25 Oct 2022, 09:19
އެމެރިކާގެ އެކި ފަރުބަދަތަކަށް އަރައި ގައުމީ ރެކޯޑެއް މުގުރާލުމަށް އަހަރުގެ ކުއްޖަކު ތައްޔާރުވެއްޖެއެވެ.
ކޮލޮރާޑޯއަށް އުފަން އެންމެ އަށް އަހަރުގެ ސޭމް ބޭކާ އަކީ ތަފާތު އެކި ސަރަހައްދުގެ ކުދި ފަރުބަދަތަކަށް އަރައިގެން އެކި ކަހަލަ ރެކޯޑު ހޯދަމުން އަންނަ ކުއްޖެކެވެ. ނަމަވެސް މިފަހަރު އޭނާ އަޒުމު ކަނޑައަޅާފައިވަނީ ބޮޑު ރެކޯޑަކަށެވެ.
އެގޮތުން އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ޔޮސިމައިޓް ނޭޝަނަލް ޕާކްގެ އެލް ކަޕިތާން އަށް އެރުމަށް ސޭމް އަންނަނީ ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އޭނާ އެ ފަރުބަދައަށް އެރުމަށް މިހާރު މަސައްކަތް ކުރަމުން އަންނައިރު ސޭމް އަށް އެ ފަރުބަދައަށް އެރިއްޖެނަމަ އޭނާ ވާނީ އެތަނަށް އެރި އެންމެ ހަގު ކުއްޖައަށެވެ.
އެ ފަރުބަދައަށް އެރުމުގެ ކުރީން ފާއިތުވި ދެ އަހަރު ސޭމް ހޭދަކޮށްފައިވަނީ ތަފާތު އެކި ޓްރެއިނިންތައް ހެދުމުގައެވެ.
"ފާއިތުވި ދެ އަހަރުގެ ތެރޭގައި ހަމަ ކޮންމެ ދުވަހަކު ސޭމް ޓްރެއިން ކުރަމުން މި ގެންދަނީ،" ސޭމްގެ ބައްޕަ ޖޯ ބޭކާ ބުންޏެވެ.
ސޭމް ފަރުބަދައަށް އަރާނީ އޭނާގެ ބައްޕައާ އެކުގައެވެ. އޭނާ އާންމުކޮށް ހުރިހާ ބުރަކު ވެސް ފަރުބަދަތަކަށް އަރާފައިވަނީ އޭނާގެ ބައްޕައާ އެކުގައެވެ.
އެލް ކަޕިތާން އަށް އެރުމަށް ތައްޔާރުވާއިރު މި ފަރުބަދައަކީ ދުނިޔޭގައި ވެސް އެންމެ އެރުމަށް އުނދަގޫ ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ އެއް ފަރުބަދައެވެ.
ޖޯ ބުނިގޮތުގައި ފާއިތުވި ހަފުތާ ތަކުގައި ތައްޔާރުވަމުން އައީ މި ފަރުބަދައަށް އެރުމަށް ކުރަން ޖެހޭ ކަންތައްތަކާއެކުގައެވެ. އޭގެތެރޭގައި ދެމީހުން އެރުމަށް އެންމެ އެކަށީގެންވާ ސަރަހައްދުތަކާއި ކަމެއް ގޯސްވެއްޖެ ހާލަތެއްގައި ކަންތައް ކުރާނެ ގޮތް ސޭމް އަށް ކިޔައިދިނުމުގައި ފާއިތުވި ހަފުތާތައް ހޭދަކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
ސޭމް އާއި ޖޯގެ އިތުރުން ދެ މީހަކު އަދި އެ ދަތުރުގައި ބައިވެރިވާނެއެވެ. ހުރިހާ އެންމެންވެސް އެމީހުންގެ އަމިއްލަ ފެނާއި ކާއެއްޗެހި ގެންދަން ޖެހޭއިރު އެ ދަތުރަކީ އުނދަގޫ ދަތުރަކަށް ވާނެ ކަމަށް ޖޯ ގަބޫލު ކުރެއެވެ. ނަމަވެސް ދަތިތަކާއެކުގައި ވެސް ފަރުބަދައަށް އަރައި އެ ދަތުރު ފުރިހަމަ ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޖޯ ބުންޏެވެ.