24 Oct 2022, 18:44
އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް ރިޝީ ސުނާކް އިންތިހާބުވެއްޖެއެވެ.
ރިޝީ މި މަގާމަށް އިންތިހާބުވެވަޑައިގަތީ އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބުވުމާއި ގުޅިގެންނެވެ.
ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ރިޝީ އާ ދެކޮޅަށް އެ ގައުމުގެ ހައުސް އޮފް ކޮމަންސްގެ ލީޑަރު ޕެނީ މޯޑައުންޓް ކުރިމަތިލާފައިވާއިރު އޭނާއަށް ލިބިފައިވަނީ 30 މެމްބަރުންގެ ވޯޓެވެ. އަދި ރިޝީ ސުނާކް އަށް 150 މެމްބަރުންގެ މެޖޯރިޓީއެއް ވަނީ ލިބިފައެވެ.
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސް އިސްތިއުފާދެއްވުމާއި ގުޅިގެން ބޮޑުވަޒީރުކަމުގެ ރޭހަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ކުރިމަތިލައްވަން ގަސްތުކުރެއްވިއެވެ. ނަމަވެސް އޭނާ ވަނީ ތާއީދު ނުލިބުމުން އެ ނިންމެވުން ފަހުން އަނބުރާ ގެންގޮސްފައެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާއި ރިޝީ ރަސްމީކޮށް ހަވާލުވެ ވަޑައިގަންނަވާނީ ރަސްގެފާނު ޗާލްސް އޭނާ އެ މަގާމަށް އައްޔަންކުރެއްވުމުންނެވެ.
ރިޝީ ސުނާކު އަކީ އިންޑިއާ ދަރިކޮޅުގެ ބޭފުޅެކެވެ. އުމުރުން 42 އަހަރުގެ ސުނާކު އަކީ ބޮރިސް ޖޯންސަންގެ ސަރުކާރުގައި މާލީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޖޯންސަން ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމާއެކު އެމަގާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ސުނާކު ހިމެނިވަޑައިގެންނެވިއެވެ. އެފަހަރު އޭނާއަށްވީ ނާކާމިޔާބެވެ.
ޖޯންސަން އަށްފަހު ކޮންޒަވެޓިވް ޕާޓީގެ ލީޑަރުކަން ހޯއްދަވައިގެން ބޮޑުވަޒީރުކަން ކާމިޔާބުކުރެއްވީ މިހާރުގެ ބޮޑުވަޒީރު ލިޒް ޓްރަސްއެވެ. ބޮޑުވަޒީރުކަމުގެ ރޭހުގައި އެފަހަރު ޓްރަސްއާ އެންމެ ގާތުން ވާދަ ކުރެއްވީ ސުނާކުއެވެ. ޓްރަސް އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އިސްތިއުފާ ދެއްވީ ކޮންޒަވެޓިވް ޕާޓީގެ ލީޑަރުކަމުންނެވެ. ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމުން އުސޫލެއްގެ ގޮތުން ބޮޑުވަޒީރުކަމުންވެސް އިސްތިއުފާ ދެއްވުނީއެވެ.
ޓްރަސް އިސްތިއުފާ ދެއްވީ ބޮޑެތި މައްސަލަތަކެއްގެ ތެރެއަށް ވެއްޓިފައިވާ އިނގިރޭސިވިލާތުގެ އިގްތިސާދު ނެގެހެއްޓުމުގައި ނާކާމިޔާބުވެ ވަޑައިގަތުމާއެކު ޕާޓީގެ ތެރެއިން ކުރިމަތިވި ވަރުގަދަ ފިއްތުންތަކުގެ ސަބަބުން އެހެން ގޮތެއް ނެތިގެންނެވެ. އިސްތިއުފާ ދެއްވިނަމަވެސް އާ ބޭފުޅަކު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވަންދެން ޓްރަސް ހުންނަވާނީ ބޮޑުވަޒީރުކަމުގެ މަގާމުގައެވެ.