ބަޖެޓު ނެތިގެން ދުނިޔޭގެ ތަރިކައިގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށް ދަތިތަކެއް ކުރިމަތި ވެފައިވާ ކަމަށް ހެރިޓޭޖް ޑިޕާޓް މަންޓުން މިއަދު ބުނެފި އެވެ.

އެ ޑިޕާޓްމަންޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބަޖެޓު ނުލިބިގެން މި ފަހަރު ތަރިކައިގެ ދުވަސް ފާހަގަ ކުރުމަށް ބޮޑަތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ކަމަށާއި ގިނަ ކަންތައްތަކެއް އެދުވަހާ ދިމާކޮށް ކުރަން ރާވާފައި ހުރިނަމަވެސް އެ ހަރަކާތްތައް ނުބޭއްވޭނެ ކަމަށެވެ.

"ރިސޯޓުތަކުގެ މެދުގައި ބޮއްކުރާރޭހަކާއި ސުކޫލުކުދިނަ ހާއްސަކޮއްގެން ބަސް ދަތުރެއް ކުރިއަށް ގެންދިއުމަށް ކުރިން ހަމަޖަސައިފައި އޮތީ. ނަމަވެސް ބަޖެޓު ނުލިބުމުން މިހުރިހާކަމެއް މިހާރުވަނީ ކުރެވޭގޮތް ނުވެފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޕޮންސަރުން ހޯދައިގެން ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްވެސް ބަޖެޓްގެ ނުލިބިގެން މިހާރު ނިންމާފައިވަނީ މީޑިއާ ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތަކެއް ހިންގުމަށް ކަމަށެވެ.

ކޮންމެ އަހަރެއްގެ އޭޕްރީލްމަހުގެ 18 ވަނަ ދުވަހު ފާހަގަކުރާ ތަރިކައިގެ ދުވަހުގެ މި އަހަރުގެ ޝިއާރަކަށް ޔުނެސްކޯއިން ކަޑައަޅާފައިވަނީ "ވޯލްޑު ހެރިޓޭޖް- ދަ ފޯޓީއަތް އެނިވަރސަރީ އޮފް ދަ ވޯލްޑް ހެރިޓޭޖު ކޮންވެންޝަން ރިކޮގްނައިޒިންގް ޗެލެންޖެސް ފޯ ދަ ފިއުޗަރ" އެވެ.