24 Oct 2022, 23:52
ރާއްޖޭގެ މަޝްހޫރު ސްޓްރީމިން އެޕް، ބައިސްކޯފުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ "ޗަނާޗާ 2022" ޝޯގެ ވީއައިޕީ ޓިކެޓު ވިއްކަން ފަށައިފިއެވެ.
މި ޓެކުޓު ގަތުމުން "މަނިކޭ މަގޭ ހިތޭ" ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި، ސްރީލަންކާގެ ލަވަ ކިޔުންތެރިޔާ، ޔޮހާނީ ޑިލޯކާ ޑިސިލްވާއާ ބައްދަލުކޮށްލާ، އެކުގައި ފޮޓޯނެގުމުގެ ފުރުސަތު ލިބޭނެއެވެ. އަދި "ޗަނާޗާ 2022"ގެ ޓީޝާޓަކާއެކު، ޝޯ ބަލާލުމަށް ޚާއްސަ ޖާގައެއް ވީއައިޕީ ޓިކެޓު ގަންނަ މީހުނަށް ހަމަޖެހޭނެއެވެ.
ނުވަ ސަތޭކަ ނުވަދިހަ ނުވަ ރުފިޔާއަށް ވީއައިޕީ ޓިކެޓެއް ވިއްކާއިރު، ވީއައިޕީ ޓިކެޓު ވިއްކަން ހަމަޖެހިފައި ވަނީ ލިމިޓެޑް އަދަދަކަށެވެ. އަދި ކުރިން ޓިކެޓު ގަނެފައިވާ މީހުނަށް ވެސް ވީއައިޕީ ޓިކެޓަކަށް ބަދަލުކުރަން ބޭނުންނަމަ އެ ފުރުސަތު ބައިސްކޯފުން ވަނީ ހުޅުވާލާފައެވެ.
ހަވީރުގެ ޝޯއަށް ހިލޭ ވަދެވޭއިރު ރޭގަނޑުގެ ޝޯއަށް ވަދެވޭނީ 150 ރުފިޔާގެ ޓިކެޓެއް ގަނެގެންނެވެ. އެ ޝޯގެ ޓިކެޓް ބައިސްކޯފުން މިހާރު އަންނަނީ ވިއްކަމުންނެވެ. އޮންލައިންކޮށް ވެސް އެޓިކެޓްގަނެވޭނެއެވެ. ޝޯގެ ޓިކެޓް ގަންނަ މީހުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ބެނެލީގެ ފަރާތުން ހަދިޔާ ކޮށްފައިވާ، ފަނަރެއާ ސައިކަލެއް ހަދިޔާކުރަން ވަނީ ނިންމާފައެވެ.
ޝޯ ބާއްވަން ނިންމާފައިވަނީ، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. އެ ޝޯ އޮންނާނީ ހޮނިހިރު ދުވަހުގެ 4:00 އިން ހަވީރު 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށެވެ.
މި ޝޯގައި ރާއްޖޭގެ މަގުބޫލު ނުވަ ބޭންޑެއް ލަވަ ކުޅޭއިރު، ރާއްޖޭގެ އެހެން މިއުޒިޝަނުން ވެސް ބައިވެރިވާނެއެވެ. އެގޮތުން ޝޯގައި ކުޅެން ހަމަ ޖެހިފައިވާ ބޭންޑު ތަކަކީ ސްކައި ރޮކް، ރެވިއޯ، އިކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، އަޗޭސިއާ، ސިންބޮލިކް ރިކޯޑްސް، ޑިޓިއުން ބޭންޑް، ފަސީ ލައިވް އަދި ހަންބަލް ބަކަރިއެވެ.
މި ޝޯ އެންމެ ޚާއްސަ ވަނީ، ރާއްޖޭގެ ގިނަ އަދަދެއްގެ މިއުޒިޝްނުންނާއި ބޭންޑުން ލަވަކުޅޭތީއެވެ. އެގޮތުން މި ޝޯގައި، ރާއްޖޭގެ 80އަށްވުރެ ގިނަ އާޓިސްޓުން ޕާފޯމް ކުރާނެއެވެ. މި ޝޯގައި ޔޮހާނީގެ ލައިވް ޕާފޯމަންސް ފެންނާނެއެވެ. ޔޮހާނީގެ ލަވަކިޔުން އޮޮންނާނީ ރޭގަނޑު ކަމަށް ބައިސްކޯފުން ބުންޏެވެ.
ބައިސްކޯފުން ބުނީ، މީ މިއަހަރު ބާއްވާނެ އެންމެ ބޮޑު މިއުޒިކް ފެސްޓިވަލަށް ވާނެ ކަމަށް ބައިސްކޯފުން ބުނެއެވެ.
ޗަނާޗާ އަކީ ބައިސްކޯފުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޝޯއެކެވެ. އެ ޝޯގެ މަގުސަދަކީ ދިވެހި ފަންނާނުންނަށް ފުރުސަތުދީ ކުރިއެރުވުމެވެ.