25 Oct 2022, 13:14
ބައެއް ޓެކްސްތައް ބޮޑު ކުރަން ސަރުކާރުން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު އޮތް ގޮތަށް ފާސްކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ވިޕަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ރައްދުދެއްވައިފިއެވެ.
ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލުގައި ވަނީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ)، އަށް ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް (ޓީޖީއެސްޓީ) 12 ޕަސެންޓަށް ބޮޑުކުރުމަށެވެ. އެ ބިލު އޮތް ގޮތަށް ފާސްކުރަން އެމްޑީޕީން ތްރީ ލައިން ވިޕެއް ވަނީ ނެރެފައެވެ.
އެ ބިލާމެދު މަޝްވަރާ ކުރުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގެ ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ އެ ބިލާ މެދު ގޮތެއް ނިންމާނީ މަޖިލީހަށް ކަމާގުޅޭ މާހިރުން ގެނެސް، ވަމުންދާ ގޮތް އޮޅުން ފިލުވައިގެން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިޒާމް އަދި އިޖުރާއަތު ޚާއްސަގޮތެއްގައި އޮންނަނީ ތިން ކިޔުމުގެ މައްޗަށް ކަމަށެވެ. ފުރަތަމަ ކިޔުމަކީ މެމްބަރުން ބައިވެރިވެވަޑައިންނަވާ ކިޔުން ކަމަށާއި އެއީ ތަޅުމުގައި ކުރެވޭ މަސައްކަތް ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
"ދެވަނަ ކިޔުމަކީ ކޮމިޓީ މަސައްކަތް. އެއީ ކަމާގުޅޭ މާހިރުން ކޮމިޓީއަށް ގެނެސްގެން މެމްބަރުން މާހިރުންނާ ސުވާލު ކޮށްގެން ކަންކަން އޮޅުންފިލުވައިގެން ހުށަހެޅިފައިވާ ކަމަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ފުރުސަތު ލިބިވަޑައިންނަވާ ވަގުތެއް. އެހެންވީމާ އެވަގުތު އަޅުގަނޑު އެކަން ކުރާނަން. މިތަނަށް ކަމާ ގުޅޭ މާހިރުން އަޅުގަނޑު ގެންނާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީ ރިޕޯޓެއް އެކުލަވާލާނީ އެއަށް ފަހުގައި ކަމަށެވެ. އަދި އެ ރިޕޯޓު އަނެއްކާ ވެސް ތަޅުމަށް ގެނެސް، އެ ރިޕޯޓްގެ މައްޗަށް ވޯޓަށް އަހައި ގޮތެއް ނިންމާނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ޑިމޮކްރެޓިކް އިޖުރާއަތްތައް އެމަނިކުފާނު ހިފަހައްޓަވާނެ ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ ހުރިހާ ރައްޔިތުން މިކަމަށް ގޮތް ކިޔަން ބޭނުންވެފައިވާ ވަގުތެއްގައި މިތަނަށް ކަމާގުޅޭ މާހިރުން ހާޒިރު ނުކޮށް ވަކި ބަޔަކު އެދޭ ސިޔާސީ ގޮތަށް އެކަން ވެގެންދާން ދޫކޮށްލެވޭކަށް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ރައީސް ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން ވަނީ ނަޝީދުގެ އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ސަރުކާރަށް ތާއިދުކުރާ މެމްބަރުން ވަނީ އެ ބިލު އޮތްގޮތަށް ފާސްކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެ މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވީ ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމާއެކު ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑު ނުކޮށްފި ނަމަ އިގްސާދަށް ލިބެމުންދާ ކުރިއެރުން ހުއްޓުމަކަށް އަންނާނެ ކަމަށެވެ. ވުމާއެކު އެތެރޭގެ އާމްދަނީ އިތުރު ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަމީރު ވިދާޅުވީ އޭރަކު އިގްތިސާދީ ގޮތުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް ސަރުކާރުން ދަނީ އަޅަމުން ކަމަށެވެ.
އެތެރެއިން އާމްދަނީ އިތުރުކުރެވޭނެ މަގުތައް ހޯދުމަކީ މިވަގުތު ވަރަށް މުހިއްމު ކަމެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަން ނުކޮށްފިނަމަ އެތައް ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓިގެން ދާނެ ކަމަށެވެ.
"އެ ހުއްޓާލީމަ ދެން ދިމާވާ ކަމަކީ އަޅުގަނޑުމެންގެ އިގްތިސާދު ކުރިއަރައިދާ މިންވަރު އިތުރަށް ދަށް ވެގެންދާނެ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން މިހާރު އޮތް ޖީއެސްޓީ އަދި ޓީޖީއެސްޓީއާއި ގުޅޭ ބިލު ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްދިނުމަށް،" އޭނާ ވިދާޅުވިއެވެ.
މިހާރު ޖީއެސްޓީން ނަގަނީ ހަ ޕަސެންޓް ކަމުގައި ވާއިރު ޓީޖީއެސްޓީއަށް ނަގަނީ 12 ޕަސެންޓެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކުންނާއި އާއްމުން ވެސް އަންނަނީ ޓެކްސް ބޮޑުކުރާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތަކަށާއި އެހެނިހެން ގޮތްގޮތުން ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލުން މާ ރަނގަޅު ވާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.