24 Oct 2022, 17:50
އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އުފައްދާފައިވާ ދިވެހިބަހުން ވާހަކަދައްކާ ފުރަތަމަ ވާޗުއަލް އެސިސްޓެންޓް އުރީދޫ މޯލްޑިވްސްއިން މިއަދު ތައާރަފްކޮށްފިއެވެ.
ދިވެހި ބަހުން ވާހަކަދައްކާ ފުރަތަމަ ވާޗުއަލް އެސިސްޓެންޓް "އެވީ" ތައާރަފް ކޮށްދެއްވީ، މޭންހެޓަން ބިޒްނަސް ހޮޓެލްގައި އެކަމަށް ހާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ.
އެ ރަސްމިއްޔާތުގައި ޝައުނާއާއެކު ބައިވެރިވެވަޑައިގަތީ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫންއެވެ.

އުރީދޫގެ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އުރީދޫން ތައާރަފްކުރި ވާޗުއަލް އެސިސްޓެންޓް "އެވީ" މެދުވެރިކޮށް، ކަސްޓަމާ ކެއާ ހޮޓްލައިން 929 ނަންބަރަށް ގުޅުމުގެ ބަދަލުގައި ޑޭޓާ، ވޮއިސް އަދި އެސްއެމްއެސްގެ ބާކީ ހުރި ވަރު ބަލައިލެވޭނެއެވެ. އަދި ބިލުތަކާ ބެހޭ މައުލޫމާތު ވެސް ހޯދޭނެއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ އުރީދޫން ތައާރަފްކުރި އެ ޚިދުމަތާއެކު އެކި އުމުރުފުރާގައި އުރީދޫގެ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑަށްވެސް ފަސޭހަވާނެ ކަމަށެވެ.

އުރީދޫގެ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ގިނަ ފަހަރަށް ޓެކްނޮލޮޖީ ކުރިއަރާ ވަރަކަށް ބައެއް މީހުން އެ ޚިދުމަތްތައް ބޭނުންކުރުމަށް ނުކުޅެދޭ ކަމަށާއި ދިވެހި ބަހުން ވާހަކަދައްކާ ވާޗުއަލް އެސިސްޓެންޓެއް ތައާރަފްކުރުމަކީ އެކަމަށް ވެސް ލިބިގެންދާ ހައްލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ޓެކްނޮލޮޖީގެ އެއްވެސް ޚިދުމަތަކުން އެއްވެސް ރައްޔިތެއް ބާކީވެގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެވީ ތައާރަފް ކުރުމުގެ އިތުރުން އުރީދޫއަށް ހާއްސަ ތާނަ ފޮންޓެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.
އެ ފޮންޓު ތައާރަފުކޮށްދެއްވީ މިނިސްޓަރު ޔުމްނާއެވެ.

އުރީދޫގެ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އެ ފޮންޓާ ގުޅޭ ގޮތުން އުރީދޫގެ ބްރޭންޑް މެނޭޖަރު މުހައްމަދު އަކްޝަމް ވިދާޅުވީ، އެ ފޮންޓަކީ ދުރާލައި މަސައްކަތް ކޮށްގެން، ވަރަށް ބައިވަރު މީހުންގެ ހިޔާލާއި އެހީތެރިކަމާއެކު އުފެއްދި ފޮންޓެއް ކަމަށެވެ.
"އުރީދޫގެ ރީބްރޭންޑިންއާ އެކު ކުންފުނީގެ ލޯގޯ އާއި ކުލަ އަދި ސްލޯގަން ވެސް މިފަހުން ބަދަލުކޮށްފައި ވާއިރު، އަޅުގަނޑުމެން ބޭނުންވީ ކުންފުނީގެ އައިޑެންޓިޓީއާ ގުޅޭ އަމިއްލަ ފޮންޓެއް ފަރުމާ ކުރުމަށް،" އޭނާ ވިދާޅުވިއެވެ.

އުރީދޫގެ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އުރީދޫގެ ފޮންޓުގެ ހަތަރު ސްޓައިލެއް ހިމެނެއެވެ. އޭގެތެރޭގައި ލައިޓް، ރެގިއުލާ، ބޯލްޑް އަދި އެކްސްޓްރާ ބޯލްޑް ހިމެނެއެވެ.
އުރީދޫން ބުނީ އެ ފޮންޓު ފަރުމާކޮށްދިނީ އެއްވެސް އަގަކާ ނުލައި ގިނަ އަދަދެއްގެ ތާނަ ފޮންޓު އަމިއްލައަށް ފަރުމާކޮށް އަދި އާންމުންނާ ހަމައަށް ގެނެސްދޭ ހުސައިން ނިޔާޒު ކަމަށެވެ.