25 Oct 2022, 09:26
ތިމާވެށީގެ އެކްޓިވިސްޓުންތަކެއް ތާރީހީ ފްރެންޗް ކުރެހުންތެރިޔެއްގެ އާޓްވޯކަކަށް އަލުވި އުކި މައްސަލައެއް ހޫނުވެއްޖެއެވެ.
ޖަރުމަނުގައި ހުރި ޕޮޓްސްޑަމް މިއުޒިއަމްގައި ބަހައްޓާފައިވާ އާޓްވޯކަކީ ފްރެންޗް ޕެއިންޓަރެއް ކަމަށްވާ ކްލޯޑް މޮނޭގެ އާޓްވޯކެކެވެ.
މި މައްސަލައަކީ މި ދާދިފަހުން ހިނގާފައިވާ މިފަދަ ސިލްސިލާ މައްސަލަތަކާ ގުޅޭ މައްސަލައެކެވެ. އެގޮތުން "ޖަސްޓް ސްޓޮޕް އޮއިލް" ނަމަކަށް ކިޔާ ޖަމިއްޔާއެއްގައި ހިމެނޭ ޒުވާނުންތަކެއް ވަނީ މިދިޔަ ހަފުތާގައި މަޝްހޫރު އާޓިސްޓު ވިންސެންޓް ވެންގޯގެ މަގުބޫލު އާޓްވޯކަކަށް ޓޮމާޓޯ ސޫޕް އުކާފައެވެ.
އެ މައްސަލައިގައި ހިމެނޭ ދެ ޒުވާނުންގެ މައްޗަށް ފިޔަވަޅު އަޅަމުންދާ ވަގުތެއްގައި މިފަހަރު އެހެން އާޓިސްޓެއްގެ ކުރެހުމަށް މިވަނީ އަލުވި، ނުވަތަ "މެޝްޑް ޕޮޓޭޓޯ" އުކާފައެވެ. މި ތަކެއްޗަކީ އެތައް ސަތޭކަ އަހަރުވެފައިވާ ތަކެއްޗަށް ވެފައި މިއުޒިއަމްގައި ބަހައްޓާފައި ހުރި އެއްޗެއްސަށް ވުމުން މި އަމަލުތައް ގިނަ ބަޔަކު އަންނަނީ ކުށްވެރި ކުރަމުންނެވެ.
ތިމާވެށްޓާ ގުޅޭ ދެ އެކްޓިވިސްޓުން މިގޮތަށް ކަންތައް ކޮށްފައިވަނީ ތިމާވެށްޓާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ކަމަށް އެމީހުން ބުންޏެވެ. އެމީހުން ބުނިގޮތުގައި ތިމާވެށީގެ ނާޒުކުކަން އެންމެންގެ ސަމާލުކަމަށް ގެނައުމަށް މިކަންތައް ކުރުމަށް މަޖުބޫރު ވީއެވެ.
މި މައްސަލައިގައި ހިމެނޭ ޒުވާނުން ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއުޒިއަމް އިން ގުޅުމުންނެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މިއުޒިއަމް އިން ބުނިގޮތުގައި އަލުވި އުކި އާޓްވޯކަކަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވާ ކަމެއް ފާހަގަވެފައެއް ނުވެއެވެ. އާޓްވޯކްތަަކަކީ ތާރީހީ އަގުބޮޑު އެއްޗެއްސަށް ވާތީ އެތަކެތި ހުންނާނީ ބިއްލޫރި ފޮށިގަނޑެއްގެ ތެރޭގައި ރައްކާކޮށްފައެވެ.