25 Oct 2022, 09:04
ފާއިތުވި ދެތިން ހަފުތާއެއްގެ ތެރޭގައި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އޭނާ އާ އެކު އެއްބަސްވުންތައް އޮތް ބޮޑެތި ކުންފުނިތަކުން އޭނާއާ ގުޅުން ކަނޑާލަން ފަށައިފިއެވެ.
ފާއިތުވި ދެތިން ހަފުތާއެއްގެ ތެރޭގައި ކާންޔޭ ވަނީ އެކި ކަންތައްތަކާ ގުޅޭގޮތުން ވަރަށް ފާޑުފާޑުގެ ދޮގު ވާހަކަ ދައްކާފައެވެ. އެގޮތުން ފުލުހުން އަނިޔާވެރިކޮށް މަރާލި ޖޯޖް ފްލޮއިޑްގެ މަރާ ގުޅޭ ގޮތުން ވެސް ދޮގު ވާހަކަ ތަކެއް ދެއްކި އިރު ޔަހޫދީންނާ ގުޅޭގޮތުން ވެސް ބައެއް ވާހަކަތަކެއް އޭނާ ވަނީ ދައްކާފައެވެ.
މިކަންތައް މިހާރު ސޯޝަލް މީޑިއާގައި ގޯސްވަމުން އަންނައިރު ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އަންނަނީ އޭނާ އެކައުންޓް ސަސްޕެންޑް ކުރަމުންނެވެ.
ކާންޔޭ އާއެކު ގިނަ ދުވަހެއް ވަންދެއް އެންމެ ގާތް ގުޅުމެއް އޮތް އެއް ކުންފުންޏަކީ މަޝްހޫރު ފެޝަން ބްރޭންޑް ވޯގްއެވެ. ވޯގްގެ އޯނަރު އެނާ ވިންޓުއާ އާއި ކާންޔޭ އާ ދެމެދުގައި ވެސް އޮތީ ގާތް ގުޅުމެކެވެ. ނަމަވެސް އެންމެފަހުން އެނާ ވަނީ އެ ގުޅުންތައް ކަނޑާލައި ވޯގް އާއެކު އޮތް އެއްބަސްވުންތައް ވެސް ރޫޅާލާފައެވެ.
ވޯގްގެ ސްޕޯކްސްޕާސަނަކު ބުނީ ކުރިއަށް އޮތް ތަނުގައި ކާންޔޭ އާއެކު އެއްވެސް ކަހަލަ ކޮލެބޮރޭޝަނެއް ވެސް ނުބާއްވާން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެއާއެކު ވޯގް އިން ބާއްވާ މެޓް ގާލާއަށް ވެސް ކާންޔޭ އަށް ދައުވަތު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހާމައެއް ކޮށްފައެއް ނުވެއެވެ.
ކާންޔޭއާއެކު މަސައްކަތް ކުރާ އަނެއް ކުންފުންޏަކީ ލަގްޒަރީ ބްރޭންޑް ބަލެންސިއާގާއެވެ. ބަލެންސިއާގާ އާ ގުޅިގެން ކާންޔޭ ބައެއް ކަހަލަ ލަގްޒަރީ ޕްރޮޑަކްޓުތައް އުފައްދައެވެ. ނަމަވެސް އެ ގުޅުން ކަނޑާލުމާއެކު ކާންޔޭއާއެކު އުފައްދާ ޕްރޮޑަކްޓުތައް ހެދުން ހުއްޓާލާނެއެވެ.