25 Oct 2022, 11:30
ގާނޫނު އަސާސީގެ ތިންވަނަ މާއްދާގައިވާ ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅާ މާއްދާ ރައްޔިތުންގެ ރުހުމާނުލާ ބަދަލުނުކުރެވޭގޮތް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު އާމިރު ވިދާޅުވެއްޖެއެވެ.
'ސަން'އާ ވާހަކަދައްކަވަމުން އެމްޑީއޭގެ ނައިބު ރައީސް އާމިރު ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން އެ މާއްދާއަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައިއިން އެކަން ފާސްކޮށްގެން ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ބަދަލު ކުރިޔަސް ރައްޔިތުންގެ ރުހުމާ ނުލައި އެ މާއްދާ ބަދަލު ކުރެވޭ ގޮތަށް އޮތުމަކީ ރާއްޖެ އަމަލުކުރަމުންދާ ސިޔާސީ މަސްރަހަށް ބަލާއިރު ބިރުވެރި ކަމެއް ކަމަށެވެ.
"ގާނޫނު އަސާސީގެ ތިން ވަނަ މާއްދާއަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ރުހުމާއެއްކޮށް ކަމަށް ހަދަން އެބަޖެހޭ،" އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ޚާރިޖީ ސިޔާސަތު ކަނޑައެޅުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (މ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރަކަށް ވިޔަސް އެމަނިކުފާނަކަށް ވެސް ރައްޔިތުންގެ މައްޗަށް އިލްތިޒާމް އުފުލަންޖެހޭ ޒާތުގެ މުއާހަދާއެއް ނުވަތަ ކަމެއްގައި ރައްޔިތުންގެ ރުހުމާ ނުލައި އެ މުއާހަދާތަކުގައި ސޮއި ނުކުރެވޭނެ ކަމަށެވެ.
"ކަން އެހެން އޮތް އިރު ސިޔާސީ ބޭނުމަށްޓަކައި ނުވަތަ އަމިއްލަ ބޭނުމަށްޓަކައި ދިވެހިރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނެވޭނެ ގޮތެއް ވުމަކީ އެއްވެސް ރައްޔިތަކު އެދޭނެ ގޮތެއް ނޫން،" އާމިރު ވިދާޅުވިއެވެ.
އާމިރު އެފަދައިން ވިދާޅުވެފައިވަނީ ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި މިހާރު ކުރިއަށް ދާ ދިވެހިރާއްޖެ އާއި ޗާގޮސް (ފޯޅަވަހި)އާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލަ އާ ގުޅިގެންނެވެ.
އެ މައްސަލައަށް މަޖިލީހުގައި ވެސް ބަހުސް ކުރެވެމުންދާއިރު ޗާގޯސް މައްސަލައިގައި ކަމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަހަތުތައް އެންމެ ފުރިހަމައަށް ދިފާއުކޮށްފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
އެ އޮފީހުން ބުނީ ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމި ނިންމުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅުވައިގެން އދ. ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަން އެ އޮފީހުން ފާހަގަކުރެއެވެ. އަދި އދ.ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލިޔަސް ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.