ ކޮމިޝަނުގެ ނިންމުމާ ދެކޮޅަށް ޕާކިސްތާނުގެ ބޮޑެތި ސިޓީތަކުގައި ވަރުގަދަ މުޒާހަރާ ތަކެއްކޮށް އެ ސިޓީތަކުގެ ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފައެވެ.

އިމްރާންޚާން ގެ ސަޕޯޓު ބޭސް ޕާކިސްތާނުގައި މިހާރު އަދަޔާ ޚިލާފަށް ބޮޑެވެ. އެންމެފަހުން ބޭއްވި ހަތް ގޮނޑީގެ ބައި އިލެކްޝަނެއްގައި ވެސް އިމްރާންޚާންގެ ޕާޓީން ވަނީ އޭގެ ތެރެއިން 6 ގޮނޑި ހޯދައި މިހާރު ޕާކިސްތާނުގެ ވެރިކަމުގައި އޮތް އެ ގައުމުގެ އެންމެ ބޮޑު ދެ ޕާޓީކަމަށްވާ ޕީޕީޕީ އާއި މުސްލިމް ލީގު ނަވާޒު ގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

އިންތިޚާބުތަކާބެހޭ ކޮމިޝަނުން އިމްރާން ޚާނާ ދެކޮޅަށް ނިންމި ނިންމުމުގެ ފަހަތުގައިވަނީ ޕާކިސްތާނުގެ ސަރުކާރު ހިންގާ މައި ދެ ޕާޓީ ކަމަށް އިމްރާންޚާން ތުހުމަތު ކުރައްވައެވެ.