04 Apr 2012, 17:07
ޓެލްއަވީވް (މާޗް 4): ފަންސަ ތިރީސް ޤައުމު ހިމެނޭ އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯރޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް ޖަމާއަތުގެ ޤައުމުތަކުގެ ތެރެއިން ފަގީރުންގެ ނިސްބަތް އެންމެމަތި އަދި ދިރިއުޅުމުގެ ފެންވަރު އެންމެ ދަށް ޤައުމަކީ އިސްރާއީލުކަން ހާމަވެއްޖެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ނެރުނު ރިޕޯޓެއް ބުނާ ގޮތުން އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް ޖަމާއަތުގެ ޤައުމުތަކުގެ ތެރެއިން 2011 ވަނަ އަހަރު އިޤްތިސާދީ އެންމެ ބޮޑު ކުރިއެރުމެއް ޙާސިލްކުރީ އިސްރާއީލުން ކަމަށާއި ނަމަވެސް އާބާދީގައި ފަގީރުންގެ ނިސްބަތް އެންމެ ބޮޑުޤައުމަކީ އިސްރާއީލެވެ.
އިސްރާއީލަކީ އިޤްތިސާދީގޮތުން ބަލާ އިރު އިޤްތިސާދީގޮތުން މެދުފަންތީގެ މަތީ ފަށަލާގައި (އަޕަރމިޑްލްއިންކަމް) އުޅޭ ޤައުމެކެވެ. ނަމަވެސް އިސްރާއީލުގެ އާބާދީގެ 25 ޕަސެންޓް މީހުންނަކީ ފަގީރުންނެވެ. އިސްރާއީލުގެ ރައްޔިތުންގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ ބިމަށް ޔޫރަޕުންނާއި ދުނިޔޭގެ އެކި ޤައުމުތަކުން ހިޖުރަކޮށްގެން ދިރިއުޅޭ ޒަޔަނިސްޓް ޔަހޫދީންނާއި އިސްރާއީލު އެބިމެއްގައި އުފައްދާފައިވާ ފަލަސްތީނުގެ ބިމުގެ އަސްލު ވަޒަންވެރިން ކަމަށްވާ ފަލަސްތީނު މީހުންނެވެ.
މީގެއިތުރުން ފަލަސްތީނުގެ ތާރީޚީ ބިމުގައި ޒަމާނުއްސުރެ ދިރިއުޅެމުން ގެންދިޔަ ޔަހޫދީން ވެސް އިސްރާއީލުގެ ރައްޔިތުންގެ ތެރޭގައި ހިމެނެ އެވެ. މިފަދަ ޔަހޫދީންނަކީ ފަލަސްތީނު ރައްޔިތުންނެކޭ އެއްގޮތަށް ފަލަސްތީނުގެ ތާރީޚީ ބިމުގެ ހަޤީޤީ އަހްލުވެރިންގެ ތެރޭގައި ހިމެނޭ މީހުން ކަމަށް ތާރީޚުގެ އިލްމުވެރިން ދެކެ އެވެ. އައިއެމްއެފްގެ ރިޕޯޓް ބުނާ ގޮތުން އިސްރާއީލުގައި އެންމެ ބާކީކޮށް ނިކަމެތި ކޮށްލެވިފައި ވަނީ އިސްރާއީލުގައި ދިރިއުޅެން މަޖްބޫރުވެފައިވާ ފަލަސްތީނު ދަރިކޮޅުގެ މީހުންނާއި ފަލަސްތީނުގެ ތާރީޚީ ބިމުގެ ހަޤީޤީ އަހްލުވެރިންގެ ތެރޭގައި ހިމެނޭ ޔަހޫދީންނެވެ.
މިއީ ޔަހޫދީ ހައްދުފަހަނަޅާފައިވާ ހަރުކަށި ލާދީނީ ފަލްސަފާއެއް ކަމަށްވާ ޒަޔަނިޒަމް އަށް ނިސްބަތްނުވާ ޔަހޫދީންނެވެ. އިސްރާއީލުގައި އިޖްތިމާޢީ ޢަދާލާތު ނެތުމުގެ ސަބަބުން އެ ޤައުމުގެ ޔަހޫދީ ރައްޔިތުން ވެސް ދާދިފަހުން ވަނީ ސިލްސިލާކޮށް މުޒާހަރާކޮށްފަ އެވެ. މުޒާހަރާކުރި މީހުން ވަނީ އިސްރާއީލުގެ މުއްސަނދިކަން މަދުބައެއްގެ އަތްމައްޗަށްދާކަމުގެ ޝަކުވާކޮށްފަ އެވެ.
އިސްރާއީލަކީ މުއްސަނދިންނާއި ފަގީރުންގެ ތަފާތުގެ އިތުރުން ޔަހޫދީންގެ އެކިފަންތިތަކުގެ މީހުންގެ މެދުގައި ވެސް ތަފާތުކުރުންތައް ގެންގުޅޭ ޤައުމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)