ޗައިނާގެ ކަރަންޓް ކާރު އުފައްދާ ކުންފުނި އެކްސްޕެންގް އިން ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކްގެ ޓެސްލާ ކުންފުންޏާ ވާދައަށް އެންމެ ޒަމާނީ ސެމީ އޮޓޮނޮމިކް ޑްރައިވިން ސިސްޓަމެއް އުފައްދާ ތައާރަފްކޮށްފިއެވެ.

ޗައިނާގެ އިތުރުން މުޅި އޭޝިއާ ބައްރުގައިވެސް ހަލުވި ކަމާއެކު ކުރިއަރަމުން އަންނަ ކުންފުނި އެކްސްޕެންގް އިން އެމީހުންގެ އާ ޓެކްނޮލޮޖީ ތައާރަފް ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

އެކްސްޕެންގް އިން ބުނީ އެ ކުންފުނީގެ އެންމެ ފަހުގެ ޒަމާނީ ޑްރައިވާ އެސިސްޓެންސް ސިސްޓަމް އިން ކާރު ދުއްވުމާއި ކޮންޓްރޯލް ކުރާނީ އޮޓޮމެޓިކުންކަމަށެވެ. ނަމަވެސް އޮޓޯއިން ކާރު ދުއްވިޔަސް ކާރުގެ ފަހަތުގައި ޑްރައިވަރެއް އިނުން މުހިންމެވެ. އެއީ ފަހަރެއްގައި ސިސްޓަމަށް ދިމާވެދާނެ މައްސަލައަކުން ދިމާވެދާނެ ނުރައްކަލުން ސަލާމަތް ވުމުގެ ބޭނުމުގައި ބައިންދަންޖެހޭ މީހެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ ދުއްވަން އެހީތެރިވާން އުފެއްދި ނިޒާމު ކަމަށްވާ އެކްސްއެންޕީޖީ މިއަހަރުގެ ފަހުކޮޅު ޗައިނާގެ ވަކި ސިޓީތަކެއްގައި ބޭނުން ކުރުމަށް ޓަކައި ނެރޭނެ ކަމަށެވެ. އެ ކުންފުނީގެ ޓޮޕް ސްޕެކް ސްޕޯޓް ޔުޓިލިޓީ ވެހިކަލް ޖީ9 މެކްސްގައި އެ ސިސްޓަމް ބޭނުން ކުރެވޭނެ ކަމަށް ކުންފުނިން ބުންޏެވެ.

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެކްސްއެންޖީޕީގެ ފީޗާތައް ތައާރަފް ކުރާނެ ކަމަށާއި، ނޭވިގޭޝަން ގައިޑާއި އެހެނިހެން މުހިންމު ބައިތައް މިއަހަރުން ފެށިގެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ޗައިނާގެ ވަކި ސިޓީތަކެއްގައި ތައާރަފް ކުރާނެކަމަށްވެސް އެކުންފުނިން ބުނެއެވެ. އެ ސިސްޓަމްގައި އަލަށް ތައާރަފްކުރާ 'ސިޓީ އެންޖީޕީ'ގެ ސަބަބުން ލޭން ބަދަލުކުރުން ފަދަ ފީޗާސްތަކާއެކު ބައިބޯ އިމާރާތް ގިނަ ސަރަޙައްދުތަކުގައިވެސް ސެމީ އޮޓޮނޮމިކް ގޮތެއްގައި ދަތުރުކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އޯވަޓޭކިން އާއި ޕާކިން ފަދަ ފީޗާސްތައް ނެރުމަށް ރާވާފައިވާ ކަމަށް ވެސް އެކްސްޕެންގް އިން ބުންޏެވެ.

އެކްސްޕެންގްގެ އަމާޒަކީ 2024 ވަނަ އަހަރު ޗައިނާގެ ހުރިހާ ބޮޑެތި ސިޓީތަކަށް ސެމީ އޮޓޮނޮމިކް ޑްރައިވިން ފީޗާސް ލިބޭނެ ގޮތް ހެދުން ކަމަށްވާއިރު، އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކްސްއެންޖީޕީ އަކީ އަދި މިހާތަނަށް ދުނިޔޭގައި ނެރެފައިވާ މިފަދަ އޮޓޮނޮމިކް އެންމެ ފުރިހަމަ ސޮފްޓްވެއާއަށް ވާނެކަމަށެވެ.

އެކްސްޕެންގް އިން މި އުފެއްދުން ތައާރަފްކޮށްފައިވާއިރު، އެ ކުންފުނީގެ އުޅަނދުތަކުގެ ރޯ މެޓީރިއަލްގެ ހަރަދު ބޮޑުވުމުގެ ސަބަބުން އެކުންފުނީގެ ބައެއް ކާރުތަކުގެ އަގު ބޮޑު ކުރަން މިއަހަރު ވަނީ މަޖުބޫރުވެފައެވެ. އަދި ކޮވިޑާ ގުޅިގެން ޗައިނާގެ ސަރަހައްދުތައް މިއަހަރު ވެސް ފުރަބަންދު ކޮށްފައިވާތީ ވިޔަފާރި ދަށްވުމުގެ މައްސަލައާ ވެސް ވަނީ ކުރިމަތިވެފައެވެ.